ވިޔަފާރި

މެދު އަދި މަތީ ފަންތީގެ ފްލެޓުތަކުގެ މަސައްކަތް ހަލުވިކޮށްފި

  • ބާރަ ސަތޭކައެއްހާ ފްލެޓުގެ މަސައްކަތް ކުރޭ
  • ފްލެޓުތައް އަންނަ އަހަރުގެ ތެރޭގައި ނިމޭނެ
  • ރާއްޖޭގައި މެދު/ މަތީ ފަންތީގެ ފްލެޓު މަދު

ހުޅުމާލޭގައި ތަރައްގީ ކުރާ މެދު އަދި މަތީ ފަންތީގެ ފްލެޓުތަކުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން ވިދާޅުވީ އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްގެން ހަދާ ފްލެޓުތަކުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާއިރު، މި ފްލެޓުތައް އަންނަ އަހަރު ނިމޭނެ ކަމަށެވެ.

"މި ފްލެޓުތައް ގެނައުމުގެ މަގުސަދަކީ މީގެ ކުރިން ރާއްޖޭގައި ނެތް މެދު ފަންތި އާއި މަތީ ފަންތީގެ ފްލެޓުތައް އެޅިފައެއް. ހާއްސަކޮށް ހުޅުމާލެއަށް ބަލާއިރު މި ރޭންޖުގެ ތަންތަން ނެތް،" ސައިމަން ވިދާޅުވި އެވެ.

ހުޅުމާލޭގައި މެދު ފަންތި އާއި މަތީ ފަންތީގެ ގިނަ ފްލެޓުތަކެއް ދަނީ އަޅަމުންނެވެ. މިގޮތުން އަމީން ވެނިއު ގެ ނަމުގައި އަޅާ 297 ފްލެޓުގެ މަސައްކަތް ވަނީ ގާތްގަނޑަކަށް ނިމިފަ އެވެ. އަދި އެފްޑަބްލިއު ކޮންސްޓްރަކްޝަންއިން 90 ފްލެޓު ދަނީ އަޅަމުންނެވެ. މީގެ އިތުރުން ހަންބޯ ކުންފުނިން 102 ފްލެޓު އަޅާއިރު އެންސިސް ކުންފުނިން 100 ފްލެޓުގެ މަސައްކަތް ވަނީފ ފެށިފަ އެވެ. މީގެ އިތުރުން ރެނާޓަސް ކުންފުނިން 72 ފްލެޓު އަޅާއިރު ދަމާސް ކުންފުނިން 92 ފްލެޓު ދަނީ އަޅަމުންނެވެ. އަދި އެޕޯލޯ އިން 97 ފްލެޓާއި ބެޗް ކޮންސްޓްރަކްޝަން އިން 69 ފްލެޓުގެ މަސައްކަތް ވަނީ ފަށާފަ އެވެ. މީގެ އިތުރުން ރެއިންބޯގެ 113 ފްލެޓާއި ޖައުޝާގެ 73 ފްލެޓު ހިމެނެ އެވެ. އަދި ސީލައިފް ގްލޯބަލް ކުންފުނިން 350 ފްލެޓު ދަނީ އަޅަމުންނެވެ.

މި ފްލެޓުތައް އަންނަ އަހަރު ނިމި މީހުން ވަންނާނެ ކަމަށް ބެލެވޭއިރު، މި ތަންތަނުގެ ތެރެއިން ބައެއް ފްލެޓުތައް ފަރުމާކޮށްފައިވަނީ އެންމެ ހިތްގައިމު މާހައުލު ހިމެނޭ ގޮތަށެވެ. މިގޮތުން ސުވިމިން ޕޫލާއި ބަގީޗާ އަދި ޖިމް ފަދަ ހިދުމަތްތައް ލިބެން ހުރެ އެވެ.

މެދު އަދި މަތީ ފަންތީގެ ފްލެޓުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާއިރު، މި ފްލެޓުތަކުގެ އަދަދު 1،200 އަށް އަރަ އެވެ. މީގެ އިތުރުން ސަރުކާރުން ހާއްސަ މަސައްކަތެއްގެ ގޮތުގައި ސޯޝަލް ހައުސިން ފްލެޓު އެޅުމަށް 7،000 ފްލެޓުގެ މަޝްރޫއެއް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަނީ ފަށާފަ އެވެ.