ރާއްޖެ ކުޅިވަރު

21 ކުލަބަކުން ޓޮމް އެންޑޯޒް ކޮށްފި

އަންނަ މަހު 20 ވަނަ ދުވަހު ބާއްވާ ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަންގެ އިންތިހާބުގައި އެފްއޭއެމްގެ ރައީސް ކަމަށް ކުރިމަތި ލެއްވި އަހްމަދު ތޯރިގް (ޓޮމް) އަށް ތާއީދު ކުރާކަން ތިން ޑިވިޝަންގެ 21 ކުލަބަކުން ބުނެފި އެވެ.

އެފްއޭއެމްގެ އިންތިހާބު ބާއްވަން ޖެހުނީ މެއި މަހު 31 ވަނަ ދުވަހު ބޭއްވި އިންތިހާބުގައި އެފްއޭއެމްގެ ރައީސް ކަމަށް ވަޑައިގެންނެވި ތޯރިގްގެ އެކްސްކޯގައި ހިމެނުނު މެންބަރުންގެ ތެރެއިން ފަސް މެންބަރުން އިސްތިއުފާ ދިނުމުން އެކްސްކޯގެ ހައިސިއްޔަތު ގެއްލުމުންނެވެ.

ޓޮމްއަށް ތާއީދު ކުރާކަން ހާމަޮކޮށްފައިވަނީ ފުރަތަމަ ޑިވިޝަންގެ ހަ ކުލަބާއި ދެ ވަނަ ޑިވިޝަންގެ ނުވަ ކުލަބުގެ އިތުރުން ތިން ވަނަ ޑިވިޝަންގެ ހަ ކުލަބަކުންނެވެ.

ފުރަތަމަ ޑިވިޝަންގެ އަށް ޓީމުގެ ތެރެއިން ބީޖީ އާއި ވެލެންސިއާ ފިޔަވައި އަނެއް ހަ ކުލަބުން ވަނީ ޓޮމް އަށް ތާއީދުކޮށްފަ އެވެ.

ދެ ވަނަ ޑިވިޝަނުން ތާއީދު ކުރަނީ ގްރީން ސްޓްރީޓް، އޭވައިއެލް، މަހިބަދޫ ސްޕޯޓްސް ކުލަބު، ޖޭޖޭ ސްޕޯޓްސް ވިޔަންސާ، ޕީކޭ ސްޕޯޓްސް، ޒެފްރޯލް، މޮނާކޯގެ އިތުރުން ސްޕޯޓްސް ކުލަބު ވެލޯޒިއާއެވެ.

ތިން ވަަނަ ޑިވިޝަނުން ތާއީދު ކުރާނީ މުއިވެޔޮ ފްރެންޑްސް، އޮފްއެފްސީ، ކުލަބު ގާމަގު، ސީލޭންޑް ސްޕޯޓްސް، އެމްއެސް ހެލްޕިން ހޭންޑް، ކުލަބު ރިވާސައިޑެވެ.

އަވަސްއާ ވާހަކަ ދައްކަމުން ޓޮމް ވިދާޅުވީ އޭނާ ފެށި ޕްލޭންތައް ކޮންޓިނިއު ކުރަން ބޭނުންވާ ކަމަށާއި އެކްސްކޯގެ ފަސް މެންބަރުން އިސްތިއުފާ ދިނީ އެފްއޭއެމްގެ އާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ މަސައްކަތް ވެސް ފެށުމަށް އެކަމާ ހަވާލުވާ ކުންފުނިން ރާއްޖެ އަންނަން ހަމަޖެހިފައިވަނިކޮށް ކަމަށެވެ.

"ޖެންސް ބެންގްސްބޯގެ ޕްލޭން ވެސް މަސައްކަތްތައް ފަށާފައިވަނީ، އެފްއޭއެމްގެ ސްޓްރެޓެޖިކް ޕްލޭން ވެސް މަސައްކަތް ވެސް ކުރިއަށްގެންދިއުމުގެ މަރުހަލާގަ އޮތީ. ފުރުސަތު ދީފިނަމަ އެ މަސައްކަތް ކުރިއަށް ގެންދާނަން،" ޓޮމް ވިދާޅުވިއެވެ.

އެކްސްކޯގެ އެހެން މެންބަރުންގެ ގޮތުގައި ކުރިމަތިލާފައިވަނީ ކުލަބުތައް ހިންގުމުގައި އިސްކޮށް އުޅުނު ފަރާތްތައް ކަމަށާއި މަސައްކަތްތައް އޮގަނައިޒްކޮށް ކުރިއަށް ގެންދަން ފަސޭހަ ވާނެ ކަމަށެވެ.