އިކޮނޮމިކް މިނިސްޓްރީން އަންނަ މަހު ބާއްވަން ހަމަޖެއްސި ރާއްޖޭގެ އުފެއްދުން ތެރިކަމުގެ މައުރަޒު "އެކްސްޕޯ މޯލްޑިވްސް 2016" ޑިސެމްބަރު މަހަށް ފަސްކޮށްފި އެވެ.
ގިނަ އަދަދެއްގެ ސްޓޯލްތަކާއެކު އުފެއްދުންތައް މާކެޓްކޮށް ވިއްކުމުގެ ފުރުސަތާއި، މައުރަޒަކާ ވެސްއެކު ބާއްވަން ނިންމާފައިވާ އެ އެކްސްޕޯގެ ހުރިހާ ހަރަކާތެއް ވެސް ބާއްވަން ނިންމާފައިވަނީ ދަރުބާރު ގޭގައެވެ.
އެކްސްޕޯ ބާއްވާ ދުވަސް ލަސްވުމުން އިކޮނޮމިކް މިނިސްޓްރީން މިރޭ ވަނީ އެ މައުރަޒުގެ ބައިވެރިންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވާފަ އެވެ. އެ ސެޝަނުގައި އެކްސްޕޯއަށް ހުށަހަޅާ ފޯމާއި، ތަކެތި ހުށަހަޅަންޖެހޭ ގޮތާއި، އަމަލު ކުރަންޖެހޭ ގޮތްތަކާބެހޭ މައުލޫމާތު ހިއްސާ ކުރި އެވެ.
މިފަހަރުގެވެސް އެކްސްޕޯ މޯލްޑިވްސް މައުރަޒުގައި ބައިވެރިކުރާ އުފެއްދުންތަކުގެ ތެރެއިން އެކި ކެޓަގަރީތަކުން އެއްވަނަ ދެވަނަ އަދި ތިން ވަނަ ހޮވާނެ އެވެ. އެގޮތުން މިދިޔަ އަހަރެކޭވެސް އެއްގޮތަށް މުޅި މައުރަޒުން ހޮވޭ އެންމެ މޮޅު ފަސް ފަރާތަށް އެސްއެމްއީ ލޯނު ދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
އެ މައުރަޒުގައި އެކްސްޕޯގައި މިފަހަރު ސްޓެންޑަޑް ނުވަތަ މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްފައިވަނީ 50 ސްޓޯލެވެ. އެ ސްޓޯޅްތައް ވިއްކަނީ 2000ރ. އަށެވެ. އަދި ޕްރިމިއަމް ސްޓޯލްތަކުގެ ގޮތުގައި ބޮޑެތި ކުންފުނިތަކަށް ދޫކުރާ ސްޓޯލްތަކެއްވެސް ބަހައްޓާގޮތަށް ވަނީ ހަމަޖެހިފަ އެވެ. އަމިއްލަޔަށް ސްޓޯލް ޑެކަރޭޓްކޮށް ހަދަން ބޭނުންވާ ފަރާތްތަކަށް ވެސް ޖާގަ ދޫކުރާ ގޮތަށް ވަނީ ހަމަ ޖެހިފަ އެވެ.
މިފަހަރުގެ ސްޓޯލްގައި މިދިޔަ ފަހަރާ ހިލާފަށް ޒަމާނީ ގޮތްތަކެއް ފެނިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.