މުހައްމަދު ސައީދު

"ކޮމަންވެލްތުން ވަކިވިއަސް އިގްތިސާދަށް ގެއްލުމެއް ނުވާނެ"

Oct 18, 2016
3
  • މާލީ އިދާރާތަކުގެ ފުރިހަމަ އިތުބާރު އެބައޮތް
  • އޭޑީބީ އާއި އައިޑީބީގެ ތައުރީފު ރާއްޖެއަށް ލިބޭ
  • ރާއްޖެއާމެދު ވެސް ކަންކަން ކުރަން ޖެހޭނީ ހަމައިން

ރާއްޖެ ކޮމަންވެލްތުން ވަކިވުމަކީ ރާއްޖޭގެ އިގްތިސާދަށް އެއިން ނޭދެވޭ އެއްވެސް އަަސަރެއް ކުރާނެ ކަމެއް ނޫން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ކޮމަންވެލްތުން ވަކިވާން ނިންމި ނިންމުމާ ގުޅިގެން، މިނިސްޓަރު ސައީދު ވިދާޅުވީ ރާއްޖެއަކީ މިނިވަން ގައުމެއް ކަމަށާއި، ރާއްޖެ ކުޑަ ނަމަވެސް ކަންތައްތައް ކުރަން ޖެހޭނީ ހަހަމަކޮށް ކަމަށެވެ.

"އަޅުގަނޑުމެންނާ ދޭތެރޭގައި ވެސް ކަންތައް ކުރަން ޖެހޭނީ ފެއާކޮށް. ގްލޯބަލް އޯޑާއަކީ މިއީ. ނުހަމަ ގޮތުގައި އެޑްވާންޓޭޖް ނެގުމެއް ނޯންނާނެ،" ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ ރާއްޖެއަކީ ވަރަށް ރަނގަޅަށް ވިޔަފާރީގެ މުއާމަލާތްތަކާއި ތަރައްގީގެ ހުރިހާ ކާމިޔާބީ ތަކެއް ހޯދަމުން ގެންދާ ގައުމެއް ކަމަށެވެ.

"ދިވެހި ވިޔަފާރިވެރިނާއި ދިވެހި ރައްޔިތުން އެތައް ޒަމާނެއްގައި މި ގޮތަށް ކަންތައްތައް ކޮށްފައި އޮތީ. އެހެންވެ ދުނިޔޭގެ ފައިނޭންޝަލް މާކެޓުތަކުގައި އޮތް އިތުބާރު އަބަދު ވެސް އޮންނާނެ. ދުނިޔޭގެ ބޭންކުތަކުން ދެކޭ ގޮތް ބަދަލު ވެގެނެއް ނުދާނެ،" ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އިގްތިސާދަށް އަސަރެއް ނުކުރާނެ ކަމުގެ އެއް ހެއްކަކީ ވޯލްޑް ބޭންކު ފަދަ އިދާރާތަކުން ރާއްޖޭގެ ފައިނޭންޝަލް މާކެޓަށް ތައާރަފު ކުރަމުން އަންނަ ކަންކަމަށް މަރުހަބާ ކިޔުން ކަމަށެވެ.

"އައިއެމްއެފް، އޭޑީބީ ފަދަ ގައުމުތަކުން ގަބޫލުކުރޭ އަޅުގަނޑުމެންގެ ސިސްޓަމް މޮޑަނައިޒް ވަމުންދާކަން. އެހެންވެ އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މިކަމުން އެއްވެސް ނެގެޓިވް އިމްޕެކްޓެއް ނާންނާނެ،" ސައީދު ވިދާޅުވި އެވެ.

ރާއްޖެ ކޮމަންވެލްތުން ވަކިވާން ނިންމާފައިވަނީ، ރާއްޖޭގެ ދާހިލީ ކަންކަމާއި އެތެރޭގެ މައްސަލަތަކަށް ނުފޫޒު ފޯރުވާ އިންސާފުން ބޭރުން އަމަލު ކުރަމުން ދާތީ ކަމަށް ބުނެ އެވެ.

ކޮމަންވެލްތުން ވަކިވާން ނިންމުމާ ގުޅިގެން ރައީސް އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސުގައި ބަނޑާރަނައިބު މުހައްމަދު އަނިލް ވިދާޅުވީ ޔޫއެން އާއި ކޮމަންވެލްތުގެ ޗާޓާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރާއްޖެ ފަދަ މިނިވަން ކޮންމެ ގައުމަކީ އެ ގައުމެއްގެ ސިޔާދަތު ހިމާޔަތް ކުރުމުގެ ބާރު ލިބިފައިވާ ބައެއް ކަމަށެވެ.

ސީމެެގުން އަޅުގަނޑުމެންނަށް ހުށަހަޅާ ކަންކަމަށް ބަލާއިރު މި ހުންނަނީ ޑިމޮކްރެޓިކް ޕްރިންސިޕަލް ރާއްޖޭގައި އަށަގެންނެވުމަށް ބާރު އަޅާފައި. އަދި އެހެން ވިދާޅުވެފައި އަޅުގަނޑުމެން ކައިރީ ބުނަނީ ރާއްޖޭގެ ކޯޓުތަކުގައި ހިނގަމުންދާ މައްސަލަތަކަށް ސަރުކާރުން ބެހެން. މިވެނި ގޮތަކަށް މައްސަލަތައް ނިންމުމަށް. އަޅުގަނޑުމެން ދަންނަވަމުން މިދަނީ އެކަންކަމަކީ ސަރުކާރަށް ކުރެވޭނެ ކަމެއް ނޫން ކަމަށް" ބަންޑާރަ ނައިބު ވިދާޅުވި އެވެ.