ހަބަރު

ހާހަކަށްވުރެ ގިނަ ވަޒީފާއާއެކު ހުޅުމާލޭގައި ބޮޑު ފެއާއެއް ފަށައިފި

Feb 18, 2017
  • ވަޒީފާގެ ފެއާ އޮތީ ހުޅުމާލެ ގާޒީ ސްކޫލްގަ
  • ކުރިއަށް ދާނީ މިރޭ 10 ޖެހުމާ ހަމައަށް
  • ސީވީ ހިފައިގެން ދޭ ވޯކިން އިންޓަވިއު ކުރެވޭނެ

ވަޒީފާ ހޯދަން، ފެން ބޮއިގެންފައިވާ ޒުވާނުންނަށް ހާއްސަކޮށްގެން ހާހަކަށް ވުރެ ގިނަ ވަޒީފާއާއެކު ހުޅުމާލޭގައި ހާއްސަ ޖޮބް ފެއާއެއް މިއަދު ފަށައިފި އެވެ.

ސަރުކާރުން "ޔޫތު ސިޓީ"ގެ ގޮތުގައި ތަރައްގީ ކުރަމުން ގެންދާ ހުޅުމާލޭ، ގާޒީ ސްކޫލްގައި މިރޭގެ ނިޔަލަށް ކުރިއަށްދާ ޖޮބް ފެއާގައި 15 އަށް ވުރެ ގިނަ ކުންފުނިތަކުން، 1،000 އަށްވުރެ ގިނަ ވަޒީފާގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. އަދި މި ވަޒީފާތަކަށް ކުދިން ނަގަނީ "ވޯކިން އިންޓަވިއު" ސެޝަންތަކަށް ސީވީއާ އެކު އަންނަ ކުދިންނާ އިންޓަވިއު ކުރުމަށް ފަހު އެ ކުއްޖަކު އެންމެ ޝައުގުވެރިވާ ދާއިރާތަކަށެވެ.

ހުޅުމާލެ ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން އިންތިޒާމު ކުރާ "ޔޫތު ކެރިއާ އެކްސްޕޯ" ހުޅުވައި ދެއްވީ މެޑަމް ފާތުމަތު އިބްރާހިމް އެވެ. މި ރަސްމިއްޔާތުގައި ގިނަ އަދަދެއްގެ ވަޒީރުންނާއި މަޖިލިސް މެންބަރުން އަދި ހުޅުމާލޭގައި ދިރިއުޅޭ ބައެއް ރައްޔިތުންވެސް ބައިވެރިވެފައިވެ އެވެ.

މި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވީ ވަޒީފާގެ މި ފެއާއަކީ މެޑަމް ފާތުންގެ ވަރަށް ބޮޑު މަސައްކަތެއް ކަމަށާއި، މިކަން ކާމިޔާބުވީ ސަރުކާރުގެ ކުންފުނިތަކާއި ގިނަ އަދަދެއްގެ އަމިއްލަ ކުންފުނިތައް ވެސް ގުޅިގެން ކަމަށެވެ.

"މެޑަމް ފަސްޓް ލޭޑީގެ މަސައްކަތް ފުޅަކީ ކޮންމެ ތާކަށް ބެލިނަމަވެސް ރައީސެއްގެ މަސައްކަތައް ވަރަށް ބޮޑު ފަސޭހައެއް ވެގެންދާ މަސައްކަތް ޕުޅެއް. އެއީ ތަހުޒީބުގައި ކޮންމެ ތާކަށް ބެލި ނަމަވެސް ހުރިހާ ގައުމެއްގައިވެސް. އޭގެ ލާމަސީލު މިސާލެއް މިއީ. ގާތްގަނޑަކަށް ދެ ހަފުތާގެ މަސައްކަތުން 1،000 އަށް ވުރެ ގިނަ ވަޒީފާ މި ކަށަވަރު ކޮށްދެނީ،" ސައީދު ވިދާޅުވި އެވެ.

"ޔޫތު ކެރިއާ އެކްސްޕޯ" ގައި ވަޒީފާތައް ހުޅުވާލާފައިވާ ކުންފުނިތަކުގެ ތެރޭގައި ސަރުކާރުގެ ބޮޑެތި ކުންފުނިތަކުގެ އިތުރުން ޓޫރިޒަމް ދާއިރާގެ ބޮޑެތި ކުންފުނިތައް ހިމެނެ އެވެ. މީގެ އިތުރުން މި އަހަރު އަލަށް ހުޅުވާ ރިސޯޓުތައް ވެސް ބައިވެފައިވެ އެވެ. އަދި ހާއްސަކޮށް ހުޅުމާލޭގައި ވަޒަންވެރިވެ ތިބި ބޮޑެތި ވިޔަފާރި ކުންފުނިތަކުން ވަނީ ވަޒީފާގެ ގިނަ ފުރުސަތު ތަކެއް ހުޅުވާލާފަ އެވެ. މިގޮތުން މި އަހަރު ތިން ވަނަ ކުއާޓަރުގައި ހުޅުވާ "ޓްރީޓޮޕް" ހޮސްޕިޓަލުން 500 އަށްވުރެ ގިނަ ވަޒީފާގެ ފުރުސަތު ހުޅުވާލާފައިވެ އެވެ. އަދި އެންސިސް އާއި އެޗްޑީސީ ފަދަ ކުންފުނިތަކުން ދަނީ ވަޒީފާގެ ގިނަ ފުރުސަތަކެއް ތަނަވަސް ކޮށްދެމުންނެވެ.

ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ތަނަވަސް ކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން، ސަރުކާރުގެ އަމާޒަކީ 95،000 ވަޒީފާގެ ފުރުސަތު ދިވެހިންނަށް ހުޅުވާލުމެވެ. އެކަމަށް ކުރަމުން ގެންދާ މަސައްކަތުންގެ ދަށުން ވޭތުވެދިޔަ ތިން އަހަރު ތެރޭގައި 64،000 ވަޒީފާ އުފެދިފައިވާ ކަމަށް ސަރުކާރުން ބުނެ އެވެ.