މުހައްމަދު ސައީދު

"ރާއްޖެއަކީ އޭޝިޔާގެ އެންމެ އަވަހަށް އިންވެސްޓްމަންޓްގެ އަގު ލިބޭ ގައުމު"

ރާއްޖެއަކީ އޭޝިއާގައި އޮތް އެންމެ އަވަހަށް އިންވެސްޓްމަންޓްގެ އަގު ލިބޭ އެއް ގައުމު ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

"ކްރޮސް ބޯޑިން އިންވެސްޓްމަންޓް ސެމިނާ" ފެށުމަށް ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ސައީދު ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ދާއިރާއަކީ އިންވެސްޓްކޮށްގެން އެންމެ އަވަހަށް އޭގެ ބަދަލު ލިބިދޭ ގައުމު ކަމަށެވެ.

"ރާއްޖެއަކީ އިންވެސްޓް ކުރުމަށް އެންމެ ރައްކާތެރި މާކެޓު. އެކަމަކު ކޮންމެ ގައުމެއްގައި ވެސް ގޮން ޖެހުން ތަކެއް ހުންނާނެ. ނަމަވެސް ރާއްޖޭގައި އިންވެސްޓް ކުރުމުން މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ކަވަރު ވުމަށް މި ނަގަނި އެންމެ ހަތް ވަރަކަށް އަހަރު ޓޫރިޒަމް އާއި ހޮސްޕިޓާލިޓީ ދާއިރާގައި،" ސައީދު ވިދާޅުވި އެވެ.


މިނިސްޓަރު ސައީދު ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް 1972 ވަނަ އަހަރު އުފެދިގެން އައިއިރު އިގްތިސާދު މި ވަރުގެ ކުރިއެރުމެއް އަންނާނެ ކަމަށް ދުނިޔެ ގަބޫލު ނުކުރާ ކަމަށެވެ.

"އެންމެ ފުރަތަމަ ބައިނަލްއަގުވާމީ ދުނިޔެއިން ބުނަނީ މިކަމެއް [ރާއްޖޭގެ ޓޫރިޒަމް ތަރައްގީ] އެއް ނުކުރެވޭނެ ކަމަށް. ސަބަބެއް ކަމަށް ބުނީ ރާއްޖޭގެ އުމްރާނީ ތަރައްގީ އާއި ރާއްޖޭގެ މާލީ ދާއިރާ އޮތް ގޮތުން ރާއްޖޭގައި އިންވެސްޓް ނުކުރެވޭނެ ކަމަށް. ނަމަވެސް ޓޫރިޒަމްގެ މުހިންމު ފަރާތްތަކުގެ ބުރަ މަސައްކަތާއި ގުރުބާނީ އިން މި ވަނީ ކާމިޔާބުކޮށްފަ،" ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ނަމަވެސް މިހާރު ރާއްޖޭގައި 100 އަށް ވުރެ ގިނަ ބައިނަލްއަގުވާމީ ޓޫރިޒަމް މަރުކާ އާއި ތިން ބައިނަލްއަގުވާމީ އެއާޕޯޓް އަދި ހަތަރު މެރިން ޕޯޓުގެ އިތުރުން ތިން ވިޔަފާރީގެ ބަނދަރު އެބައޮތް ކަމަށެވެ. އަދި ރާއްޖޭގައި 27،000 އަށް ވުރެ ގިނަ ޓޫރިސްޓުން އެނދު އެބަހުރި ކަމަށާއި އަދި މި ފަސް އަހަރު ތެރޭގައި އިތުރު 12،000 އެނދު އިތުރުވެގެންދާނެ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށްފަހު، ރާއްޖެއަކީ އިންވެސްޓްރުންނާ ރަހުމަތްތެރި ތަނަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށެވެ. މިގޮތުން މޫޑީސް އިންވެސްޓާސް އިން ފުރަތަމަ ފަހަރަށް ރާއްޖޭގެ ކްރެޑިޓް ރޭޓިން އާއްމު ކުރުން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

ސައީދު ވިދާޅުވީ ރާއްޖެއަކީ 99 ޕަސެންޓް ކަނޑު އޮންނަ ގައުމަކަށްވުމުން ރާއްޖޭގައި އިންވެސްޓްމަންޓުގެ ފުރުސަތުތައް އިތުރު ކުރުމަށް އިގްތިސާދީ ހާއްސަ ސަރަހައްދުތަކެއް ކަނޑައަޅުއްވާފައިވާ ކަމަށެވެ.