- ގެސްޓްހައުސްގެ އަދަދު 18 އިން 80 އަށް
- ވިޔަފާރީގެ ޕްލޯ ސްޕޭސް 70،000 އަކަފޫޓު
- ވަޒީފާގެ އަދަދު އިތުރުވެ، އެތަށް ގުނައެއް މައްޗަށް
ހުޅުމާލޭގައި 10 އަހަރު ތެރޭގައި އުފެދުނު ވަޒީފާ އަށްވުރެ ވޭތުވެދިޔަ ތިން އަހަރު ތެރޭ އުފެދުނު ވަޒީފާތައް ހަތަރު ގުނަ އިތުރުވެފައިވާ ކަމަށް ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.
ހުޅުމާލޭގައި މިއަދު ފެށި، ވަޒީފާގެ ފެއާ، ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން ވިދާޅުވީ 10 އަހަރާ ނުބައްދަލު ވަރަށް ހުޅުމާލޭގައި ތިން އަހަރު ތެރޭގައި ވަޒީފާ އިތުރުވެފައިވާ ކަމަށާއި، މިއާއެކު ހުޅުމާލެއަކީ "އުންމީދީ ސަހަރު" ގެ ގޮތުގައި ދެކެން ފެށިއްޖެ ކަމަށެވެ.
"މީގެން އެނގެނީ ސަރުކާރުން އިކޮނޮމިކް އެކްޓިވިޓީސްއަށް ނޫނީ ކޮމާޝަލް އެކްޓިވިޓީސްއަށް އިސްކަން ދީގެން ކުރާ މަސައްކަތުން ނަތީޖާ،" ސައިމަން ވިދާޅުވީ އެވެ.
ތަފާސް ހިސާބުތަކުން، ހެކި ދައްކަވަމުން، ސައިމަން ވިދާޅުވީ ހުޅުމާލޭގައި މީހުން ދިރިއުޅެން ފެށިތާ 10 އަހަރުވެގެން ދިޔައިރު ވިޔަފާރިއަށް ހާއްސަ ތަންތަނުގެ ގޮތުގައި އުފެދުނީ 30،000 އަކަފޫޓުގެ ފްލޯ އޭރިޔާ ކަމަށެވެ. ނަމަވެސް ތިން އަހަރު ތެރޭގައި މި އަދަދު 70،000 އަކަފޫޓަށް އިތުރު ވެގެން ގޮސްފައިވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.
"މީގެ އިތުރުން އިންޑަސްޓްރިއަލް ޒޯން. އެ ޒޯންގެ ހާލަތަކީ ބިންތައް ދޫކުރެވި ހިދުމަތެއް ނުދެވޭ. ތަފާސް ހިސާބުން ދައްކާ ގޮތުން 45 ޕްލޮޓުން ހިދުމަތް ދެވެނީ. ނަމަވެސް މިހާރު 55 ތަން އިތުރުވެ، 100 ޕްލޮޓުން އިތުރުވެފައި. ރައީސް ޔާމީން ވެރިކަމަށްވަޑައިގެން ހުޅުމާލެ ތަރައްގީގެ ޕްލޭން ބެލިއިރު 18 ގެސްޓްހައުސް. މިހާރު 80 އަށް އަރައި، މީގެން ވަޒީފާތަކެއް އިތުރުވޭ. އަދި މިހާރުވެސް ކޮމާޝަލް ރެޒިޑެންޓަލް، މިކްސް ޔޫސް ތަންތަން ނިމިގެންދާއިރު ވަޒީފާތަކެއް އުފެދޭނެ،" ސައިމަން ވިދާޅުވި އެވެ.
ސައިމަން ވިދާޅުވި ގޮތުގައި ހުޅުމާލޭގައި މިހާރު އުފެދޭ ވަޒީފާއަށް ބަލާއިރު، އަންނަ އަަހަރު ހަމައެކަނި ހުޅުމާލެއިން އެކަނި، 2،000 ވަޒީފާ އުފެއްދޭނެ އެވެ.
"މި ހުރިހާ ވަޒީފާތައް އުފެދޭއިރު، ސުވާލަކީ ކިތަށް ވަޒީފާތޯ ދިވެހިންނަށް ދެވެނީ.؟ މިނިސްޓަރު ސައީދުގެ އިނީޝިއޭޓްގެ ތެރެއިން އެކަންވާނެ،" ސައިމަން ވިދާޅުވި އެވެ.
މުސްތަގުބަލްގައި، ގިނަ ފުރުސަތު ތަކެއް އުފެދޭނެ ކަމަށް ބެލެވޭ ހުޅުމާލޭގައި މިހާރު 30،000 އަށްވުރެ ގިނަ މީހުން ދިރިއުޅެ އެވެ. އަދި އަންނަ އަހަރު ޗައިނާ- މޯލްޑިވްސް ފްރެންޑްޝިން ބްރިޖު ނިމުމުން މި އަދަދު އިތުރުވެގެން ދާނެ ކަމަށް ބެލެވެ އެވެ.