ހިޔާ މަޝްރޫއު

ހިޔާ މަޝްރޫއުގައި ހިމެނޭ އެސްޓީއޯ ދެ ޓަވަރުގެ ބިންގާ އަޅައިފި

Feb 26, 2018
3

ސަރުކާރުގެ "ހިޔާ" މަޝްރޫއު ދެ ޓަވަރުގެ ބިންގާ މިއަދު އަޅައިފި އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބޭއްވި ރަސްމިއްޔާތެގައި އެސްޓީއޯ ދެ ޓަވަރުގެ ބިންގާ އަޅުއްވައި ދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި އެސްޓީއޯގެ ޗެއާމަން ސާލިމް މުހައްމަދާއި މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރެވެ.

"ހިޔާ" މަޝްރޫއުގައި ބައިވެރިވެ، އެސްޓީއޯއިން އަޅާ ފްލެޓް، ދެ ޓަވަރުގެ ބިންގާ އަޅުއްވައި ދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވީ ގެދޮރުގެ ދަތިކަމަކީ ރާއްޖޭގެ ހުރިހާ މައްސަލަތަކެއްގެ ހަގީގީ ސަބަބު ކަމަށާއި ނަމަވެސް މި ސަރުކާރުން ފަށާފައިވާ "ހިޔާ" މަޝްރޫއުގެ ސަބަބުން މިކަމަށް ހައްލު ލިބިގެންދާނެ ކަމަށް އުންމީދު ކުރެވޭ ކަމަށެވެ.

"މީގެ ކުރިން އެކި ބޭފުޅުން ދައްކަވަމުން ގެންދިޔައީ ގެދޮރުވެރިކަމުގެ ސަބަބުން މައްސަލަތައް އުފެދި އިޖުތިމާއީ އަދާލަތު ގެއްލޭ ވާހަކަ. މީގެ ހައްލު ހޯދުމަށް އެދެވޭ މަސައްކަތްތަކެއް ކުރި ތަނެއް ނުފެނޭ. ނަމަވެސް މި ސަރުކާރުން ދަނީ މައްސަލަތަކެއް ހުރިކަން ގަބޫލުކޮށް އެކަން ހައްލު ކޮށްދޭން މަސައްކަތް ކުރަމުން،" ޝަހީރު ވިދާޅުވި އެވެ.

އަގު 27 މިލިއަން ޑޮލަރު!

ގާތްގަނޑަކަށް ދެ ހާހެއްހާ މުވައްޒަފުން މަސައްކަތް ކުރާ، އެސްޓީއިން އަޅާ ފްލެޓްތައް ހިމެނޭ ދެ ޓަވަރު އަޅަނީ ޓަވަރެއް 15 ބުރިއަށެވެ. ގާތްގަނޑަކަށް 24،000 އަކަފޫޓުގެ ބޮޑު ސަރަހައްދެއްގައި ދެ ޓަވަރުގެ މަސައްކަތް ކުރަނީ ޗައިނާގެ އެމްސީޖީ ޗައިނާ- މިލީނިއަމް ޑިވްލޮޕްމަންޓް ގްރޫޕުންނެވެ. މި މަޝްރޫއުގެ މަސައްކަތް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާއިރު، މި މަޝްރޫއަށް އެސްޓީއޯ އިން 27 މިލިއަން ޑޮލަރު ހޭދަ ކުރާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

މި ފްލެޓުތަކުގައި 350 އެޕާޓްމަންޓް ހުންނާނެ އެވެ. އަދި މި އެ ޕާޓްމަންޓްތަކުގައި އެއް ކޮޓަރި އާއި ދެ ކޮޓަރި އަދި ދެ ކޮޓަރިއާއި މޭޑްރޫމެއް ހިމެނޭ ޓޫޕްލަސް ވަން އެޕާޓްމަންޓްތައް ވެސް ހުންނާނެ އެވެ.

މި މަޝްރޫއު އަށް ފައިސާ ހޯދަނީ ލޯނެއްގެ ދަށުންނެވެ. މި ފްލެޓަށް ފައިސާ ހޯދާފައިވާ ފައިނޭންޝަލް މޮޑެލްއަކީ ކޮންޓްރެކްޓާ އެސިސްޓެންސް ފައިނޭންސްގެ އުސޫލުންނެވެ. ނުވަތަ އިމާރާތް ކުރުމަށް ހަވާލުވާ ކުންފުނިން ބޭންކުން ފައިނޭންސް ހޯދާ އުސޫލުން ކަމަށެވެ.

ޝަހީރު ވިދާޅުވީ އެސްޓީއޯ އިން މި މަސައްކަތް ފެށުން ލަސްވި ކަމަށް ބައެއް މީހުން ވާހަކަ ދެއްކި ނަމަވެސް އެ ކުންފުނިން މަސައްކަތްތަކަށް ނުކުންނަނީ ވަރަށް ތައްޔާރު ވެގެން ކަމަށެވެ.

"އެސްޓީއޯ އިން ކުރާ ކޮންމެ މަސައްކަތެއް ވެސް ބަލައި ވަރަށް ރަނގަޅަށް ތައްޔާރު ވެގެން ކުރަނީ. މި ޕްރޮޖެކްޓް މި ފައްޓަނީ މި [ޕްރޮޖެކްޓް] އަށް ބޭނުންވާ ހުރިހާ ރިސޯސަސްއެއް ހަމަކޮށްގެން. ކޮންޓްރެކްޓަރުންނަށް ވާހަކަ ދައްކައި ބޭނުންވާ ހުއްދަތަކާ އެއްޗިހި ލިބި، އަމަލީ ގޮތުން މަސައްކަތް ފަށަން ތައްޔާރު ވެގެން،" ޝަހީރު ވިދާޅުވި އެވެ.

ވަރަށް ބޮޑަށް ތައްޔާރުވެގެން ކަންކަމަށް ނުކުންނަ ކަމަށް ޝަހީރު ވިދާޅުވި އިރު ހުޅުމާލޭގައި އެސްޓީއޯއިން ރައީސް މައުމޫންގެ ދައުރުން ފެށިގެން އަޅަމުން އަންނަ އެސްޓީއޯ ހޮޓާ، "ރެޑިސަން ބުލޫ" ހުއްޓި "ސިމެންތި" އަށް ވެފައެވެ.

"މުވައްޒަފުންނަށް އަގު ހެޔޮކޮށް ލިބޭނެ"

ޝަހީރު މިއަދު ވިދާޅުވީ މި ދެ ޓަވަރު މިވަގުތަށް ހާއްސަ ވާނީ އެސްޓީއޯގައި ތިބި މުވައްޒަފުންނަށް ކަމަށެވެ. އަދި ތިންވަނަ ޓަވަރެއް އަޅައި އެސްޓީއޯ ގްރޫޕްގެ މުވައްޒަފުންނަށް ވެސް ހަމަޖައްސައިދޭން ނިންމާފައިވާ ކަމަށެވެ. ތިން ވަނަ ޓަވަރު އަޅަނީ ކިތައް ބުރިއަކަށް ކަމެއް ވިދާޅެއް ނުވެއެވެ. އަދި މި ފްލެޓުތައް ވެގެންދާނީ ސަރުކާރުގެ ކުންފުންޏަކުން، އެ ކުންފުނީގެ މުވައްޒަފުންނަށް އަޅައިދޭ އެންމެ އަގު ހެޔޮ ފްލެޓަށް ވާނެކަމުގެ ޔަގީންކަން ޝަހީރު ދެއްވި އެވެ. -- އެކަމަކު ކުންފުނިތަކުން އަޅާ ޓަވަރުތަކުން މުވައްޒަފުންނަށް ލިބޭނީ ވަކި ޕަސެންޓެއް ކަމަށް ކުރިން ސަރުކާރުން ބުންޏެވެ.

"އިރާދުކުރެއްވިއްޔާ މި ފްލެޓު [ހިޔާ- އެސްޓީއޯ] ގެ އަގުތައް އެހެން ކުންފުނިތަކުގެ މުވައްޒަފުންނަށް ދެވޭ އަގުތަކަށް ވުރެ ބޮޑެއް ނުވާނެ. ފްލެޓަށް ފައިސާ ދެއްކުމަށް އެހެން ކުންފުންޏަކުން ނުދޭނެ ފަދަ ލުއި ތަކެއް ދޭން އަޅުގަނޑުމެން ވާނީ ނިންމާފައި. އަޅުގަނޑުމެން މި ދަނީ ބޭންކްތަކާއެކު މަޝްވަރާ ކޮށްގެން،" ޝަހީރު ވިދާޅުވި އެވެ.

މި ފްލެޓުގެ އަގުތައް އެހެން ކުންފުނިތަކުގެ މުވައްޒަފުންނަށް ދެވޭ އަގު ތަކަށް ވުރެ ބޮޑެއް ނުވާނެ. ފްލެޓަށް ފައިސާ ދެއްކުމަށް އެހެން ކުންފުންޏަކުން ނުދޭނެ ލުއި ތަކެއް ދޭން ވާނީ ނިންމާފައި
އެސްޓީއޯ އެމްޑީ | އަހުމަދު ޝަހީރު

"އަޅުގަނޑުމެންނަކީ ގާތްގަނޑަކަށް 4،000 މުވައްޒަފުންގެ ފެމެލީއެއް އޮންނަ ގްރޫޕެއް. އެސްޓީއޯގެ 2،000 މުވައްޒަފުންނަށް ފްލެޓް އަޅައި ދިނުމުގެ މަސައްކަތް ކުރިއަށްދާއިރު އެހެން މުވައްޒަފުންނަށްވެސް ލިބެން ޖެހޭނެ. އެހެންވެ މަޝްވަރާކޮށް ދަންނަންވާ ފަރާތްތަކަށް ދަންނަވައި ގްރޫޕުގެ އެހެން ކުންފުނިތަކުގެ މުވައްޒަފުންގެ ދިރިއުޅުން ފަސޭހަ ވެގެންދާނެ ކަމަށް."

މި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ އެސްޓީއޯއަކީ ރާއްޖޭގެ އިގްތިސާދުގެ މައި ބަދަ ކަމަށެވެ.

"އެސްޓީއޯގެ މުވައްޒަފުންނަކީ ރާއްޖެ ބިނާ ކުރުމަށް މަސައްކަތް ކުރާނެ ހިއުމަން ކެޕިޓަލް،" ސައީދު ވިދާޅުވި އެވެ.

ސަރުކާރުން ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫއެއް ކަމަށްވާ ހިޔާ މަޝްރޫއު ކުރިޔަށް ގެންދަނީ ސަރުކާރު ކުންފުނިތައް މެދުވެރިކޮށެވެ. އެގޮތުން ބޭރުގެ ދެ ކުންފުނި ހިމެނޭ ގޮތަށް 22 ކުންފުންޏެއް އެ މަޝްރޫއުގައި ބައިވެރިވެގެން 62 ޓަވަރު އަޅާނެ އެވެ.