- ޕާޓީގެ ހިންގުމުގެ ގާނޫނީ ބާރު ރައީސް ޔާމީންއަށް ލިބޭ
- މައުމޫން ބޭއްވެވި ކައުންސިލް ސައްހަކަމާ މެދު ސުވާލު
- ޕީޕީއެމްއަށް އޮތް ފަރުވާއަކީ ގައުމީ ޖަލްސާ
ޕީޕީއެމްގެ އެތެރޭގެ މައްސަލަތައް ހޫނުވެ، ޕާޓީ ދެބައިވެފައިވާ އިރު އެކަންތައް ސުލްހަވެރިކޮށް ހައްލުވުމުގެ އަލި މަގެއް ފެންނާކަށް ނެތެެވެ. މައްސަލަ ހޫނުވެފައި މިއޮތީ، ޕާޓީގެ އެންމެ މުހިންމު ދެ ބޭފުޅުން ކަމަށްވާ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި އެމަނިކުފާނުގެ އެއްބަފާ ކޮއްކޯފުޅު ރައީސް އަބްދުﷲ ޔާމީންއާ ދެމެދުގަ އެވެ. މި ކޯޅުމަކާ ހުރެ، މުޅި ޕީޕީއެމްގެ އޮނިގަނޑުގެ ހިނގުން މި ވަނީ ހުއްޓުމަކަށް އައިސްފައެވެ.
ކައުންސިލް އިންތިހާބަށް ދެ މަހަކަށް ވެފައިވަނިކޮށް ސަރުކާރު ހިންގާ ޕާޓީގައި މި ޖެހުނު މައްސަލަތައް ހައްލުކުރަން އެ ޕާޓީގެ ޕީޖީ ގްރޫޕުން މަސައްކަތްކޮށްފައިވީ ނަމަވެސް، ޕާޓީގެ ދެފަޅިއަކަށް ބައިވެ ކޮންމެ ބަޔަކު ވެސް މި ވަނީ ޕާޓީގެ މުހިންމު ކަންތައްތަކެއް ނިންމައިފަ އެވެ.
ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ކަމަށް ބުނެ، ކިރިޔާ އެންމެ ކޯރަމް ހަމަވާ އަދަދު 11 މެންބަރުންނާ އެކު މައުމޫން އިއްޔެ ކައުންސިލް ބައްދަލުވުން ބޭއްވެވި އިރު، ސިވިލް ކޯޓްގެ އަމުރަކުން ބާރު ލިބިގެން ރައީސް ޔާމީން ރިޔާސަތު ބެލެހެއްޓެވި ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް އިއްޔެ ވަނީ ބާއްވައިފަ އެވެ.
މައުމޫން ވެސް ސެކްރެޓަރީ ޖެނެރަލެއް އައްޔަން ކުރެއްވި އިރު، ރޭގެ ކައުންސިލް ބައްދަލުވުމުގައި ވެސް ހަމަ އެ މަގާމަށް ބޭފުޅަކު ހަމަޖެއްސި އެވެ. ހަމަ ހަގީގަތުގައި ޕީޕިއެމް މި ވަނީ ރަނގަޅަށް ވެސް ދެބައިވެ، ވަރުގަދަ ހަނގުރާމައެއް ފެށިފަ އެވެ.
ކޮންމެއަކަސް ޕީޕީއެމް ތެރޭގައި ނިންމާ އެކި ނިންމުންތަކަށް ރައްދުދޭން ދެ ފަޅިން ވެސް ގެންގުޅޭ ހަތިޔާރަކީ ޕާޓީގެ އަސސީ ގަވާއިދެވެ. ދެ ކޮޅުން ވެސް ހިފައި ވާން ކުރަނީ އެ ގަވައިދުގެ ތަފާތު މާއްދާތަކަށެވެ. އާންމު މެންބަރުންނަށް ވެސް މި ވަނީ ވާނުވާ ކަންތައްގަނޑެއްގެ ތެރޭގަ އެވެ. ދެ ފަރާތުން ކުރެ، ޕާޓީގެ އަސާސީ ގަވާއިދަށް ތިބީ ކޮންފަޅިއެއް ހެއްޔެވެ؟
ދެ ކައުންސިލް ބައްދަލުވުމެއް، ސައްހަތަ؟
ގިނަ ދުވަސްތަކަކަށްފަހު ކައުންސިލް ބައްދަލުވުންތަކެއް ނުބާއްވައި އޮތުމަށްފަހު އިއްޔެ ވަނީ އެ ޕާޓީގެ ކައުންސިލް ދެ ބައްދަލުވުމެއް ބާއްވާފަ އެވެ. ދެ ފެކްޝަނުން ދެ ބައްދަލުވުމެވެ. ދެކޮޅުން ވެސް ތުހުމަތުކުރަނީ އިދިކޮޅު ފެކްޝަނުގެ ބައްދަލުވުން ސައްހަ ނޫން ކަމަށެވެ. އަދި އަސާސީ ގަވައިދަށް ފުށުއަރާ ކަމަށެވެ.
އިއްޔެ މެންދުރު ޕީޕީއެމްގެ މައި އޮފީހުގައި ރައީސް މައުމޫންގެ ރިޔާސަތުގެ ދަށުން ބޭއްވި ކައުންސިލް ބައްދަލުވުމަކީ ވަކި ގޮތަކަށް އަމަލުކުރުމަށް ޝަރުއީ ކޯޓަކުން ހުކުމްކޮށްފައި އޮތްވާ ބޭއްވި ބައްދަލުވުމެކެވެ. މައުމޫން ހުކުމް ގަބޫލު ނުކުރައްވަ އެވެ. އެކަމަކު މައުމޫން ހުކުމް ގަބޫލު ނުކުރެއްވުމަކީ އެ ހުކުމާ ދެކޮޅަށް އެމަނިކުފާނު އަމަލު ކުރައްވައި ކޯޓަށް ގޮންޖެއްސެވުމަކީ އެމަނިކުފާނަށް އޮތް ހައްގެއް ނޫނެވެ. އެމަނިކުފާނި ވަޑައިގަންނަވަން ޖެހޭނީ އިސްތިއުނާފަށެވެ.
ސިވިލް ކޯޓުން ކުރި އަމުރުގައި ބުނެފައިވަނީ ޕާޓީގެ ރައީސްއަށް އެ މަގާމު އަދާކުރުމަށް އުޒުރުވެރިވެފައިވުމުން، ޕާޓީގެ ހިންގުން މުސްތަޝާރާ ހަވާލުކޮށް 24 ގަޑިއިރު ތެރޭގައި ކައުންސިލް ބައްދަލުވުމެއް ބޭއްވުމަށެވެ. އެހެން ކަމުން އެ ބައްދަލުވުން މައުމޫންއަށް ބޭއްވިދާނެ ކަމާ މެދު ސުވާލު އުފެދެ އެވެ. އެހެން ނަމަވެސް އެ އަމުރުން ޕާޓީގެ ކައުންސިލް ބައްދަލުވުމެއް ބޭއްވުމަށް ރައީސް ޔާމީންއަށް ބާރުލިބެ އެވެ.
ދެން އޮތީ ރައީސް، މައުމޫން ބޭއްވި ކައުންސިލް ބައްލަވުމުގެ ފޯމޭޝަނެވެ. ކައުންސިލުން ހުސްވާ މަގާމަށް މެންބަރުން އައްޔަން ކުރެވޭނީ، ކައުންސިލްގެ ލަފާގެ މަތިން، ފާސްކޮށްގެން ކަމަށް ޕާޓީގެ އަސާސީ ގަވާއިދުގައި ވަނީ ސާފުބަހުން ލިޔެފަ އެވެ. އޭގެ މާނައަކީ ކައުންސިލަށް މުޅިން އަލަށް ހަމަޖައްސާ މެންބަރަކަށް ކައުންސިލްގައި ބައިވެރިވެ ޒިންމާތައް އުފުލޭނީ، އަދި ރަސްމީ ގޮތުން ކައުންސިލްގެ ގޮނޑިއެއް ލިބޭނީ ކައުންސިލްގެ ބައްދަލުވުމެއްގައި ފާސްކޮށްގެންނެވެ.
އެހެން ނަމަވެސް މިދިޔަ ހޮނިހިރު ދުވަހު މައުމޫން އަމިއްލަ ފުޅަށް ކައުންސިލަށް އައްޔަން ކުރެއްވި، ދެ މެންބަރުން ކަމަށްވާ އުމަރު ނަސީރާއި އަހުމަދު ސޮފްވާން ކައުންސިލްގައި އިއްޔެ ބައިވެރިވީ ކައުންސިލުން ފާސްނުކޮށެވެ. އަދި ކައުންސިލްގެ ކޯރަމް ކިރިޔާ ހަމަވީ ވެސް އެދެ ބޭފުން ހިމަނައިގެންނެވެ. އަދި އެދެބޭފުޅުންނަށް ކައުންސިލްގެ މެންބަރުކަން ދޭން ކައުންސިލުން ރުހުން ދިން ވޯޓުގައި ވެސް އެދެބޭފުޅުން ވެސް ބައިވެރިވި އެވެ.
ކައުންސިލް ބައްދަލުވުމުގެ ކޯރަމަކީ 11 މެންބަރުން ކަމަށްވާއިރު އެ ބައްދަލުވުމުގައި ބައިވެރިވީ ވެސް 11 މެންބަރުންނެވެ. އެއީ އުމަރާއި ސޮފްވާނާއި ފާރިސް އަދި ނާދިރާ ވެސް ހިމަނައިގެންނެވެ.
ޕާޓީގެ މެންބަރުން ކަމާ މެދު ވެސް މިހާރު ސުވާލު އުފެދިފައިވާ، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނާއި ނާދިރާ ވެސް އެ ކައުންސިލްގައި ބައިވެރިވި އެވެ. އެކަމަކު ފާރިސްގެ ނަމަކީ، މިހާރު ޕީޕީއެމްގެ މެންބަރުންގެ ދަފްތަރުން ވެސް އުނިކޮށްފައިވާ ނަމެކެވެ. ފާރިޝް އަކީ މެންބަރެއް ކަމަށް މައުމޫން ގަބޫލު ކުރެއްވިއަސް ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތުން ފާރިޝްގެ ނަން އުނިކުރުމުން ފާރިޝްއަށް ޕާޓީގެ ތެރެއިން ލިބޭނެ ހައިސިއްޔަތެއް ނޯންނާނެ އެވެ. އެބޭފުޅާގެ ސުލޫކީ މައްސަލައެއް ކުރިމަތިވެ، އެންމެ ފަހުން ޕާޓީ އިން ވަކިކުރަން ވަނީ ނިންމައިފަ އެވެ. ނާދިރާގެ މައްޗަށް ވެސް އޮތީ މިކަހަލަ މައްސަލަތަކެކެވެ.
މި ސަބަބުތަކާ ހުރެ މައުމޫން ބޭއްވެވި ކައުންސިލް ބައްދަލުވުގެ ގާނޫނީ ހައިސިއްޔަތާ މެދު މި ވަނީ ސުވާލު އުފެދިފަ އެވެ.
ރޭ ވަނީ ސިވިލް ކޯޓުގެ ހުކުމްގައިވާ ގޮތަށް އެ ޕާޓީގެ މުސްތަޝާރުގެ ރިޔާސަތުގައި ކައުންސިލް ބައްދަލުވުމެއް ބާއްވާފަ އެވެ. އެހެންނަމަވެސް ޕާޓީގެ އަސާސީ ގަވައިދުގައި ބުނަނީ ގޮތުން ކައުންސިލް ބައްދަލުވުމެއް ބޭއްވޭނީ ޕާޓީގެ ރައީސްގެ ރިޔާސަތުގަ އެވެ.
އަސާސީ ގަވައިދުގެ 28 ވަނަ މާއްދާގެ (ށ)ގައި ވަރަށް ސާފުކޮށް އެކަން ބަޔާންކޮށްފައިވެ އެވެ. ރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައި ޕާޓީގެ ރައީސް ބައިވެރިވެވަޑައިގެންފައިނުވެ އެވެ. އަސާސީ ގަވާއިދު އެހެން އޮތް، ނަމަވެސް ކޯޓުން ކުރި ހުކުމުން ރައީސްއާ ނުލާވެސް ކައުންސިލް ބޭއްވުމަށް އޮތީ ފުރުސަތު ލިބިފަ އެވެ.
ކޯޓުން ކޮށްފައިވާ އަމުރުގައި ވެސް ރައީސް މައުމޫނަކީ ޕީޕީއެމްގެ ރައީސް ނޫން ކަމަށް ކަނޑައަޅާފައެއް ނުވެ އެވެ.
ޕާޓީގެ ރައީސް މަގާމުން ވަކިކުރެވޭނެ ނުވަތަ ވަކިވާނެ ސަބަބުތައް އަސާސީ ގަވައިދުގެ 55 ވަނަ މާއްދާގައި ބަޔާންކޮށްފައިވެ އެވެ. އެއީ، މަގާމުގެ މުއްދަތު ހަމަވުމާއި ޝަރުއީ ކޯޓަކުން ޖިނާއީ ހުކުމެއް އައުމާއި އިތުބާރު ނެތްކަމުގެ ވޯޓެއް ފާސްވުމާއި ގާނޫނުގައިވާ ގޮތުން އިފްލާސް ކުރެވުމާއި މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރެވޭވަރުގެ ދާއިމީ ހާލަތެއް މެދުވެރިވުމެވެ. ސިވިލް ކޯޓުގައި ހުކުމުގައި ބުނެފައި ވަނީ މައުމޫން ވަނީ ޕާޓީ ހިންގަން އުޒުރުވެރިވެ ނޫނީ ނުކުޅެދިފައި ކަމަށެވެ.
އަސާސީ ގަވައިދުގައި އެހެން ބުނެފައިވީ ނަމަވެސް ސިވިލް ކޯޓުން މުސްތަޝާރަށް ޕާޓީ ހިންގުން ހަވާލުކުރުމަށް ވަނީ ހުކުމްކޮށްފަ އެވެ. އެ ހުކުމް މިހާތަނަށް އެޕީލް ކޯޓުން ބާތިލުކޮށްފައިނުވާތީ ހުކުމް ތަންފީޒުކުރުން ލާޒިވާނެ އެވެ. ރުހުނަސް ނުރުހުނަސް، ގާނޫނު އަސާސީގައި ހުކުމްތަކަށް ތަބާވުމަށް ވަނީ ކޮންމެ ދިވެހި ރައްޔިތަކަށް ލާޒިމްކޮށްފަ އެވެ.
ރައީސް މައުމޫން ވަނީ ހުކުމް ގަބޫލުނުކުރައްވައި، އިސްތިއުނާފަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ. އެހެންނަމަވެސް ހައިކޯޓުން ސިވިލް ކޯޓުގެ ހުކުމް ތަންފީޒުކުރުން މަޑުޖައްސާލުމަށް އަމުރެއް ނުނެރޭހާ ހިނދަކު ހުކުމް ތަންފީޒުކުރަންޖެހޭނެ އެވެ. ހުކުމް ތަންފީޒުކުރުން މަޑުޖައްސާލުމަށް ހައިކޯޓުގައި ވަގުތީ އަމުރަކަށް އެދުމުގެ ފުރުސަތު އޮންނާނެ އެވެ. އެކަމަކު އެކަން މައުމޫން އަދި ނުކުރައްވަ އެވެ.
ޕާޓީ ހިންގަން މުސްތަޝާރަށް ޖާގަދޭތަ؟
އިއްޔެ ކޯޓުން ހުކުމް ކުރީ ޕީޕީއެމްގެ ހިންގުން ޕީޕީއެމްގެ އަސާސީ ގަވައިދާއި ހިންގާ ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދިއުމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އުޒުރުވެރިވަމުން އަންނަ ކަމަށް ބުނެ އެވެ. ޕީޕީއެމްއަކީ ޕީޕީއެމްގެ ކައުންސިލުން ކަނޑައަޅާ ސިޔާސަތުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ހިންގަންޖެހޭ ޕާޓީއަކަށްވިޔަސް ޕީޕީއެމްގެ ކައުންސިލުން ކަނޑައަޅާފައިވާ ސިޔާސަތުން ބޭރުން ޕީޕީއެމްގެ ރައީސް އަމަލުކުރަމުންދާ ކަމަށް ހުކުމް ސާފުކޮށްދެ އެވެ.
ޕާޓީގެ އަސާސީ ގަވައިދާ ހިލާފަށް އަމަލުކުރަމުންދާ ކަމަށް ބުނެ ކޯޓުން ޕާޓީގެ ހިންގުން މުސްތަޝާރާ ހަވާލުކުރަން އެންގިއިރު އެ ޕާޓީގެ އަސާސީ ގަވައިދުގައިވަނީ ޕީޕީއެމްގެ މުސްތަޝާރަކީ ޕާޓީގެ ހިންގުމުގައި އަދި ޕާޓީގެ ސިޔާސަތުތައް ކަނޑައެޅުމުގައި އެއްވެސް އަމަލީ ދައުރެއް އޮންނަ ފަރާތެއް ނޫންކަމަށް ވަނީ ބުނެފަ އެވެ. އަސާސީ ގަވާއިދު އޮންނަ ގޮތުން، މުސްތަޝާރަށް އޮންނަ ހަމައެކަނި މެންޑޭޓަކީ، ޕާޓީ ހިންގުމަށް ޕާޓީގެ ރައީސްއަށް ލަފަޔާއި މަޝްވަރާ ދިނުމެވެ.
އުމަރު އައްޔަންކޮށް، އަދުރޭ ވަކިކުރެވޭނެތަ؟
ޕާޓީގެ ނައިބު ރައީސް އަބްދުލް ރަހީމް އަބްދުﷲ އަކީ ކޮންގްރެސްއިން އިންތިހާބުކުރެވުނު ނައިބު ރައީސްއެއް ނޫނެވެ. އޭނާއަކީ ޕާޓީގެ ރައީސް ކައުންސިލަށް އައްޔަންކުރައްވަން ޖެހޭ ތިން މެންބަރުންގެ ތެރެއިން ކައުންސިލަށް ވަޑައިގެން މެންބަރެކެވެ. ނައިބު ރައީސްކަން އަބްދުލް ރަހީމަށް ލިބިވަޑައިގަތީ ނައިބު ރައީސްގެ މަގާމު ހުސްވުމުން، ޕާޓީގެ ރައީސް މައުމޫން އެންޑޯޒް ކުރައްވައިގެން ކައުންސިލް އިން ފާސްކޮށްގެންނެވެ. އެއީ އަސާސީ ގަވާއިދުގައި ވެސް އެކަން ކުރަން އޮތްގޮތެވެ.
ކައުންސިލުން މެންބަރުން ވަކިކުރާނެ ގޮތް އަސާސީ ގަވައިދުގައި ބަޔާންކޮށްފައިނުވެ އެވެ. އެހެން ވެއްޖިއްޔާ ދެން ހަދަންވީ ކިހިނެތް ހެއްޔެވެ؟
އަސާސީ ގަވާއިދުގެ 29 ވަނަ މާއްދާގެ (ހ) ގެ 12 ގައި ބުނެފައިވަނީ ކައުންސިލަށް ޕާޓީގެ ރައީސް އައްޔަންކުރާ މެންބަރުން އައްޔަންކުރަން ޖެހޭނީ ކައުންސިލްގެ އެހެން މެންބަރުންގެ މަޝްވަރާގެ މަތިން ކަމަށެވެ. ކައުންސިލުން މެންބަރުން ވަކިކުރެވޭނެ ގޮތެއް އަސާސީ ގަވައިދުގައި ނުވެ އެވެ. އަސާސީ ގަވައިދުގެ 88 ވަނަ މާއްދާގައި ބުނެފައިވަނީ އެ ގަވައިދުގައި ނެތްކަމެއް ދިމާވެއްޖެނަމަ އެކަން ހައްލުކުރަން ޖެހޭނީ ޕާޓީގެ ކައުންސިލުން ކަމަށެވެ. އެހެން ވީމާ ކައުންސިލުން ވަކިގޮތެއް ނިންމައިގެން ނޫނީ، އަބްދުއްރަހީމް ވެސް އަދި އެހެން މަގާމެއްގައި ހުރީ ބޭފުޅަކު ވެސް ވަކި ނުކުރެވޭނެ އެވެ.
ޕީޕީއެމް ކައުންސިލްގައި ތިއްބަވަނީ ޕާޓީގެ ރައީސް އާއި މުސްތަޝާރާއި ޕީޖީ ގުރޫޕްގެ ލީޑަރާއި ޕާޓީގެ ތިން ނައިބު ރައީސުންނާއި މަޖިލިސް މެންބަރުން ތެރެއިން 10 މެންބަރަކާއި ގައުމީ ޖަލްސާ އިން އިންތިހާބުކުރާ އަންހެން ހަތަރު މެންބަރަކާއި އިތުރު 10 މެންބަރުންނާއި ޒުވާނުންގެ ގޮއްޕާއި އަންހެނުންގެ ގޮފީގެ ރައީސުންނާއި އިލްމުވެރިންގެ ހަރަކާތުގެ ރައީސް އަދި ކޮމެޓީތަކުން ކަނޑައަޅާފައިވާ މަންދޫބެވެ.
އުމަރު ނަސީރު ކައުންސިލަށް އައްޔަންކޮށްފައިވަނީ ކައުންސިލްގެ މަޝްވަރާ ހޯދައިގެންނެއް ނޫނެވެ. އަދި، އުމަރަށް ރުހުން ހޯދާފައިވަނީ ޕާޓީގެ ހިންގުން މުސްތަޝާރަށް ހަވާލުކުރުމަށް އަންގައި ހުކުމް ކޮށްފައިވަނިކޮށް ރައީސް މައުމޫން ބޭއްވި ކައުންސިލް ބައްދަލުވުމެއްގަ އެވެ. އެ ކައުންސިލް ބައްދަލުވުމުގެ ގާނޫނީ ހައިސިއްޔަތު ނެތޭ ވެސް ބުނެވިދާނެ އެވެ.
އަސްލު އެސްޖީއަކީ ކާކު؟
ޕީޕީއެމްގައި މިހާރު ދެ ސެކްރެޓްރީ ޖެނަރަލުން އެބަ ތިއްބެވެ. އެއީ އިއްޔެ ރައީސް މައުމޫން ބޭއްވި ކައުންސިލް ބައްދަލުވުމުން އެ މަގާމަށް އައްޔަންކުރި އަބްދުލް އަލީމާއި ރައީސް ޔާމީން ބޭއްވި ކައުންސިލް ބައްދަލުވުމުން އެ މަގާމަށް އައްޔަންކުރި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަލީލެވެ.
އަސާސީ ގަވައިދުގެ 66 މާއްދާގެ (ށ)ގައި ބުނެފައިވަނީ، ޕާޓީގެ އެއްވެސް އިންތިހާބީ މަގާމެއްގައި ހުންނަ މެންބަރަކަށް ޕާޓީގެ އިދާރީ ވަޒީފާއެއްގައި ނުހުރެވޭނެ ކަމަށެވެ. މިކަމާ ގުޅިގެން މައުމޫން ފެކްޝަނުން ސުވާލު އުފެއްދުމުން ރައީސް ޔާމީންގެ ފަޅިން ބުނަނީ، މަޖިލިސް މެންބަރުންނަކީ ޕާޓީގެ އިންތިހާބީ މަގާމެއް ނޫން ކަމަށެވެ.
ދެން އެސްޖީއަކަށް އައްޔަންކުރި، އަލީމް އެ މަގާމަށް ގޮތަކަށް އަމަލުކުރުމަށް ކޯޓުން އަމުރުކޮށްފައިވަނިކޮށް، އެއާ ހިލާފަށް ބޭއްވި ކައުންސިލް ބައްދަލުވުމެއްގައި ކަމުން އަލީމްގެ މަގާމާމެދު ވެސް ސުވާލު އުފެދެ އެވެ.
ޕީޕީއެމް އެކަތިގަނޑަކަށް ހެދޭނީ ކިހިނެތް؟
ޕީޕީއެމް ދެ ބައި މައްސަލަތައް ފުނި ޖެހިފައިވާއިރު އާންމު މެންބަރުންގެ އެދުމަކީ މައްސަލަތައް ވީއެންމެ އަވަހަކަށް ހައްލުވެ ޕާޓީ އެކަތިގަނޑަކަށްވުމެވެ. އެކަން ވާން އޮތީ، ދެ ފެކްޝަނުން ވެސް ގަބޫލުކުރާ ގޮތުގައި ގައުމީ ޖަލްސާ ބޭއްވިގެންނެވެ.
"ޕީޕީއެމް ތެރޭގައި ހުރި މައްސަލަތައް ދެން ހައްލު ކުރެވޭނީ ޕާޓީގެ ގައުމީ ޖަލްސާއެއް ބާއްވައިގެން. އަޅުގަނޑުމެންނަށް ފުރިހަމަ ޔަގީންކަން އެބައޮތް އެ ޖަލްސާގައި ރަނގަޅު ނިންމުންތަކެއް ނިންމޭނެ ކަމަށް. އެގޮތުން ވަރަށް އަވަހަށް ގައުމީ ޖަލްސާއެއް ބާއްވާ ޕާޓީގެ މެންބަރުންނަށް ދައުވަތު ދެއްވާނަން،" ޕީޕީއެމް ޕީޖީގައި ހިމެނިވަޑައިނަވާ މެންބަރެއް ވިދާޅުވި އެވެ.
ރައީސް މައުމޫން، ކައުންސިލް ބައްދަލުވުން ނުބާއްވައި ޕާޓީ ހުއްޓުމަކަށް ގެނެސްގެން އުޅުއްވިއިރު ރައީސް ޔާމީނަށް ތާއިދުކުރައްވާ ބޭފުޅުން ގެންދެވީ ގައުމީ ޖަލްސާއެއް ވީއެންމެ އަވަހަކަށް ބޭއްވުމަށް ގޮވާލައްވަމުންނެވެ. އެއީ، ޕާޓީގައި މުއްދަތު ހަމަވެފައިވާ މަގާމުތަށް އިންތިހާބުކުރުން ފަދަ މައްސަލަތައް ހައްލުވާން އޮތީ ގައުމީ ޖަލްސާއެއް ބޭއްވިގެން ކަމަށް ވާތީ އެވެ.
މިހާރު ޕާޓީގެ ހިންގުން ރައީސް ޔާމީންއާ ހަވާލުވެފައިވާއިރު އެ ފެކްޝަނުން ގޮވަމުންދިޔަ ގޮތަށް ގައުމީ ޖަލްސާއެއް ވަރަށް އަވަހަށް ބާއްވާނެ ކަމަށް ބެލެވެ އެވެ. ގައުމީ ޖަލްސާ ބޭއްވެން ދެން ޕާޓީ ހިންގަނީ ރައީސް ޔާމީން ކަމަށް ވެސް ރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައި ވަނީ ނިންމާފަ އެވެ. އެ ބާރު ސީދާ ކައުންސިލުން ވެސް އެ ވަނީ ދީފަ އެވެ.
މިހާރު މަންޒަރު ފެންނަ ގޮތުން އަސްލު ޕީޕީއެމް އަކީ ރައީސް ޔާމީންގެ ފަޅި އެވެ. އެމަނިކުފާނަށް ކައުންސިލްގެ ފުރިހަމަ އަގުލަބިއްޔަތު އެބައޮތެވެ. އަދި ކޮންމެ ގޮތަކަށް ހުކުމް އޮތް ނަމަވެސް، އެ މައްސަލަ އެޕީލްއަށް ގޮސް ހައިކޯޓުން ގޮތެއް ނުނިންމާހާ ހިނދަގު ރައީސް ޔާމީންއަށް ޕާޓީ ހިންގުމުގެ ފުރިހަމަ ބާރުލިބެ އެވެ.
ރައީސް މައުމޫންގެ ފެކްޝަނުން ވެސް ގައުމީ ޖަލްސާ ބާއްވަން ބޭނުންވާއިރު އެ ޖަލްސާ ނުބޭއްވުނު އުޒުރުތައް ވެސް ވަނީ ދައްކާފަ އެވެ.
"ޕާޓީގެ ދެވަނަ ގައުމީ ޖަލްސާ މިދިޔަ އަހަރު ތެރޭގައި ބާއްވަން ޖެހޭއިރު އެ ޖަލްސާ ނުބޭއްވި ދިޔައީ ސަރުކާރުގެ މިނިވަން 50 ގެ ކުޅިވަރުތަކާ ދިމާވާތީ، އެފަދަ ކަންކަމާ ހުރެ ގައުމީ ޖަލްސާ ފަސްކުރަން ޖެހުނީ،" މައުމޫން ފެކްޝަންގެ އިސް ފަރާތަކުން ވިދާޅުވި އެވެ.
ޕީޕީއެމް ތެރެއިން ދެ ނިންމުންތަކެއް ނިންމަން ފެށުމުން މިހާރުވެސް ޕާޓީގެ އާންމު މެންބަރުންނަށް ވަނީ ބޮޑެތި އުނދަގޫތަކާ ކުރިމަތިވެފަ އެވެ. ނުތަނަވަސްކަން މި ވަނީ ބޮޑުވެފަ އެވެ. އެގޮތުން ކައުންސިލް އިންތިހާބުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ފޯމު ހުށަހަޅަން ޖެހޭ ތާރީހާ އަދި ތަންވެސް މިވަނީ އޮޅިފައެވެ. ޕާޓީގެ ގައުމީ ޖަލްސާއެއް ބާއްވައި ކަންކަމަށް ހައްލު ގެނައުމަކީ މިހާރު އޮތް ފޯމިއުލާ ކަމަށްބެލެވެ އެވެ.