ރިޕޯޓް

ޕީޕީއެމް ބައްޔެއް ނުވޭ، އެމްޑީޕީ މޮޅެއް ވެސް ނުވޭ!

ޕީޕީއެމް އުފެއްދި ދުވަހުން ފެށިގެން ބޭއްވި ކޮންމެ އިންތިހާބެއްގެ މެޖޯރިޓީ ނަގާފައި ވަނީ ޕީޕީއެމުންނެވެ. ބައި އިލެކްޝަނެއް ވިޔަސް މަޖިލީސް މެންބަރުން އިންތިހާބުކުރާ އިންތިހާބެއް ވިޔަސް އެވެ. ނަމަވެސް ކަން ހިނގަނީ އަބަދު އެއް ގޮތަކަށް ނޫނެވެ. ޕީޕީއެމަށް މިވަނީ އެންމެ ފަހުން ބޭއްވި ކައުންސިލް އިންތިހާބުގައި މެޖޯރިޓީ ނުހޯދި އެވެ. ސިޔާސީ ކަންކަމުގައި ބައެއްފަހަރު އެކަކާއެކެއް އެއްކުރުމުން އެކާވީސް ވެސް ނުކުމެދާނެ އެވެ. އެއީ އެއްގޮތަކަށް ވެސް ހައިރާންވާވަރުގެ ކަމެއް ނޫނެވެ.

ޕީޕީއެމްއަށް ކައުންސިލް އިންތިހާބުގެ މެޖޯރިޓީ ނުލިބި، އިދިކޮޅު އެމްޑީޕީއަށް މެޖޯރިޓީ ލިބުމުން މިހާރުގެ ސަރުކާރަށް އޮތް ތާއީދު ކުޑަ ކަމާއި އިދިކޮޅަށް އޮތް ތާއީދު ބޮޑުކަން އެނގޭ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ. އިދިކޮޅަށް މިއީ ބޮޑު ކާމިޔާބީއެއް ކަމާއި ސަރުކާރަށް މިއީ ބޮޑު ބައްޔެއް ކަމަށް ވެސް ބުނެ އެވެ. ހަމަ ހަގީތަކަށް ވެސް އެހެން ހެއްޔެވެ؟

"އިދިކޮޅު ފަރާތްތަކަށް އާ ކަމެއް ވެގެން އުޅުނަސް އެއީއަކީ އެމީހުން އެ ބުނާ ވަރުގެ ބޮޑު ކާމިޔާބީއެއް ނޫން އެ ހޯދުނީ، ވޯޓުލާން ނިކުތީ މަދު ބަޔެއް، އެގޮތަށް ބަލާއިރު އެމީހުންނަށް ވެސް ލިބުނީ އެހާ ބޮޑު އެއްޗެއް ނޫން،" ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ވިދާޅުވި އެވެ.

އިންތިހާބެއްގައި ވޯޓުލާން ގިނަ ބަޔަކު ނުނުކުތުމަކީ މައްސަލައެކެވެ. މިދިއަ އިންތިހާބުގައި ވޯޓުލާން މާލެއިން ވެސް 50 ޕަސެންޓް މީހުން ނިކުމެފައެއް ނުވެ އެވެ. މުޅިންސާފު ނުވާ ނަތީޖާއިން ނުކުތް ކަމަށް ދައްކަނީ 17 ޕަސެންޓް މީހުންނެވެ. އެ އިންތިހާބުގައި އެތައް ބަޔަކު ވޯޓު ނުލައި ނިމިގެން ދިޔައިރު ބޮޑު ފަޅިއަކީ ކޮބައިކަން ބުނަން އެނގޭނެ ހެއްޔެވެ؟

އެމްޑީޕީއަކީ މިފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި އެންމެ ގިނަ ގޮނޑި ނެގި ޕާޓީ އެވެ. އެއީ 300 އެއްހާ ގޮނޑި އެވެ. ޕީޕީއެމުން ވެސް 200 އަށްވުރެ ގިނަ ގޮނޑި ނެގި އެވެ. މިނިވަނުން 100 އެއްހާ ގޮނޑި ނެގިއިރު ސާޅީހަކަށް ގޮނޑި ބެހިގެން ދިޔައީ އެމްޑީއޭ އާއި ޖޭޕީ އާދެމެދު އެވެ. އެއީ ގާތްގަނޑަކަށް ދޮޅު ލައްކައެއްހާ މީހުންގެ ވޯޓުންނެވެ. މި އިންތިހާބުގައި ވެސްވޯޓްލެވޭ މީހުންގެ ނިސްބަތަށް ބަލާއިރު މިއަދަދަކީ ވޯޓްލާން ނުކުތް މީހުން ވަރަށް ބޮޑުތަނުން ދަށްކަން ދައްކައިދޭ ނަމްބަރެކެވެ.

އެމްޑީޕީއާއެކު އިދިކޮޅުގައި އޮތް ޖުމްހޫރީ ޕާޓީއަށް ލިބުނީ ނިސްބަތުން މަދު ގޮނޑިއެކެވެ. ޕީޕީއެމްއަށް ދެވަނައަށް އެންމެ ގިނަ ގޮނޑި ލިބުނުއިރު އެމްޑީއޭ އުޅެނީ ޖުމްހޫރީ ޕާޓީއަށްވުރެ ކުރީގަ އެވެ. މި ނަތީޖާއާ އެންމެފަހުން ބޭއްވި ރިޔާސީ އިންތިހާބުގެ ނަތީޖާއާ އަޅާ ކިޔާށެވެ. އެ އިންތިހާބުގައި ވެސް އެންމެ ގިނަ ވޯޓު ހޯދީ އެމްޑީޕީ އެވެ. ދެން ޕީޕީއެމް އެވެ. ދެން ޖުމްހޫރީ ޕާޓީ އެވެ. އެ އިންތިހާބުގައި ޖުމްހޫރީ ޕާޓީއަށް ލިބުނު ކާމިޔާބީ އާއި މި އިންތިހާބުން އެ ޕާޓީއަށް ލިބުނު ތާއީދު އަޅާ ކިޔާލުމުން ވަރަށް ބޮޑު ތަން ދަށެވެ. ޕީޕީއެމްއަށް ބަލާއިރު ރިޔާސީ އިންތިހާބުގައި ޕީޕީއެމްއަށް ލިބުނީ 25 ޕަސެންޓެވެ. މިފަހަރުގެ ނަތީޖާއަށް ބަލާއިރު ބޮޑުތަނުން އެ ޕަސެންޓޭޖް ވަނީ މަތިވެފަ އެވެ. ޕީޕީއެމަށް ރިޔާސީ އިންތިހާބުގައި 25 ޕަސެންޓް ނެގީ ރައީސް މައުމޫން އަބްދުލް ގައްޔޫމާއެކު އެވެ.

އިދިކޮޅު ފަރާތްތަކުން އެންމެ ބޮޑަށް ދެއްކި ވާހަކައަކީ މިއީ އެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ރައީސް މައުމޫނާ ނުލައި ފަސް ޕަސެންޓް ވެސް ސަރުކާރަށް ނުލިބޭނެ އެވެ. ނަމަވެސް ކައުންސިލް އިންތިހާބުގެ ނަތީޖާއިން ދެއްކި ބޮޑު މަންޒަރަކީ އެއީއެއް ނޫނެވެ.

ގާސިމަށް 25 ޕަސެންޓް، ރައީސް މައުމޫނަށް 25 ޕަސެންޓައި ނަޝީދަށް 25 ޕަސެންޓް، ދެން ތިބި މީހުންނަށް އެއް ޕަސެންޓް ކަމަށް ހިސާބެއް ޖަހާށެވެ. އެ ހުރިހާ ބޭފުޅުންނަށް ލިބުނު ވޯޓު މާ ދަށެވެ. އެއާ ހިލާފަށް ރައީސް ޔާމީން އެކަނި ނިކުމެވަޑައިގެން ޕީޕީއެމްއަށް ލިބިފައިވާ ވޯޓަށް ބަލާއިރު 35 ޕަސެންޓަށްވުރެ މައްޗެވެ.

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވާ ގޮތުގައި މަންޒަރު ވަަރަށް ސާފެވެ. ކައުންސިލް އިންތިހާބުގައި ޕީޕީއެމް ހޯދާނެ ނަތީޖާ ކަމަށް އިދިކޮޅުން ބުނަމުން އައީ ނަތީޖާއަށްވުރެ ޕީޕީއެމް އޮތީ މާ ކުރީގަ އެވެ. ނިހާނު ފަދައިން ބައެއް ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި މި އިންތިހާބުގައި ޕީޕީއެމް ބަލިވިއެކޭ ބުނާނެ ޖާގައެއް ނުފެނެ އެވެ.

ކައުންސިލް އިންތިހާބުގެ ނަތީޖާއިން އިދިކޮޅު އެމްޑީޕީ އާއި އަދި އެމީހުންނާ ގުޅިފައިވާ ރައީސް މައުމޫނާއި ގާސިމް އިބްރާހިމާއި އޭނާގެ ޕާޓީ އާއި އަދާލަތާއި ކުރީގެ ނައިބު ރައީސް ޑރ. ޖަމީލުގެ ޓީމާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޓީމާއި އަހުމަދު މަހުލޫފުގެ ޓީމާއި ގުޅިފައިވާ އެމީހުންގެ ވިޔަފާރިވެރިންގެ ހަރަދުތަކާ އަޅާބަލާއިރު 300 އެއްހާ ގޮނޑި ހޯދުމަކީ އެމްޑީޕީއަށް ލިބުނު ވަރަށް ބޮޑު ނާކާމިޔާބެކެވެ.

މި ނަމްބަރުން އިދިކޮޅު ފަރާތްތަކަށް އޮތް ތާއީދު ފެނިގެނެއް ނުދެއެވެ. ހާއްސަކޮށް މި ފެކްޓާތައް އެމްޑީޕީއާ ވަކިކޮށްފިނަމަ އެމްޑީޕީގެ އަދަދު ވެއްޓޭނީ ކޮން ހިސާބަކަށްތޯ ސުވާލު ކޮށްލެވިދާނެ އެވެ. އަދި މި އިންތިހާބުގެ ނަތީޖާއިން ސަރުކާރަށް ތާއީދު ނެތްކަން ވެސް ބުނެދޭކަށް ނޭނގެ އެވެ. އެކަމަކު އެއް ކަމެއް ޔަގީނެވެ. ރައީސް އަބްދުﷲ ޔާމީން ތިރީހަކަށް ޕަސެންޓް ހޯއްދެވީ ގިނިކަންޏާ ކަމެވެ. މި ދެ އަދަދު ވަރުން އަޅުވައި ހިސާބު ޖެހުމުން ސަރުކާރު ބަލިވެއްޖެ ކަމށް ބުނާނެ ގޮތެއް ނުފެނެ އެވެ.

ކައުންސިލް އިންތިހާބުގައި މަދު ވޯޓްލާފައިވާއިރު އެ ލީ މިންވަރުން ވެސް އެއްކަމެއް އެނގިގެން ގޮސްފައިވެއެވެ. އެއީ، މެޖޯރިޓީ އަދިވެސް އޮތީ، 2013 ފަދައިން އެމްޑީޕީއާ ދެކޮޅަށެވެ. މިއީ ސިޔާސީ ކޭމްޕްތަކުން ހަދަން ވަރަށް މުހިންމު ހިސާބެކެވެ. ޖުމްހޫރީ ޕާޓީ ނުހިމަނައި ޕީޕީއެމް، އެމްޑީއޭއަށް ލިބުނު ވޯޓާއި އަމިއްލަ ކެނޑިޑޭޓުންނަށް ލިބުނު ވޯޓް އެއްކޮލިއަސް މި ނަމްބަރު ހޯދޭނެ އެވެ. އަމިއްލަ ކެނޑިޑޭޓުންނަކީ ސަރުކާރަށް ތާއީދުކުރާ ކެނޑިޑޭޓުން ކަމަށް ސަރުކާރުން ބުނެ އެވެ. އަމިއްލަ ކެނޑިޑޭޓުން ޕީޕީއެމްއާ ވަރަށް އަވަހަށް ގުޅޭނެ ކަމަށް ވެސް މިހާރު ވަނީ އިއުލާނުވެފައެވެ. އެހެން ނުވިޔަސް އެއީ އެމްޑީޕީގެ މެންބަރުން ނޫންކަން ކަށަވަރު ވެއެވެ.

ކައުންސިލް އިންތިހާބާ ޕީޕީއެމް ކުރިމަތިލީ އެ ޕާޓީ ދެ ފަޅިވެ ވަރަށް ބޮޑަށް ދެފަޅިވެ "ހަނގުރާމަ" ތަކެއް ކުރުމަށްފަހު ބޮޑެތި މައްސަލަތަކެއް ފެންމަތިވެފައި އޮއްވަ އެވެ. ޕީޕީއެމްގެ އެތެރޭގެ ހުރިހާ ކަމެއް ރައީސް މައުމޫން ސަސްޕެންޑް ކޮށްފައިވަނިކޮށް ސިވިލް ކޯޓުން ކުރި ހުކުމާ ގުޅިގެން އެ ޕާޓީގެ ހަރަކާތްތައް އަލުން ފެށިގެން ބެލި އިރު އޮތީ ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފަ އެވެ.

ޕީޕީއެމަށްވުރެ ކުރިން ކައުންސިލް އިންތިހާބަށް ރައީސް މައުމޫންގެ ފަރާތުން އެތައް ފަހަރަކު ހުޅުވާލައި ނަންތައް ހޯދި އެވެ އެއިން އެއްވެސް މީހަކީ އެމްޑީޕީގެ މީހެއް ނޫނެވެ. އޭގެ ސަބަބުން އެތައް އޮޅުންތަކެއް އަރައި، ޕާޓީއަށް ބައެއް މެންބަރުން ކުރި އިތުބާރު ވެސް ގެއްލުނެވެ. އެއީ ޕީޕީއެމްއަށް ރަނގަޅު ކެނޑިޑޭޓުންތަކެއް ގެއްލެން ދިމާވި ސަބަބެެވެ. އަނެއްކޮޅުން ޕީޕީއެމްގެ ވޯޓިން ޓެކްޓިކްސްއާ ކުޅޭނެ ޑޭޓާ ބޭސް ވަނީ ގެއްލިފަ އެވެ. އަދިވެސް އެ ޑޭޓާ ބޭހަށްވީ ގޮތެއް ނޭނގެ އެވެ.

ޕީޕީއެމަށް ޖެހުނީ އިލެކްޝަންސް ކޮމިޝަނުގައި އޮތް ލިސްޓެސް ހޯދައިގެން އަލުން ތަރުތީބެއް ކުރާށެވެ. ކިތަންމެ ތަރުތީބެއް ކުރިޔަސް ކުރިން ރާވައި ވަކި ގޮތަކަށް ބައި އަޅައި އިންތިހާބެއްގައި މަސައްކަތް ކުރަންޖެހޭ ގޮތް ދައްކުވައި ދޭ ފުރިހަމަ ޑޭޓާ ބޭސް ގެއްލިފައިވުމުން ޕީޕީއެމަކަށް އެކަމުގައި ހަދަންވީ ގޮތެއް ނޭނގުނެވެ. އެކަމަށް ވަގުތެއް ވެސް ނުލިބުނެވެ. އޭގެ ފައިދާ ރައީސް މައުމޫން ނެންގެވި އެވެ.

ޕީޕީއެމްގެ މެންބަރުންނާ ބައްދަލުކޮށް، ޕީޕީއެމްގެ ތާއީދު ބޮޑުކުރަން ޖެހޭ ދާއިރާތަކާއި އިތުރަށް މަސައްކަތް ކުރަން ޖެހޭ ދާއިރާތައް ގެއްލުން ޑޭޓާ ބޭހުން ވަރަށް ރަނގަޅަށް އެނގޭނެ އެވެ. އެ ޑޭޓާއަކީ ޕީޕީއެމް އުފެދުނު ދުވަހުން ފެށިގެން އެއްކުރަމުން އައި ޑޭޓާ އެވެ. އެ ޑޭޓާ ގެއްލުމަކީ ކެމްޕެއިނުގައި ޕީޕީއެމްއަށް ދިމާވި އެންމެ ބޮޑު ދެރަ އެވެ. މީގެ ނަތީޖާއަކަށްވީ ޕީޕީއެމުން ދުރާލާ މި އިންތިހާބަށް ބޫޓު އޮފްކޮށްގެން ތިބި ރަނގަޅު ކެންޑިޑޭޓުން ވިއްސިވިހާލިވެ އެތަނަކުން މިތަނަކުން އައި ކެންޑިޑޭޓުންތަކަކާއެކު ނުކުންނަން ޖެހުމެވެ. ޑޭޓާ ބޭހުގެ މުހިންމުކަން އެމްޑީޕީއަށް ވަރަށް ރަނގަޅަށް އެނގޭނެ އެވެ.

"ޑޭޓާ ބޭސް ގެއްލުމުން އަޅުގަނޑުމެންގެ މެންބަރުންނަށް ރީޗްވުމުގައި ދަތިތަކެއް ކުރިމަތިވި، އަނެއްކާ ކައުންސިލް އިންތިހާބަށް ޕްރައިމަރީ ބޭއްވިއިރު އަޅުގަނޑުމެންގެ މެންބަރުންގެ ތެރެއިން ހިމެނޭ ބައެއް މެންބަރުން ޑޭޓާ ބޭސްގައި ނުހިމެނުމުގެ ކަންބޮޑުވުންތަކެއް ވެސް އައި، އެހެންވީމަ މިކަހަލަ ބައެއް ކަންތައްތައް އަޅުގަނޑުމެންނަށް ކުރިމަތިވި، މިކަންތައްތައް ކުރިއަށް އޮތް ދުވަސްތަކުގައި ހައްލުވެގެން ދާނެ، އަޅުގަނޑުމެންށް ގޮފިތަކުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުން ދަނީ، ޑޭޓާ ނެތީމަ އެއީ އަޅުގަނޑުމެންނަށް ދިމާވި ވަރަށް ބޮޑު ޗެލެންޖެއް،" ހަލީލު ވިދާޅުވި އެވެ.

ދެން އޮތީ މި އިންތިހާބުގައި އާއިލީ މަސްލަހަތު ޕާޓީއަށްވުރެ ބޮޑުވުމެވެ. ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި އިންތިހާބުގައި ޕީޕީއެމްއަށް ގިނަ ގޮނޑި ނުލިބުނީ އާއިލީ ސަބަބުތަކާހުރެ އެހެން ކެނޑިޑޭޓުންނަށް ޕާޓީގެ މެންބަރުން ވޯޓު ދިނުމުންނެވެ. މިކަން އެމްޑީޕީއަށް ދިމާ ނުވީ، އެ ޕާޓީއަކީ ވަރަށް ބޮޑަށް ޕާޓީގެ ވިސްނުމުގައި ތިބޭ ބަޔަކަށް ވާތީ ކަމަށް ގަބޫލު ކުރައްވާ ސިޔާސީ ބޭފުޅުން ވަރަށް ގިނަ އެވެ. އެމްޑީޕީވެސް އެ ހަގީގަތް ގަބޫލު ކުރެއެވެ.

"އެމްޑީޕީއަކީ ވަރަށް ޕާޓީ ވިސްނުމުގަ އޮންނަ ބައެއް، ޕީޕީއެމްއަށް ނިސްބަތްވާ ބޮޑެތި އާއިލާތަކުން މި އިންތިހާބުގައި އެބައޮތް ޕާޓީއަށް ނުދީ އާއިލާތަކަށް ވޯޓުދީފަ، މިސާލަކަށް ތ. މަޑިފުށީގައި ޕީޕީއެމްއިން ނުކުތް ކުއްޖެއްގެ އާއިލާގެ 70 ޕަސެންޓަކީ އެމްޑީޕީ މީހުން، ބޮޑު އާއިލާއެއްގެ، އެމީހުން ނުދޭ އެ ކުއްޖާއަށް ވޯޓެއް އެމްޑީޕީ ނޫންވީމަ، އެކަމަކު އެހެނެއް ނޫން ޕީޕީއެމްގަ ވިސްނުން ހުންނަ މީހުން، ޕީޕީއެމްއިން މީހުން އަބަތިބި އެމްޑީޕީއިން އާއިލާ މީހަކު ނިކުތީމަ އެ މީހަކަށް ވޯޓުދީފަ، އެއީ ތަފާތަކީ، އެމްޑީޕީއިން މީހަކު ނުދޭނެ އާއިލާ މީހަކު ވެސް އެ ޕާޓީން ނިކުތީމަ ނޫނީ،" ރިޔާޒު ވިދާޅުވި އެވެ.

ކައުންސިލް އިންތިހާބާ ކުރިމަތިވި އިރު ސަރުކާރަށް ގޮންޖެހުންތައް ވަރަށް ގިނަ އެވެ. އަނެއްކޮޅުން ޕީޕީއެމްއަށް ވަނީ ގޯސްތަކެއް ވެސް ހެދިފަ އެވެ. މީހުން ވޯޓުލާން ނެރުމަށް އެކަށީގެންވާ މަސައްކަތްތައް ކެނޑިޑޭޓުންނަށް ނުކުރެވެ އެވެ. ކޮންމެވެސް ސަބަބަކާ ލައިގެނެވެ. އެނޫން ސަބަބުތައްވެސް ހުއްޓެވެ.

"އެމްޑީޕީއަށް ތާއީދުކުރާ ނުހުންނާނެ ވޯޓުލާން ނުނިކުންނަ މީހެއް، އިދިކޮޅު ފަރާތްތަކުން އެ އެންމެން ނެރެ ވޯޓުލާފަ އެހުރީ، އަހަރެމެންގެ ވިސްނުމުގަ ތިބި މީހުން ވޯޓުލާން ނުނިކުމޭ، އެހެންވީމަ ނުލިބޭނެތާ ގޮނޑިތަކެއް؟ ނެރެން މަސައްކަތް ކުރެވިފައި ވެސް ނެތް،" ރިޔާޒު ވިދާޅުވި އެވެ.

ހެދުނު ގޯސްތަކާއި ގޮންޖެހުންތަކާއެކު ކުރިމަތިވި ނަތީޖާއާއެކު ޕީޕީއެމް ވަނީ އާ ހިތްވަރަކާއެކު ތެދުވެފަ އެވެ. ވެއްޓުމުން އަވަހާ ތެދުވެ އެއަށްވުރެ ބާރަށް ދުއްވައިގެންފަ އެވެ. އަންނަ ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް މިހާރު ވަނީ މަސައްކަތް ފަށާފަ އެވެ. ކޮންމެ ރެއަކު ކެމްޕެއިން ޖަލްސާތައް ބާއްވަން ފެށިއިރު ބައެއް ފަރާތްތަކުން ވަނީ "ރައީސް ޔާމީން 2018" ކެމްޕެއިން ނުރަސްމީކޮށް މިދިޔަ ހަފުތާގެ ތެރޭގަ ފަށާފަ އެވެ. ހަމައެއާއެކު އިންތިހާބަށް ތައްޔާރުވުމާ ގުޅޭ ގޮތުން ޕާޓީގެ ކައުންސިލާއި ޕީޖީ ގުރޫޕްގައި ވަނީ މަޝްވަރާތައް ކޮށްފަ އެވެ.

ކައުންސިލް އިންތިހާބުގެ ނަތީޖާއަކީ ހާއްސަކޮށް މިދިއަ ވަޅޯކަން ބޮޑު އިންތިހާބުގެ ނަތީޖާއަކީ ވޯޓްގެ ބޮޑު ފަޅި އެނގިގެންދާ ނަތީޖާއަކަށް ނުވި ނަމަވެސް ބޭރަށް ދައްކަން އޮތް އެއީ ޕީޕީއެމަށް ގެއްލުނު ގްރާފެކެވެ. އެމްޑީޕީއަށް ލިބުނު އެއްޗެކެވެ. ދައްކާނެ އެއްޗެއް ނުލިބި ހުހާ ތިބީ މައުމޫނާއި ގާސިމެވެ. ބޭރަށް ދައްކާނަމަ މި ގްރާފުގެ ފައިދާ ބޮޑަށް އޮތީ އެމްޑީޕީއަށެވެ. އެކަމަކު މިގްރާފުގެ ފައިދާ ޕީޕީއެމަކަށް ކުޑައެއް ނޫނެވެ. ސަބަބަކީ އެ ޕާޓީގެ ޑޭޓާ ބޭސް ތަރުތީބު ކުރަންޖެހޭ ގޮތާއި ކަންކަން ކުރަންވީގޮތާއި ހެދުނު ގޯސްތައް އެއޮތީ ދިމާއަށް ސާފުވެފަ އެވެ. އަދި އެމްޑީޕީގެ ބާރާއި އެމީހުންގެ ޕޯޑިއަމަށް މައުމޫނާއި ގާސިމާއި ދެންވެސް އިދިކޮޅުވެފައިވާ ހުރިހާ އެންމެން އެރުވީމާ ނުކުތް ނަމްބަރުވެސް އެއޮތީ ފެންނާށެވެ.

ވޯޓުލާން ނުނިކުންނަ ނިސްބަތް ބޮޑުވުމުން ވޯޓްފެ ހަގީގީ ބޮޑު ފަޅި ބުނެދޭން އުނދަގޫވާނެ އެވެ. ކައުންސިލް އިންތިހާބުގެ ނަތީޖާ އާއި ރިޔާސީ އިންތިހާބުގެ ނަތީޖާ އަޅާ ނުކިޔެނީ މިހެންވެ އެވެ. މިހާރު ކޮންމެ ބައެއްގެ ވެސް އެންމެ މައިގަނޑު އަމާޒަކަށް ވާނީ ނުނިކުމެ ތިބި މީހުން ވޯޓުލާން ނެރުމެވެ. އެކަން ޕީޕީއެމްއިން ފަށައިފި އެވެ.

އިދިކޮޅުގައި އެތައް ގިނަ ލީޑަރުންނެއް ތިއްބެވި އެ ބޭފުޅުން އެކުގައި ގުޅިން ބިޔަ ބޮޑު ނަތީޖާއެއް ނެރޭނެ ކަމަށް އުއްމީދު ކުރެވުނު ނަމަވެސް އެމްޑީޕީއަށް ކައުންސިލް އިންތިހާބުގައި ލިބިފައިވާ ނަތީޖާއަކީ އެއީ ބޮޑު ފަޅި ކަމަށް ނިންމޭނެ ނަތީޖާއެއް ނޫނެވެ. އެއީ އެގޮތަށް ދެއްކޭނެ ގުްރާފެއް ވެސް ނޫނެވެ. ހަގީގަތުގައި އިދިކޮޅު ކޯލިޝަނަށް ލިބުނު ކާމިޔާބީއެއް ވެސް ނެތެވެ. ސަރުކާރު ހިންގާ ޕީޕީއެމްއަށް އިންތިހާބުގައި ލިބުނު ބޮޑު ބައްޔެއް ވެސް ނެތެވެ.