ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

ބާއްވަނީ މިނިވަން އިންތިހާބެއް ނޫން: އަބްދުއްރަހީމް

ލޯކަލް ކައުންސިލް އިންތިހާބުގައި ރައްޔިތުން މާދަމާ ވޯޓުލާން ނިކުންނައިރު އިދިކޮޅު ޕީޕީއެމް / ޕީއެންސީ ކޯލިޝަންގެ ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. އެބޭފުޅުންގެ ވަރަށް ގިނަ ޝަކުވާތަކަކަށް ޖަވާބެއް ނުލިބެ އެވެ. ދައުލަތުގެ އިދާރާތަކުގެ ތެރެއިން ހައްލުކުރަން މަސައްކަތް ކުރި ބޮޑެތި މައްސަލަތަކަށް ހައްލެއް ނުލިބެ އެވެ. ކައުންސިލް އިންތިހާބުގެ ކެމްޕޭން ނިންމާލުމުގެ ގޮތުން އަވަސް އަށް ދެއްވި ހާއްސަ އިންޓަވިއުގައި އިދިކޮޅު ކޯލިޝަން ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވަނީ ހުރިހާ އުދާސްތަކެއް ބޭރުކޮށްލައްވާފަ އެވެ.

އިދިކޮޅު ކޯލިޝަންގެ ކެމްޕޭނަށް ދިމާވި ގޮންޖެހުންތައް

ސިޔާސީ ޕާޓީއެއްގެ ކެމްޕޭނަށް އެންމެ މުހިއްމު އެކައްޗަކީ ހަރަދުކުރާނެ ފައިސާ އެވެ. އަބްދުރަހީމް ވިދާޅުވާ ގޮތުގައި އިލެކްޝަންސް ކޮމިޝަނުން ވަނީ ޕީޕީއެމް އަށް ލިބެންޖެހޭ 16 ވަރަކަށް މިލިއަން ރުފިޔާ ހިފަހައްޓާފަ އެވެ. ކޮވިޑް 19 އާ ގުޅުވާފައި އިދިކޮޅު ބޭފުޅުން ކެމްޕޭނަށް ރަށްރަށަށް ވަޑައިގަތުމަށް އެޗްޕީއޭ އިން ހުއްދައެއް ނުދެއްވަ އެވެ. އެކަމަކު ސަރުކާރުގެ ވަޒީރުންނާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސްވެރިންނާއި، އެމްޑީޕީއަށް ތާއީދުކުރައްވާ މަޖިލިސް މެންބަރުން ބޭނުން ވަގުތަކު ރަށްރަށަށް ގޮސް ކެމްޕޭން ކުރެއްވި އެވެ. ސަރުކާރުގެ އެ އަމަލަކީ ކެމްޕޭނަށް ހުރަސް އަޅައި ތަފާތު ކުރުން ކަމަށް އަބްދުއްރަހީމް ސިފަކުރައްވަ އެވެ. އޭނާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބޮޑު ކެމްޕޭނެއް ނިމިގެންދާއިރު އިދިކޮޅު ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލާފައި ހުންނެވުމެވެ. އަބްދުއްރަހީމް ގަބޫލުކުރައްވާ ގޮތުގައި ރައީސް ޔާމީން ޖަލުގައި ހުންނެވީ ނުހައްގު ހުކުމެއްގަ އެވެ. މިހުރިހާ ސަބަބުތަކާ ގުޅިގެން މާދަމާ ބާއްވާ އިންތިހާބަކީ އިންސާފުވެރި އިންތިހާބަކަށް ނުވާނެ ކަމަށް އަބްދުއްރަހީމް ގަބޫލުކުރައްވަ އެވެ.

"މިއީ މިނިވަން އިންސާފުވެރި އިންތިހާބެކޭ ބުނެވޭކަށް ނެތް އަޅުގަނޑުމެންނަކަށް. މިނިވަން އިންސާފުވެރި އިންތިހާބެއް ކަމަށްވަންޔާ ޖެހޭނެ އިންތިހާބާ ބެހޭ ގާނޫނުގައި ބުނާ ހަމަހަމަ ފުރުސަތު އިންތިހާބުގައި ވާދަކުރައްވާ ހުރިހާ ފަރާތްތަކަކަށް ވެސް ލިބެން. އެހެންވީމާ އެ ނުލިބުން އެއީ އަޅުގަނޑުމެންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ކޮވިޑް 19 އާއި ގުޅިގެން ރާއްޖޭގެ ބައެއް ރައްތަކަށް އަރާ ފޭބުން އެޗްޕީއޭ އިން ވަނީ މަނާކޮށްފަ އެވެ. އެ ހާލަތުގައި އެ ރަށްތަކުގައި ބާއްވާ އިންތިހާބު މިނިވަންވެދާނެ ކަމާ ދޭތެރޭ ވެސް އަބްދުއްރަހީމް ވަނީ ޝައްކު އުފައްދަވާފަ އެވެ.

އިންތިހާބުގައި ސަރުކާރަށް ތާއީދު އޮތް މިންވަރު އެނގޭނެ

ލޯކަލް ކައުންސިލް އިންތިހާބަކީ ސަރުކާރަށް ލިބޭ ފަސް އަހަރުގެ މެދުން ބާއްވާ އިންތިހާބެކެވެ. އެހެންކަމުން މިއިންތިހާބުގައި ސަރުކާރަށް ތާއީދު އޮތް ގޮތެއް އެނގޭނެ ކަމަށް އަބްދުއްރަހީމް ދެކެވަޑައިގަންނަވަ އެވެ. އޭނާ ވިދާޅުވީ މިސަރުކާރު ވެރިކަމަށް އައުމަށް ބޮޑެތި ވައުދުތަކެއްވީ ނަމަވެސް ވައުދު ފުއްދަވާފައި ނެތް ކަމަށެވެ. ސަރުކާރަށް މިވީ މުއްދަތުގައި ދިވެހި ރައްޔިތުން ކަންބޮޑުވާ އަދި ދިވެހި ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް ލޮޅުން އަރާވަރުގެ ކަންތައްތަކެއް ސަރުކާރުން ކޮށްފައިވާ ކަމަށްވެސް ތުހުމަތުކުރެއްވި އެވެ. ރައްޔިތުންގެ ބަޔަކު ސަރުކާރާ ދެކޮޅަށް އަޑުއުފުލަނީ އެ ސަބަބާ ގުޅިގެން ކަމުގައިވެސް ފާހަގަކުރެއްވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ސިޔާސީ ޕާޓީއެއް އުފައްދަނީ ދެ ބޭނުމެއްގައި ކަމަށެވެ. އެއް ބޭނުމަކީ ސަރުކާރުގެ އަމަލުތައް ހުންނަ ގޮތް ރައްޔިތުންނަށް ބުނެދީ، ވެރިކަމަށް އައުމަށްޓަކައި ތާއީދު އިތުރުކުރުމެވެ. ދެވަނަ ބޭނުމަކީ ރައްޔިތުން އެދޭ ފަދަ ވެރިކަމެއް ކޮށްދިނުމެވެ. އެހެންކަމުން ކައުންސިލް އިންތިހާބުގެ ކެމްޕޭންގައި އެ މަސައްކަތަށް ފަހިވާ ގޮތަށް އިދިކޮޅުގެ މަސައްކަތްތައް ގެންދެވުނު ކަމުގައި ވިދާޅުވި އެވެ.

"ސިޔާސީ ޕާޓީ އަކީ މާލޫދު ކިޔަން އުފައްދާ ޕާޓީއެއް ނޫން. ސިޔާސީ ޕާޓީއަކަށް އޮންނާނީ ޖަވާބުދާރީކުރުވުމާއި ވެރިކަން ކުރުން. އެގޮތުން ސިޔާސީ ޕާޓީއަކަށް ކޮންމެ އިންތިހާބެއް ވެސް މުހިއްމު ވާނެ. އަޅުގަނޑުމެންނަށް މި އިންތިހާބު ވަރަށް މުހިއްމު ވާނެ،" އިންތިހާބުގެ މުހިއްމުވާ ސަބަބު ވިދާޅުވެ ދެއްވި އެވެ.

ހަގީގީ މެނިފެސްޓޯއެއް އޮތީ ޕީޕީއެމްގައި

ސިޔާސީ ޕާޓީ ތަކުން އިންތިހާބު ތަކަށް ނިކުންނަނީ އެ މީހުންގެ ސިޔާސަތުތަކާއި ވައުދުތައް ހިމެނޭ މެނިފެސްޓޯއަކާ އެކު އެވެ. އެ ލިޔުން ތައްޔާރުކުރަނީ ރައްޔިތުންގެ ގާތަށް ގޮސް، ރައްޔިތުން ކަންބޮޑުވުންތައް އަޑުއަހައިގެންނެވެ. މިއިންތިހާބުގައި ޕީޕީއެމްގެ މެނިފެސްޓޯއެއް ނެތް ކަމުގައި އެޕާޓީގެ އެންމެ ބޮޑު ވާދަވެރިޔާ އެމްޑީޕީން ތަކުރާރުކޮށް ބުނަމުން ގެންދެ އެވެ.

"[އެމްޑީޕީން] އެ ދައްކަނީ އެއްވެސްެ ހާލެއްގައި ރަނގަޅު ވާހަކައެއް ނޫން. ކައުންސިލް އިންތިހާބު ލޯންޗް ކުރުމާ އެކީގައި އަޅުގަނޑުމެންގެ މެނިފެސްޓޯ އޮންނާނީ އިއުލާންކޮށްފައި. ޕީޕީއެމްގެ ވެބްސައިޓުންނާއި މިއީ މަގޭ ރާއްޖޭގެ ވެބްސައިޓުން އެ މެނިފެސްޓޯ ފެންނަން އޮންނާނެ. އެއީ ހަގީގަތް ނުބަލާ ދައްކާ ވާހަކަތަކެއް،" މެނިފެސްޓޯއެއް ނެތް ކަމަށް ބުނާ ވާހަކަތައް ދޮގުކުރައްވަމުން ވިދާޅުވި އެވެ.

މެނިފެސްޓޯއެއް އޮންނަން ޖެހެނީ ނަމެއްގައެއް ނޫނެވެ. އެކަމަކު އަބްދުއްރަހީމް ސިފަކުރައްވާ ގޮތުގައި އެމްޑީޕީން މެނިފެސްޓޯ އެކުލަވާލަނީ ނަމެއްގަ އެވެ. އެހެން ވިދާޅުވަނީ ވެރިކަމާއި ބާރުވެރިކަން ލިބުމުން މެނިފެސްޓޯގައި ހުންނަ ވައުދުތައް އެމްޑީޕީން ނުފުއްދާތީ އެވެ. ޕީޕީއެމްގެ ވެރިކަމުގައި މެނިފެސްޓޯގެ 90 އިންސައްތަ ހާސިލް ކުރެވުނު ކަމުގައިވެސް ވިދާޅުވި އެވެ. އެހެންވެ ހަގީގީ މެނިފެސްޓޯއެއް ގެންގުޅޭ ޕާޓީ އަކީ ޕީޕީއެމް ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.

ޕީޕީއެމް އަކީ ލާމަރުކަޒީ ނިޒާމު ގަބޫލުކުރާ ޕާޓީއެއް

ޕީޕީއެމް އަކީ ލާމަރުކަޒީ ނިޒާމު ގަބޫލުކުރާ ޕާޓީއެއް ނޫން ކަމަށް ބުނެ އަބަދުވެސް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެ އެވެ. އެކަމަކު އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމް އަކީ "ހަގީގީ ލާމަރުކަޒީ ނިޒާމު" ގަބޫލުކުރާ ބައެއް ކަމަށެވެ. ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީން ތައާރަފް ކުރި ނިޒާމެއް ނޫން ކަން ފާހަގަކުރައްވާ އެޕާޓީ އަށް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

"އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ރަށްރަށަށް ކައުންސިލަރުން އައްޔަންކުރި. ރަށްރަށުގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުން ހޯދާފައި ހުރި 16 މިލިއަނެއްހާ ރުފިޔާ ފިނޭންސް މިނިސްޓްރީއަށް ނެގި. އަޅުގަނޑުމެންގެ ސަރުކާރުގައި ކައުންސިލަރުން ސަސްޕެންޑް ކުރި ވާހަކަ ދެއްކީ އެމްޑީޕީން. މިއަދު ކިތައް ކައުންސިލަރުންތޯ އެ ސަސްޕެންޑް ކުރީ. އެވަރަށް ލާމަރުކަޒީ ނިޒާމު ދަންނަ ބައެއްގެ ވާހަކަ ތިވިދާޅުވަނީ،" އެމްޑީޕީއަށް ފާޑު ވިދާޅުވާ ސަބަބުތައް ހިއްސާކުރެއްވި އެވެ.

ލާމަރުކަޒީ ނިޒާމު ގަބޫލުނުކުރާ ބައެއްގެ ލޭބަލް ޕީޕީއެމްގެ ބޮލުގައި ބަޔަކު އަޅުވާ ސަބަބު ވެސް ވިދާޅުވެ ދެއްވި އެވެ. އެގޮތުން ވިދާޅުވީ އެމްޑީޕީގެ މެޖޯރިޓީ އޮތް މާލެ ސިޓީ ކައުންސިލުން ރައީސް ޔާމީންގެ ވެރިކަމުގައި އެއްވެސް ކަމެއް ނުކޮށް، ސަރުކާރަށް ޖެއްސުން ކުރަމުން ދިއުމުން އެ ކައުންސިލްގެ ބައެއް ބާރުތައް ރައީސް ޔާމީންގެ ސަރުކާރަށް ނަގައި ހަމައަކަށް އެޅުވުމަކީ އެ ލޭބަލް އެޅުވި ސަބަބު ކަމަށެވެ. މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ ތިން ދައުރު އެމްޑީޕީއަށް ދިނުމުން ލާމަރުކަޒީ ނިޒާމު ތަންފީޒު ކުރީ ކޮން ކަމެއްތޯ ވެސް އަބްދުއްރަހީމް އެއްސެވި އެވެ.

ދަތިތަކާ އެކު ވެސް ކާމިޔާބު ހޯދާނަން

ޕީޕީއެމުން އިންތިހާބު ކާމިޔާބު ކުރުމަށް އަބްދުއްރަހީމް އެދިވަޑައިގަންނަވަނީ އެންމެ ކަމަކަށެވެ. އެއީ މިނިވަން އިންސާފުވެރި އިންތިހާބެއް ބާއްވައިދިނުމަށެވެ.

"މިނިވަން އިންސާފުވެރި އިންތިހާބެއް މިފަހަރު ބޭއްވެއްޖިއްޔާ އަޅުގަނޑުމެންނަށް ޔަގީންކަން އެބައޮތް އިރާދަކުރެއްވިއްޔާ ބޮޑު ތަނުން އަޅުގަނޑުމެން އެމްޑީޕީ ބަލިކުރާނަން. ބޮޑުތަނުން ބަލިކުރާނަން،" އަބްދުއްރަހީމް ހުރީ މޮޅުވާނެ ކަމުގެ ޔަގީންކަމުގަ އެވެ.

އެމްޑީޕީއަށް އަމާޒުކޮށް އަބްދުއްރަހީމް ވިދާޅުވީ "މިމީހުންނަކީ އިންތިހާބު ވަގަށް ނަގަން ވަރަށް ފަރިތަ ބައެއް" ކަމަށެވެ. ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު ވެސް ވަގަށް ނެގި ކަމަށް އަބަދުވެސް ކުރާ ތުހުމަތު ތަކުރާރުވެސް ކުރެއްވި އެވެ. މިފަހަރު އިންތިހާބާ ކުރިމަތިލާއިރު އެމްޑީޕީގެ އަތުގައި ހުރިހާ ބާރެއް އޮތުމުން އިންތިހާބު ވަގަށް ނަގަން ފަސޭހަ ވާނެ ކަން ވެސް ފާހަގަކުރެއްވި އެވެ. އިންތިހާބު ވަގަށް ނުނަގައިފިނަމަ މާލޭގެ މޭޔަރު ކަމަށް ޑރ. މުހައްމަދު މުއިއްޒު ވަޑައިގަންނަވާނެ ކަމުގެ 100 އިންސައްތަ ޔަގީންކަން ދެއްވި އެވެ. އަތޮޅު ކައުންސިލް ތަކުގެ ތިންބައިކުޅަ ދެބައި އަދި ސިޓީ ކައުންސިލްތަކުގެ 50 އިންސައްތަ ޕީޕީއެމް ހޯދާނެ ކަމަށްވެސް އަބްދުއްރަހީމްގެ ހިސާބުތަކުން ދައްކަ އެވެ. ދިވެހި ރައްޔިތުން މިއަދު އެމްޑީޕީ ބޭނުން ނުވާ ކަމުގައިވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

ރައްޔިތުންނަށް ދޭން އޮތް މެސެޖު

އަބްދުއްރަހީމްގެ މެސެޖު ވަރަށް ސާފެވެ. އޭނާ އެދިވަޑައިގެންނެވީ ދިވެހިން ދިވެހިންގެ ގޮތުގައި ކުރިއަށް ދިއުމަށް އަދި ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރުމަށް ޕީޕީއެމަށް މި އިންތިހާބުގައި ފުރުސަތު ދެއްވުމަށެވެ. ރައްޔިތުންގެ ހައްގުގައި ޕީޕީއެމް އަޑުއުފުލާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

"މިފުރުސަތުގެ ބޭނުން ނުހިފައިފިއްޔާ ދެން އަޅުގަނޑުމެންނަކަށެއް ކުރެވޭނެ އެއްވެސް ކަމެއް ނެތް. ދެން އަޅުގަނޑުމެންނަށް ޖެހޭނީ ބަޔަކު ދިނިއްޔާ ކައިގެން ބަޔަކު ބުނިކަމެއް ކޮށްގެން އަޅުވެތިކަމުގައި އުޅެން. ދެން އަޅުގަނޑުމެންގެ ލޮލަށް ފެންނަމުން ދާނީ އަޅުގަނޑުމެން ދެކެން ބޭނުންވާ މަންޒަރުތަކެއް ނޫން. އެހެންވީމާ ދިވެހި ގައުމަށް ލޯބިކުރާ ކޮންމެ ދިވެހި ރައްޔިތެއްގެ ވޯޓު މިފަހަރު ޕީޕީއެމްއަށް މިއީ މަގޭ ރާއްޖޭގެ ކެންޑިޑޭޓޫންނަށް، ރުކަށް ދެއްވާށޭ އަޅުގަނޑު ދަންނަވާނީ،" އަބްދުއްރަހީމްގެ މެސެޖު ވިދާޅުވެ ދެއްވި އެވެ.