އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓުގެ ގޮތުގައި މާލޭގެ މޭޔަރު ކަމަށް ޑރ. މުހައްމަދު މުއިއްޒު ކުރިމަތިލެއްވީ މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވުމަށެވެ. ހައުސިން މިނިސްޓަރު ކަން ކުރެއްވި ހަތް އަހަރުގެ ތެރޭގައި މާލޭގެ ތަރައްގީއަށް އޭނާ ކުރެއްވި މަސައްކަތްތައް އަލުން ބާރަށް ކުރިއަށް ގެންދިއުމަށެވެ.
މުއިއްޒު ގަބޫލުކުރައްވާ ގޮތުގައި މާލެ ބަދަލުކޮށްލުމުގެ އިލްމާއި ތަޖުރިބާ އޭނާ އަށް ވަނީ ލިބިފަ އެވެ. އިޚްލާސްތެރިކަމާއި ތެދުވެރިކަމާ އެކު ހިދުމަތް ކޮށްދެއްވާނެ ކަމަށް ވިދާޅުވެ އެވެ. މާލެ ސިޓީ ކައުންސިލްގެ ހިދުމަތްތައް އަވަސްކޮށް ހިންގުން ހަރުދަނާ ކުރެއްވުމަށް ސިޔާސަތެއް ގެންގުޅުއްވަ އެވެ. މާލޭގެ ވެރިންނަކީ ރައްޔިތުން ކަމަށް ބަލައިގެން ޑރ. މުއިއްޒު ބޭނުންވަނީ ޓީމެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށެވެ. މުއިއްޒު ހުންނެވީ ރައްޔިތުން އެދޭ އަމާޒަށް ވާސިލްވުމަށެވެ. މިހުރިހާ ކަމެއްގެ ތަފްސީލް މުއިއްޒު ވަނީ އަވަސްއާ ހިއްސާކުރައްވާފަ އެވެ.
ހޮނިހިރު ދުވަހު ވޯޓްލާން ތައްޔާރުވަމުންދާއިރު ޑރ. މުއިއްޒުގެ ކެމްޕޭން ގޮސްފައިވާ ހިސާބަކީ ކޮބައިތޯ؟
ކެމްޕޭނަށް އަލުން މި ހުޅުވާލި ދޮޅުމަސް ތެރޭގައި މި ކެމްޕޭންގައި ވަރަށް ގިނަ މީހުންނާ ބައްދަލުވެއްޖެ. ގޭގެއަށް ގޮސްގެންނާއި އެކި ގޮތްގޮތުން. ވަރަށް ގިނަ މީހުންގެ ކަންބޮޑުވުންތަކާއި ހިތްހަމަ ނުޖެހުންތައް އެބޭފުޅުން ވަނީ ހިއްސާކުރައްވާފައި. އެކަންކަމަކީ އަޅުގަނޑަށް ކުރިންވެސް އެނގޭ ކަންކަން. މިސަރުކާރު އައި ފަހުން ކަންކަން ނުވުމުން ރައްޔިތުންނަށް ވަރަށް ދަތިވެއްޖެ. ވިޔަފާރިތަކަށް ވަރަށް ބޮޑެތި ގެއްލުން. މިއަޑުތައް އިވިއްޖެ. ބޯހިޔާވަހިކަން ބޭނުންވެގެން ވަރަށް ގިނަ ރައްޔިތުންގެ ކަންބޮޑުވުންތައް ލިބުނު. އަޅުގަނޑު މިހުރީ އެ މައްސަލަތައް ހައްލުކޮށް އެ އަޒުމުގައި ނިކުމެ. މައްސަލަތަކަށް ނަތީޖާ ނެރެދޭން އަޅުގަނޑު މިހުރީ. އެ ޔަގީންކަން ދެން.
ވަރަށް ގިނަ ރައްޔިތުން ތިބީ ވަރަށް ބޮޑަށް މާޔޫސްވެފަ. ބައެއް ރައްޔިތުން ވޯޓްލާން ދާން ވެސް ބޭނުމެއް ނުވޭ. ބައެއް ރައްޔިތުން ބުނޭ ބައެއް ބޭފުޅުން ފެންނަނީ ހަމައެކަނި ވޯޓް ހޯދަންވީމާ. ހޮވުނީމާ އެއްގޮތަކަށް ވެސް ނުފެނެއޭ. ހޮވުނީމާ އަޅާވެސް ނުލައޭ. އަޅުގަނޑު އެބަދެން އަޅުގަނޑު އެހެން ނޫޅޭނެ ކަމުގެ ޔަގީންކަން.
ސަރުކާރުން އެޖެންޑާ 19އޭ ކިޔާފައި ނަންނަމުގައި ކަންކަން ކުރިއަށް ގެންދިޔަ ބޯހިޔާވަހިކަން ނުލިބޭ ކަމަށް ރައްޔިތުން ބުނޭ. ވައުދުވީ ކަންކަން ނުވާ ކަމަށް ރައްޔިތުން ބުނޭ. އެ ހިތްހަމަނުޖެހުން، އެ ހިތްދަތިކަން ރައްޔިތުންގެ އެބަހުރި. އަޅުގަނޑު އެބަބުނަން އެންމެ ގާތުން މަސައްކަތް ކުރާނަމޭ. ރައްޔިތުން އެދޭ ކަންކަން ހާސިލް ކޮށްދޭނަމޭ. އެ މެސެޖު ރައްޔިތުންނަށް ދެމުން މިގެންދަނީ.
ކެމްޕޭން ކުރުމަށް ތަފާތު ވަސީލަތްތައް ބޭނުންކުރައްވަމުން ގެންދަވާއިރު ރައްޔިތަކާއި ބައްދަލުނުވެގެން އެކަމުގެ ޝަކުވާ ލިބޭތޯ؟
ކޮވިޑްގެ ކަންކަން ހުރި ގޮތުން ގޮންޖެހުން އެބަހުރި ރައްޔިތުންނަށް ވާސިލްވުމަށް. އެންމެ ބޮޑު ގޮންޖެހުމަކީ ކޮވިޑްގެ ހާލަތު. ކުރިން ޑޯޓްޑޯ ހަދައިގެން ފަހަރަކު ގެއެއްގައި ޓަކި ޖަހަމުން މިހާރު ނުދެވޭ. އެންމެންގެ ސަލާމަތަށްޓަކައި މިހާރު ގޭގެއަށް ދިއުމަކީ ރިސްކެއް. އަޅުގަނޑު ގޭގެއަށް ގޮސް ރައްޔިތުންނާ ބައްދަލުކުރަން ބޭނުންވޭ. މިހާރު ގޭގެއަށް ބޮޑަށް މިދަނީ ރިކްއެސްޓްތަކަށް. އަޅުގަނޑަށް އެބައާދޭ ބައެއް ގޭގެއަށް ނުދާތީ ޝަކުވާ. އަޅުގަނޑު ނުދާން ނަދަނީކީ ނޫނޭ އަޅުގަނޑު މިދަންނަވަނީ. ރިކްއެސްޓް ލިބުނު ވަރަށް ގިނަ ގެތަކަށް މިހާރު ވެސް ދެވިއްޖެ. އަޅުގަނޑުގެ ކެމްޕޭން އޮފީހުގައި ވެސް ވަރަށް ގިނަ މީހުންނާ ބައްދަލުކުރެވިއްޖެ. ބައެއް ބޭފުޅުންނާ ފޯނުންވެސް މިދަނީ ވާހަކަ ދައްކަމުން. އެކަމުވެސް ޝަކުވާ އެބަހުރި ބައްދަލުނުވާތީ. އެހެންވެ އޮންލައިން ނޫސްތަކާއި ސޯޝަލް މީޑިއާގެ ވަސީލަތްތައް ފޭސްބުކް، ޓްވިޓާ ވެސް މި ބޭނުންކުރަނީ ރައްޔިތުންނަށް ވާސިލްވުމަށް. މެސެޖު ދިނުމަށް މި ވަސީލަތްތައް ބޭނުން މިކުރަނީ. މާލޭގެ ކޮންމެ ގެއަކު ވޯޓްލާ ކޮންމެ މީހަކަށް ވެސް އަޅުގަނޑު މިދަނީ ސިޓީއެއް ވެސް ފޮނުވަމުން. އެ ސިޓީގައި ވެސް ބުނެފައި މިވަނީ މާލޭގެ ރައްޔިތުން އެދޭ ކަންކަން ކޮށްދޭން ނަތީޖާ ނެރެދޭން އަޅުގަނޑު ހުރި ވާހަކަ. އެގޮތަށް ވެސް މެސެޖު ދެވޭތޯ މިބަލަނީ. އެކަމަކު ވެސް އެންމެ ފުރިހަމަ ކޮށް މިކަން ކުރެވޭނީ ރައްޔިތުންނާ ހަމައަށް ދެވިގެން ބައްދަލުވެގެން ކަން އަޅުގަނޑު ވެސް ގަބޫލުކުރަން.
މަނިކުފާނުގެ ވާދަވެރި ކެންޑިޑޭޓް އަނަސް ވިދާޅުވޭ މަނިކުފާނަށް ގިނަ ތަޖުރިބާތަކެއް ލިބިވަޑައިގެންފައިވީ ނަމަވެސް ސަރުކާރުގެ ހިދުމަތުގައި ހޭދަކުރެއްވި ދުވަސްވަރު ރައްޔިތުންގެ ހައްގުތަކެއް ނިގުޅައިގެންނެވި ކަމަށް. މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުމުގައި މަނިކުފާނު ހަމައާއި އުސޫލުގެ ބޭރުން އެތައް ކަމެއް ކުރެއްވި ކަމަށް. އެކަން އެގޮތަށް ކުރަން އަނަސް އަށް އެ ތަޖުރިބާ ބޭނުން ނުވާ ކަމަށް. އެހެންކަމުން މާލޭގެ ރައްޔިތުން މަނިކުފާނު ހޮވަންޖެހެނީ ކީއްވެގެންތޯ؟
މާލޭގެ ރައްޔިތުން ބޭނުން ވަނީ ކަންކަން ހާސިލް ކުރެވޭވަރުގެ ނަތީޖާ ހޯދައިދޭނެ ވަރުގެ މީހަކު މޭޔަރު ކަމަށް ހޮވަން. މާލޭގައި އެބަހުރި ބޯހިޔަވާހިކަމުގެ މައްސަލަ. އާމްދަނީ ހޯދަން ވަޒީފާއެއް ލިބިފައި ނެތް ޒުވާނުން ބައިވަރު އެބައުޅޭ. މާލެ ރިތި ތަނަކަށް ފެހިތަނަކަށް ސާފުތާހިރު ތަނަކަށް ވެސް ހަދަންޖެހޭ. މާލެ ސިޓީ ކައުންސިލުން ދޭ ހިދުމަތްތައް ވެސް އަވަސްކުރަންޖެހޭ. މިއީ ދިރިއުޅުމާ ގުޅޭ މައްސަލަތައް. މިމައްސަލަތަކަށް ހައްލު ނުލިބޭތާ އެތައް އަހަރެއް ވެއްޖެ. އެހެންވީމާ ލީޑަޝިޕް ދެއްކޭނެ މީހަކަށް ރައްޔިތުން ވޯޓް ދޭން ބޭނުން ވަނީ. ވޯޓް ދޭއިރު ތައުލީމު ލިބިފައި ހުރި ވަރަށް ވެސް ރައްޔިތުން ބަލާނެ. މާލޭގެ ރައްޔިތުންނަކީ ތައުލީމީ ބައެއް. ކުރިއަށްދާން އެދޭ ބައެއް. މާލޭ ރައްޔިތުން އެދޭ ކަންކަން ކޮށްދިނުމަށް ބޭނުންވާ އިލްމާއި ތަޖުރިބާ އަޅުގަނޑުގެ އެބަހުރި. އަޅުގަނޑާ ގުޅޭގޮތުން ކޮންމެ ވާހަކައެއް ވެސް ސިޔާސީ ގޮތުން ދެއްކިދާނެ. އެކަމަކު ގާނޫނާ ހިލާފަށް، ގަވައިދާ ހިލާފަށް އަޅުގަނޑު ކުރި އެއްވެސް ކަމެއް ނޯންނާނެ. ކަންކަން ރަނގަޅަށް އިންސާފުން ބެލީމާ އެނގޭނޭ އިންސާފުވެރިކޮށް ކަން ކަންކަން ކޮށްފައި ހުރީ.
ސިޔާސީ ގޮތުން ޖަދަލުކުރަން ބޭނުންވާ މީހުން އެ ޖަދަލު ކުރަންވީ. އަޅުގަނޑުގެ މައްސލައެއް ނެތް. އަޅުގަނޑު ގޯހެއް ހެދިނަމަ މިހާރު އެކަމެއް ހޯދާފައި ފިޔަވަޅު އެޅޭނެ. އެބޭފުޅުންގެ {އެމްޑީޕީގެ} އަތުގައި މިއަދު ހުރިހާ ބާރެއް އޮތީ. އެކަމަކު ސަރުކާރަށް ދެ އަހަރުވީއިރު އަޅުގަނޑު ގޯސްކޮށް ކުރި ކަމެއް ނުދެއްކުނު. އެހެންވީމާ ސިޔާސީ ގޮތުން ކުރާ ކަމެއްގައި ދައްކާ ވާހަކައެއްގައި އަޅުގަނޑު ފަހަތަކަށް ނުޖެއްސޭނެ. އަޅުގަނޑު ނިކުމެ މިހުރީ އިހްލާސްތެރި، ތެދުވެރި މަސައްކަތެއް ކުރަން. ގޮންޖެހުންތަކާ ކުރިމަތިލާ ނަތީޖާ ނެރޭނެ މީހަކު ހޯދަން ރައްޔިތުން ބޭނުންވޭ. ސަރުކާރުގެ ސިޔާސަތު ގޯސްނަމަ އެކަމެއް ރަނގަޅު ކޮށްގެން ވެސް ނަތީޖާ ނެރެން ބޭނުންވާ މީހެއް މާލޭ ރައްޔިތުން ބޭނުންވޭ. މިސަލާކަށް ގުޅިފަޅު މައްސަލައަށް ބަލަމާތޯ. މާލޭ ރައްޔިތުން ބޭނުންވަނީ ގުޅިފަޅުގައި ގެދޮރު އަޅަން. މިސަރުކާރުން ބޭނުންވަނީ އެތަނުގައި އެކަމަކު ޕޯޓް އަޅަން. ދެން ނަމަކަށް ގޯތިކޮޅެއް ދޭން އެބައުޅޭ. މާލޭގެ ރައްޔިތުންގެ ވިންދާ ސިޔާސަތު އެކަމުގައި ސަރުކާރާ ދިމާ ނުވާނަމަ އަޅުގަނޑު ހުންނާނީ ރައްޔިތުން އެދޭ ގޮތަށް ކަންކަން ކޮށްދޭން. ސަރުކާރު ދެކެ ބިރުން ސަރުކާރުގެ ފިއްތުމަށް ރައްޔިތުންގެ ފަޅި ދޫކޮށްލާ މީހަކަށް އަޅުގަނޑު ނުވާނަން. އަޅުގަނޑު ކަންކަން ކުރުމުގައި އިސް ނަގާނަން. ނަތީޖާ ނެރޭނަން.
މާލޭގެ މޭޔަރު ކަމަށް މަނިކުފާނު ހޮވިވަޑައިގެންނެވި ނަމަވެސް އެކުގައި މަސައްކަތް ކުރައްވާނެ ގިނަ ބޭފުޅުންނަކީ އެމްޑީޕީގެ ބޭފުޅުންނަށް ވާނެ ކަމަށް ބެލެވޭ. އިދިކޮޅު ފިކުރުގެ ޓީމަކާ އެކު ގުޅިގެން މަސައްކަތް ކުރެވިދާނެތޯ. މިއީ ރައްޔިތުން އުފައްދާ ސުވާލެއް؟
ތިއީ ރައްޔިތުން އުފައްދަން ވެސް ޖެހޭނެ ސުވާލެއް. އެމްޑީޕީގެ މެޖޯރިޓީ ކައުންސިލަކަށް އަޅުގަނޑު ހޮވުނިއްޔާ ކަންކަން ކުރެވޭނެތޯ އެއީ އުފައްދަންޖެހޭ ސުވާލެއް. އެއީ މާޒީގައި ކަންކަން ހިނގާފައި ހުރި ގޮތުން އުފެދޭނެވެސް ސުވާލެއް. އަޅުގަނޑު މާލޭގެ މޭޔަރު ކަމަށް ރައްޔިތުން ހޮވައި ދެއްވައިފިނަމަ އަޅުގަނޑު މަސައްކަތް ކުރާނީ ދެން ތިއްބަވާ ކައުންސިލަރުންނާ އެކު ޓީމެއްގެ ގޮތަށް. އެއިން ކޮންމެ ބޭފުޅަކީ އަޅުގަނޑަށް މުހިއްމު ބޭފުޅަކަށް ވާނެ. އެއިން ކޮންމެ ބޭފުޅަކު ވެސް ބޭނުންވާނެ އެބޭފުޅެއްގެ ދާއިރާއަށް ކަންކަން ކޮށްދެވޭ ބޭފުޅަކަށް ވާން. ނަތީޖާ ނެރެ ދޭން ވެސް ބޭނުންވާނެ. އަޅުގަނޑު އެއިން ކޮންމެ ބޭފުޅަކަށް ވެސް ފުރުސަތު ދޭނަން. ޒިންމާ ވެސް ހަވާލުކުރާނަން. އެކުވެރިކޮށް އެއް ޓީމެއްގެ ގޮތުގައި އަޅުގަނޑަށް މަސައްކަތް ކުރެވޭނެ.
އަޅުގަނޑު ކުރިން ވެސް ހައުސިން މިނިސްޓްރީގައި މަސައްކަތް ކުރީ ޕޮލިޓިކަލް ބޮޑު ޓީމަކާ އެކު. ބައެއް ފަހަރު އެ ޓީމުގެ އަދަދު 30 އަށް ވެސް އަރައިގެން ގޮސްފައި އެބަހުރި. އެކަމަކު ކޮންމެ ދުވަހަކު ވެސް އަޅުގަނޑުމެން ބައްދަލުވެ، ހުރި ދަތިތަކުގެ ވާހަކަ ދައްކައިގެން އެކަމުގެ ހައްލަށް މަސައްކަތް ކުރަނީ. އަޅުގަނޑު އަލުން އެ ރޫހު ގެންނާނަން. އެ ޓީމު ވޯކް އަޅުގަނޑު ގެންނާނަން. އެކަކަށް ވެސް މަސައްކަތް ނުކޮށް ފަހަތަށް ޖެހިގެން ނުހުރެވޭނެ. ކައުންސިލަށް ކުރިމަތިލާފައިވާ އެއްވެސް ބޭފުޅަކު ކުރިމަތިނުލާނެ މަޖާ ކުރާކަށް. ސަކަރާތް ޖަހާކަށް. ރައްޔިތުންނަށް ހިދުމަތެއް ދޭން ކޮންމެ ބޭފުޅަކު ވެސް މިއުޅެނީ. އެހެންވީމާ ކައުންސިލަށް ކޮންމެ ބޭފުޅަކު އިންތިހާބުވި ނަމަވެސް އެބޭފުޅުންނާ އެކު ނަތީޖާ ނެރެވޭނެ. ޖެއްސުން ކުރާކަށް އަޅުގަނޑު ކައިރީގައި ފުރުސަތެއް ނޯންނާނެ. މަސައްކަތްތައް ބަހާލަނަން. ކޮންމެ ކައުންސިލަރަކަށް ވެސް ހައިސިއްޔަތު ދޭނަން. ވަރަށް ވަރުގަދަ ޕްރޮޑަކްޓިވް ނަތީޖާ ތަކެއް އިރާދަކުރެއްވިއްޔާ ނެރެދޭނަން އަޅުގަނޑުގެ ލީޑަޝިޕްގައި.
މާލޭގެ ރައްޔިތުން ކަންބޮޑުވެ ނުލައްވާ. ކުރު މުއްދަތެއްގެ ތެރޭގައި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ނަތީޖާ ފެންނާނެ. ކުރިއަށް އޮތް ކައުންސިލަކީ ހިންގުން ތެރި ތަނަކަށް ހަދާނަން. ކައުންސިލުން ދޭ ހިދުމަތްތައް އަވަހަށް ދެވޭނެ ގޮތްތަކެއް ހޯދާނަން. މިކަން ފެނުމުން ކައުންސިލަރުން އިތުރަށް ޕާފޯމް ކުރަން ވެސް ބޭނުންވާނެ. ކުރިން މާލެ ސިޓީ ކައުންސިލުން ނުފެންނަ އެތައް ކަމެއް އަޅުގަނޑު މޭޔަރު ކަމަށް އިންތިހާބު ކޮށްދީފިނަމަ ހިދުމަތް ދިނުމުގައި ފެންނާނެ.
ރައީސް ޔާމީނާއި ޕީޕީއެމް އަދި މަނިކުފާނަކީ ވެސް ލާމަރުކަޒީ ނިޒާމު ގަބޫލުކުރައްވާ ބޭފުޅުން ނޫން ކަމަށް ވާދަވެރިން ވިދާޅުވޭ. ވަރަށް ގިނަ ސަބަބުތައް ވެސް ވިދާޅުވޭ. ލާމަރުކަޒީ ނިޒާމާ ދެކޮޅު އެއްވެސް ކަމެއް ކުރެއްވިންތޯ؟ ލާމަރުކަޒީ ނިޒާމާ ދެކޮޅުތޯ؟
ލާމަރުކަޒީ ނިޒާމަކީ ހިންގުމުގައި ވަރަށް މުހިއްމު ނިޒާމެއް. ރައްޔިތުންނާ އެންމެ ގާތުން ރައްޔިތުންގެ އަޑުއަހައިގެން ނަތީޖާ ނެރެން މިނިޒާމު ވަރަށް މުހިއްމު. ސަރުކާރުގައި މަސައްކަތް ކުރާއިރު ކެބިނެޓްގެ ނިންމުންތަކުގައި އަމިއްލަ ރައުޔެއް ނޫން ކޮންމެ ފަހަރަކު އިސްކުރާނީ. ކެބިނެޓުން ނިންމާފައި ހަވާލުކުރާ ކަންކަން އެކި މިނިސްޓްރީއާ ހަވާލުކުރީމާ އެ މިނިސްޓްރީއެއްގެ ކަމެއް އެބަކުރަންޖެހޭ. ޖުމްލަ ނިންމުމެއް މި އޮންނަނީ. އެކަމެއް ތަންފީޒު ކުރަން އޮންނަނީ އެކަމެއް ގުޅޭ ވަޒީރަކަށް. އެގޮތުން އަޅުގަނޑާ ހަވާލުކުރެވޭ މަސައްކަތް އަޅުގަނޑު ތަންފީޒު ކުރަން މަސައްކަތް ކުރަން. އެކަމަކު ގާނޫނާ ހިލާފަށް ކަމެއް ނުކުރަން. ބައެއް ކައުންސިލް ތަކުން މާލެ ސިޓީ ކައުންސިލް ވެސް ހިމެނޭ ގޮތަށް ލާމަރުކަޒީ ނިޒާމާ އެއްގޮތަށް ކަންކަން ނުކުރާ ކަން ރައީސް ޔާމީންގެ ސަރުކާރުގައި ފާހަގަވެގެން ދިޔަ. ބަޖެޓާ މުވައްޒަފުން ތިބެގެންވެސް މާލެ ސިޓީ ކައުންސިލަށް އެކަށީގެންވާ މަސައްކަތެއް ކުރެވުނު ތަނެއް ނުފެނުން. އެއީ ހަގީގަތް.
މާލޭގެ މުނިސިޕަލް ކަންކަން ރަނގަޅުކުރުމާއި، މާލޭގެ މަގުތައް ކުނިކެހުމާއި، ފެން ބޮޑުވުމުގެ މައްސަލަ ހައްލުކުރުމާއި، އަދިރި މަގުތައް އަލިކުރުމާއި، މަރާމާތުކުރަންޖެހޭ ތަންތަން މަރާމާތު ކުރުމާއި، ކާނު ސާފު ނުކުރުން ފަދަ އެތައް ކަމެއް ކައުންސިލުން ނުކޮށް ކުރިއަށް ދިޔައީ. މިއީ ފެންނަން ހުރި ހަގީގަތްތައް. އެހެންވެ ރައީސް ޔާމީން ބޭނުން ނުވީ އެކަން އެގޮތަށް ދޫކޮށްލަން. އެހެންވެގެން ކެބިނެޓްގައި މަޝްވަރާކޮށްފައި ކަންކަން ހައްލުކުރަން ވެގެން ބައެއް ބާރުތައް ސިޓީ ކައުންސިލުން ނެގީ. އޭރު ވެސް މާލެ އޮތީ ވަރަށް ހާލުގައި. ކައުންސިލަށް އެކަށީގެންވާ ފުރުސަތު ދިން ކަންކަން ރަނގަޅުކުރަން. އެކަން ނުކުރީމާ ކެބިނެޓްގައި މަޝްވަރާކޮށްފައި ބައެއް ބާރުތައް ނެގީ. އޭގެ ތެރެއިން ބައެއް ކަންކަން އައީ ހައުސިން މިނިސްޓްރީއަށް. އަޅުގަނޑު ކުރީ އަޅުގަނޑާ ހަވާލުވި ކަންކަން. އަޅުގަނޑާ ހަވާލުވި ކަމެއް އަޅުގަނޑު ތަންފީޒު ކުރީ. ރައީސުލްޖުމްހޫރިއްޔާ އެދޭ ކަންކަން ކޮށްދޭން އަޅުގަނޑު މަސައްކަތް ކުރާނަން.
އެކަމަކު މޭޔަރު ކަމަށް މީހަކު ހޮވަނީ ރައްޔިތުން. ވީމާ މޭޔަރު ކަމުގައި އަޅުގަނޑުގެ ވެރިޔަކަށް ވާނީ ރައްޔިތުން. އަޅުގަނޑު މަސައްކަތް ކުރާނީ ރައްޔިތުން އެދޭ ގޮތަށް. ޖަވާބުދާރީވާނަން ރައްޔިތުންނާ ގުޅޭ ކަންކަމުގައި. އިތުބާރު އުފެދޭ ގޮތަށް ރައްޔިތުން ބޭނުންވާ ގޮތަށް އަޅުގަނޑު މަސައްކަތް ކުރާނީ.
މިކެމްޕޭންގައި މަނިކުފާނަށް ހުރި ގޮންޖެހުންތަކަކީ ކޮބައިތޯ؟
މިކެމްޕޭންގައި އަސްލުގައި އަޅުގަނޑަށް ޖުމްލަ ގޮތަކުން މާގިނަ ގޮންޖެހުމެއް ނެތް. ކޮވިޑްގެ ގޮންޖެހުން އޮތީ. މާލެއަށް ވުރެ އަތޮޅު ތެރޭގެ ކެންޑިޑޭޓުންނަށް ގޮންޖެހުން އޮތީ ކޮވިޑާ ހެދި. ކޮވިޑާ ގުޅިގެން ފިޔަވަޅުތައް އަޅާފައި ހުރި ގޮތުން ގޮންޖެހުން ހުރީ. މާލެ ރަށްރަށަށް ދަތުރުނުކުރެވުން އެއީ ގޮންޖެހުން. ރަށްރަށަށް ގޮސްފައި ކަރަންޓީންވުން ވެސް އެއީ ބޮޑު ގޮންޖެހުމެއް. އެހެންވީމާ އެންމެންނަށް ވެސް އޮތް ގޮތް ޖެހުމެއް އަޅުގަނޑަށް ވެސް އޮތީ. ދެން މިދޭތެރެއަކުން އަޅުގަނޑު އޭސީސީ އަށް ގެންދިޔަ. އެކަމާ ގުޅިގެން ދެތިން ދުވަސް ވަގުތުތަކެއް ގެއްލުން.
މާލޭގައި ވަރަށް ގިނަ މައްސަލަތައް އެބަހުރި. މަނިކުފާނަށް މާލޭގެ މޭޔަރުކަން ލިބިވަޑައިގެންފިނަމަ އެންމެ އިސްކަންދީގެން ހައްލުކުރައްވާނެ މައްސަލަތައް އިސްކަން ދެއްވާ ތަރުތީބަކުން ވިދާޅުވެ ދެއްވިދާނެތޯ؟
އަޅުގަނޑު އެންމެ އިސްކަން ދޭނީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން. އެއާ ގާތްކުރާ އެހެން މައްސަލައެއް މާލެއަކު ނެތް. ހުރިހާ މައްސަލަތަކެއް ގުޅިފައި މިވަނީ ބޯހިޔާވަހިކަމުގެ މައްސަލައާ. އެއްވެސް ސަރުކާރަކަށް މިމައްސަލަ ހައްލުކޮށްދިނުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކޮށްދެވިފައެއް ނެތް. މިހާރު އަދި އިތުރަށް ކަންކަން ގޯސްކޮށް މިދަނީ. ދެން މިހުރީ މާލޭގެ މަގުތަކުގެ މައްސަލަ. ގިނަ ބަޔަކު މަގުތައް ބޭނުންކުރާއިރު ފެންވަރު ރަނގަޅުކޮށް މަގުތައް ހަދަން އެބަޖެހޭ. އޭގެފަހުން ޕާކިންގެ މައްސަލަ ހައްލުކުރަން ޖެހޭ. މަގު ބަންދުކުރުމުގައި ވެސް ހަރުދަނާ އުސޫލެއް ގެންގުޅޭ ޖެހޭ. ގުދަން ގަރާޖުތައް ވޯކްޝޮޕްތައް ވެސް މާލެ ތެރެއިން ނަގައި އިންޑަސްޓްރިއަލް ވިލެޖު ވެސް ހަމައަކަށް އަޅުވަންޖެހޭ.
ދެން އޮތީ ވަޒީފާ ނެތް ޒުވާނުންގެ މައްސަލަ. ވަރަށް ގިނަ ޒުވާނުން ވަޒީފާ ނުލިބި އެބަތިބި. މާލެ ސިޓީ ކައުންސިލް ވާން ޖެހޭނީ ފުރުސަތު ހޯދައިދޭ ބަޔަކަށް. މާލެ ސިޓީ ކައުންސިލަކީ ވަރަށް ގިނަ ބިދޭސީން މަސައްކަތް ކުރާ ތަނެއް. މާލެ ސިޓީ ކައުންސިލްގައި މަސައްކަތް ކުރާ ބޭރު މީހުން މަދުކޮށް ދިވެހިންނަށް އިސްކަން ދީގެން ފުރުސަތު ހޯދައިދޭން ޖެހޭ. ނުކުޅެދުންތެރިކަން ހުރި މީހުންވެސް ކަންކަމުގައި ޝާމިލް ކުރާނަން. އެކި ސަރަހައްދުތަކުގައި ކުދި ވިޔޔަފާރި ފަށަން ބިން ކަނޑާނަން. މާލެ ސިޓީ ކައުންސިލްގެ ހިދުމަތް އަވަސް ކުރުމަށް އިސްކަން ދޭނަން. މާލޭގެ ހުރިހާ ގެއަކުންވެސް ސިޓީ ކައުންސިލަށް ހިދުމަތް ހޯދަން އެބަދޭ. އެކަމަކު އެއީ މިހާރު އިންތިހާއަށް ހިދުމަތް ލަސްތަނެއް. ގިނަ ވެގެން ތިން ދުވަސްތެރޭގައި ބޭނުންވާ ހިދުމަތެއް މާލެ ސިޓީ ކައުންސިލުން ދެވޭ ގޮތަށް ކަންކަން ބަދަލުކުރާނަން. ވަންސްޓޮޕް ސާވިސްއެއް ދޭ ތަނަކަށް މާލެ ސިޓީ ކައުންސިލް ވާން ޖެހޭ.
މިއީ ކުދިކުދި ކަންކަން. އެކަމަކު މީގެއިން ކޮންމެ ކަމަކުން ވެސް މީހުންނަށް ހާދަ ބޮޑެތި ފަސޭހަތައް ލިބޭނެއޭ. ސިޓީ ކައުންސިލްގެ ހިންގުން ވެސް ހަރުދަނާ ކުރަންޖެހޭ. މާލެ ތެރެ ސާފުކޮށް ރީތީކޮށް ބޭއްވުމަށް މަސައްކަތް ކުރަންޖެހޭ. މިސްކިތްތައް ރީތިކޮށް ބަލަހައްޓަން ޖެހޭ. ޕާކްތައް އަލުން ޒިނަތްތެރިކޮށް ރީތި ކުރާނަން. ކައުންސިލަރުންނަށް މަސައްކަތް ބަހާލައި، އެމީހުންގެ މަސައްކަތްތައް ހިނގާ ގޮތް ބަލަމުން، ރައްޔިތުންގެ ހިޔާލު ހުރި ގޮތް ބެލުމަށް ރައްޔިތުންނާ ބައްދަލުކުރަމުން، ސަރުކާރުގެ ތެރެއިން ކުރަންޖެހޭ ކަމެއްގައި ދާން ޖެހުނު ތަނަކަށް ގޮސް، ގުޅިގެން ރަނގަޅު ނިޔަތުގައި އަޅުގަނޑު މިކަން ކުރާނީ.
މާލޭގެ ރައްޔިތުންނަށް ދެއްވަން އޮތް މެސެޖަކީ ކޮބައިތޯ؟
މާލޭގެ ރައްޔިތުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މާލޭގެ ރައްޔިތުން ބޭނުންވާ ނަތީޖާ އިރާދަކުރެއްވިއްޔާ އަޅުގަނޑު ނެރެދޭނަމޭ. އެއީ ކޮންމެ މައްސަލައެއް ކަމަށްވިޔަސް އަޅުގަނޑު މިހުރީ އެކަމެއްގައި ކުރިއަށް ދާން. އަޅުގަނޑު މިހުރީ ވަރަށް އިހްލާސްތެރިކަމާއެކު ވަރަށް ވަރުގަދަ އަޒުމެއްގައި ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ހާސިލްކޮށްދޭން. އެކަން އެ ނަތީޖާ ނެރެދެވޭނެ ކަމުގެ ޔަގީންކަމާއެކީގައި އަޅުގަނޑު ނިކުމެ މިހުރީ. އަޅުގަނޑު އެދެނީ މާލޭގެ ރައްޔިތުން އަޅުގަނޑަށް އިތުބާރު ކުރައްވާ ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ފުރުސަތު ދެއްވުން.