ވިޔަފާރި

އަދާ ކުރަން ކެރެންޏާ މިހިރީ ވަޒީފާ!

Feb 18, 2017
9
  • ފެއާ އޮތީ މިއަދު ހުޅުމާލެ ރެހެންދި ސްކޫލްގައި
  • ގަޑި: ހަވީރު 4 އިން ރޭގަނޑު 10 އަށް
  • ސީވީ ހިފައިގެން ދިއުމުން ވަޒީފާ ފުރުސަތު

ތިޔަ ހޯދަނީ ވަޒީފާއެއް ހެއްޔެވެ؟ އެހެންކަމަށް ވާނަމަ މި ހުޅުވެނީ ރަނުގެ ފުރުސަތެކެވެ. ވަޒީފާ ހޯދަން އަތް ފުނާ އަޅާ ޒުވާނުންނަށް ހާއްސަ ފެއާއެއް މިއަދު ހުޅުވާނެ އެވެ. ހުޅުމާލެ، ރެހެންދި ސްކޫލްގައި މިއަދު ހަވީރު 4:00 ގައި ހުޅުވާ "ޔޫތު ކެރިއާ އެކްސްޕޯ" އަށް ދިއުމުން ވަޒީފާ "ޔަގީން" ވާނެ އެވެ.

"ވޯކިން އިންޓަވިއު" އިން ވަޒީފާ ވަގުތުން ޔަގީންކުރާ ގޮތަށް ބާއްވާ، ޖޮބް ހަންޓިން އިވެންޓުގައި 1،000 ވަޒީފާ ހުޅުވާލާނެ އެވެ. މިގޮތުން ހުޅުވާލާ ވަޒީފާތަކުގެ ތެރޭގައި ސަރުކާރުގެ ކުންފުނިތަކާއި ރިސޯޓުތައް ހިމެނެ އެވެ. މިގޮތުން ފަސް ރިސޯޓެއް ވެސް މި ފެއާގައި ބައިވެރިވެ އެވެ. މީގެ އިތުރުން ހުޅުމާލޭގައި އަލަށް ހަދައި ހުޅުވަން ތައްޔާރު ވަމުންދާ ޓްރީޓޮޕް ހޮސްޕިޓަލުން ވެސް ވަޒީފާ ތަކަށް މީހުން ނަގާނެ އެވެ.

ޖޮބް ފެއާ އިންތިޒާމުކުރަނީ އިކޮނޮމިކް މިނިސްޓްރީ އާއި ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެންނެވެ. ފެއާ ކުރި އަށް ދާނީ ހަވީރު 4:00 އިން ރޭގަނޑު 10:00 އަށެވެ.

އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގު ވިދާޅުވީ މި ޖޮބް ފެއާއަކީ ވަޒީފާއެއް ހޯދަން ބޭނުންވާ ޒުވާނުންނަށް ލިބޭނެ ރަނުގެ ފުރުސަތެއް ކަމަށެވެ.

"މި ފެއާގައި 23 ކުންފުންޏަކުން ބައިވެރިވާނެ. މިތަނުގައި 1000 ވަޒީފާގެ ފުރުސަތު އޮންނާނެ. އެހެންވެ މިތަނަށް ދިއުން ވަރަށް މުހިންމު،" އާދަމް ވިދާޅުވި އެވެ.

ފެއާގައި ހިލޭ ޗުއްޓީ، އިންޓާންޝިޕް ފުރުސަތު

"ޔޫތު ކެރިއާ އެކްސްޕޯ" އަކީ ޖޮވް ފެއާއެއް ނަމަވެސް، މިތަނަށް ގޮސްގެން ހިލޭ ޗުއްޓީ ދަތުރުވެސް ލިބޭނެ އެވެ. މިގޮތުން ޒިޔާރަތް ކުރާ މީހުންގެ މެދުގައި ނަގާ ލަކީ ޑްރޯއިން ރިސޯޓުތަކުގައި ހިލޭ ޗުއްޓީ ހޭދަ ކުރަން ލިބޭނެ އެވެ. މީގެ އިތުރުން މިތަނަށް ޒިޔާރަތް ކޮށްގެން ރިސޯޓުތަކުގައި އިންޓަންޝިޕް ފުރުސަތުތައް ދޭނެ އެވެ.

އިކޮނޮމިކް މިނިސްޓްރީން ވާހަކަ ދެއްކެވި، އާދަމް ވިދާޅުވީ މި ފެއާގައި ކާމިޔާބު މީހުންގެ ވާހަކަތައް ވެސް އިވިގެންދާނެ ކަމަށެވެ.

"ކުރިން އުނދަގުލުން މަސައްކަތް ކޮށްގެން މިހާރު ކާމިޔާބު މީހުންގެ ގޮތުގައި ތިބި ބައެއް މީހުންގެ ކީނޯޓް އެޑްރެސް ވެސް ދޭނެ،" އާދަމް ވިދާޅުވި އެވެ.