ވިޔަފާރި

ހުޅުމާލެ ފެއާގައި ވަޒީފާތަކަށް އެދި 1600 ހުށަހެޅުން

Feb 19, 2017
  • ފެއާއަށް 4،000 މީހުން ޒިޔާރަތް ކުރި
  • ފެއާގައި 1،000 ވަޒީފާ ހުޅުވާލާފައިވޭ
  • ގިނަ އަދަދެއްގެ ޒުވާނުން، ވަރަށް ކާމިޔާބު

ހުޅުމާލޭގައި އިއްޔެ ބޭއްވި ވަޒީފާގެ ފެއާއަށް 4،000 މީހުން ދިޔަ ކަމަށާ، މީގެ ތެރެ އިން 1،600 އެޕްލިކޭޝަން ވަޒީފާތަކަށް ލިބިގެން ގޮސްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

އިކޮނޮމިކް މިނިސްޓްރީގެ ނައިބް، އާދަމް ތައުފީގު "އަވަސް" އަށް ވިދާޅުވީ ހުޅުމާލޭގައި އިއްޔެ ބޭއްވި ވަޒީފާގެ ފެއާއަށް 4،000 މީހުން ޒިޔާރަތް ކުރުމަކީ ބޮޑު ތަރުހީބެއް ކަމަށާއި، އަދި މި ފެއާގެ 1،000 ވަޒީފާ އަށް 1،600 އެޕްލިލޭޝަން ލިބިގެން ދިޔަ ކަމަށެވެ.

"މި ފެއާ އިން އެނގުނީ ޒުވާނުން ވަޒީފާތަކަށް ބޭނުންވެފައި ތިބި ވަރު. އެހެންވެ މިފެއާގައި ނެގި އެޕްލޭޝަންތަކަށް ވަޒީފާ ދިނުމުގެ ކަންތައް ދާގޮތަށް މިނިސްޓްރީން ވަރަށް ގާތުން ބަލާނަން،" އާދަމް ވިދާޅުވި އެވެ.

"ޔޫތު ކެރިއާ އެކްސްޕޯ" ގެ ނަމުގައި ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އިކޮނޮމިކް މިނިސްޓްރީން ގުޅިގެން ބޭއްވި މި ފެއާގައި ބައިވެރިވި ކުންފުނި ތަކުން 1،000 ވަޒީފާގެ ފުރުސަތު ހުޅުވާލާފައިވެ އެވެ. މިގޮތުން ގިނައިން ބައިވެރިވެފައިވަނީ ހުޅުމާލޭގައި ވިޔަފާރި ކުރަމުން ގެންދާ ކުންފުނިތަކާއި އޮފީސްތަކެވެ. މި ފެއާގައި އެންމެ ގިނަ ވަޒީފާތައް އިއުލާނުކޮށްފައިވަނީ ހުޅުމާލޭގައި މި އަހަރު ހުޅުވާ "ޓްރީޓޮޕް" ހޮސްޕިޓަލުންނެވެ.

ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ތަނަވަސް ކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން، ސަރުކާރުގެ އަމާޒަކީ 95،000 ވަޒީފާގެ ފުރުސަތު ދިވެހިންނަށް ހުޅުވާލުމެވެ. އެކަމަށް ކުރަމުން ގެންދާ މަސައްކަތުންގެ ދަށުން ވޭތުވެދިޔަ ތިން އަހަރު ތެރޭގައި 64،000 ވަޒީފާ އުފެދިފައިވާ ކަމަށް ސަރުކާރުން ބުނެ އެވެ.