ހަބަރު

"ކާޑުގެ ސަބްސިޑީއަށް ގެނައި ބަދަލުން މުސާރަތައް ބޮޑު ކުރެވޭނެ"

Oct 11, 2016
16
  • ސަބްސިޑީއަށް ބަދަލު ގެންނަން މާލީ އިދާރާތަކުން ގޮވާލާ
  • ޓެކްސްގެ 126 މިލިއަން ބިދޭސީންނަށް ސަބްސިޑީދޭ
  • ގްރީސް ބަނގުރޫޓުވީ ސަބްސިޑީއަށް ބަރޯސާވުމުން

ކާޑުގެ ބާވަތްތަކުގެ ސަބްސިޑީއަށް ސަރުކާރުން ގެނައި ބަދަލާއިއެކު ކުރިޔަށް އޮތްތަނުގައި ކޮންމެ ރައްޔިތަކަށް ޖެހޭ މުސާރާއިގެ އަދަދު ބޮޑު ވެގެން ދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ކާޑުގެ ބާވަތްތަކުން މިހާތަނަށް ދެމުން އައި ސަބްސިޑީ ކޮންޓްރޯލް ކުރުމާ ގުޅިގެން ރައްޔިތުން މަޖިލީހަށް ހުށަހެޅުނު މައްސަލައެއްގައި ސަރުކާރުގެ މައްސޫލިއްޔަތު އަދާ ކުރާ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ސައީދު ވިދާޅުވީ ރާއްޖެ ފަދައިން އެއް އިންޑަސްޓްރީއަކަށް އާމްދަނީ ބަރޯސާވެފައި އޮންނަ ގައުމުތަކުން ޓާގެޓަޑް ސަބްސިޑީއަށް ދިޔުމަށް އިންޓަނޭޝަނަލް މަނިޓްރީ ފަންޑިން (އައިއެމްއެފް) އަދި ވޯލްޑު ބޭންކު ފަދަ ތަންތަނުން ކޮންމެ އަހަރަކުވެސް ވަރަށް ބާރު އަޅާ ކަމަށާއި އެކަން ނުކޮށްފި ނަމަ ފަހުން ތަކުލީފު އުފުލަން ޖެހިދާނެ ކަމަށް އެ ފަރާތްތަކުން ވިދާޅުވާ ކަމަށެވެ. އަދި ޔޫރަޕުގެ އިއްތިހާދުގެ ތެރެއިން ގްރީސް ފަދަ ބޮޑެތި ގައުމުތައްވެސް އިގްތިސޯދީ ގޮތުން ބަނގުރޫޓުވީ އިންތިހާޔަށް ސަބްސިޑީޒް އަށް ބަރޯސާވުމުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެގޮތުން ދިވެހިން އަތުން ނަގާ ޓެކްސްއިން 126 މިލިއަނަށް ވުރެއް ގިނަ ރުފިޔާގެ އެ ހައްގު ނުވާ ބިދޭސީންނާއި ފަތުރުވެރިންނަށް ދެވޭ ސަބްސިޑީ ގޮތުގައި ހަރަދުވާއިރު ސަބްސިޑީ ދިނުމުގެ އުސޫލަށް ގެނައި ބަދަލަކީ އިދިކޮޅު ފަރާތްތަކަށް ސިޔާސީ ގޮތުންފައިދާ ނެގޭނެ ކަމެއް ނުން ކަމަށް ސައީދު ވިދާޅުވި އެވެ. އަދި ރާއްޖޭގެ އިގްތިސޯދު ހަރުދަނާ ކުރުމަށްޓަކާ ރައީސް ޔާމިން ނެންގެވި ސިޔާސަތު ބަލާގަންނަން ޖެހޭ ކަމަށާއި ސަބްސިޑީއަށް ގެނައި މި ބަދަލާ ގުޅިގެން މިހާރު އެވްރޭޖު ރައްޔިތެއްގެ ބޮލަކަށްޖެހޭ މުސާރާގެ އަދަދު އިތުރުވެގެން ދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ބޮޑެތި ގައުމުތަކުގެ އިތުރުން އަޅުގަނޑުމެން ފަދަ ކުދި ގައުމުތަކުން ވެސް ޓާގެޓަޑް އަދި އެކަން ހައްގުވާ ފަރާތްތަކަށް ހަމަޖެއްސުމަކީ ބުއްދިވެރި ގޮތް ކަމަށް ވޯލްޑު ބެންކުން ބުނޭ. އަދި މި ދެވޭ އިނާޔަތްތަކާއި މި ކުރެވޭ މަަސައްކަތުގެ ސަބަބުން ކުރިޔަށް މި އޮތް ދެ އަހަރު ނިމޭއިރު މިއަދަށްވުރެއް ތަކުލީފު އުފުލަން ނުޖެހޭ މާދަމާއެއް ތުއްތު ކުދިންނަށާއި ޒުވާނުންނަށް ލިބޭނެ. މި ކަންތައްތަކުގައި ނަތީޖާއަކަށް ވާނީ ދިވެހި ރައްޔިތުންނަށާއި ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ތަނަވަސްވެ މިހާރު އެވްރޭޖު ބޮލަކަށް މުސާރަ ޖެހޭ އަދަދު އިތުރުވެގެން ދިޔުން. އިރާދަ ކުރެއްވީއާ މިކަންތައްތައް ހަގީގަތަކަށް ވުމާ ދެމެދުގައި މާ ގިނަ ދުވަހެއް ނެތް،" މިނިސްޓަރު ވިދާޅުވި އެވެ.

ސަބްސިޑީ ކޮންޓްރޯލް ކުރުމާ އެކު، 3.98 ރުފިޔާއަށް ވިއްކާ ހަޑޫ ކިލޯއެއް ދެން ވިއްކާނީ 7.96 ރުފިޔާއަށެވެ. އަދި ފުށް ކިލޯއެއްގެ އަގު، 5.96 ރުފިޔާ ބޮޑުވާނެ އެވެ. މިހާރު ވިއްކަނީ، 2.98 ރުފިޔާ އަށެވެ. އަދި ހަކުރު ކިލޯއެއްގެ އަގު ވަނީ ހަތަރު ރުފިޔާއިން އަށް ރުފިޔާއަށް ބޮޑުކޮށްފަ އެވެ.

ސައީދު ވިދާޅުވީ ކާޑުގެ ބާވަތްތތައް އެސްޓީއޯގެ ގުދަންތަކާ ހަމަޔަށް ގެންނަ ކިރު ހަކުރު ކިލޯއަކަށް 13.49 ރުފިޔާ އަރާ ކަމަށާއި ހަނޑޫ ކިލޯއަކަށް 10.47 ރުފިޔާ އަރާ ކަމަށެވެ. އަދި ފުށް ކިލޯއަކަށް 8.71 ރުފިޔާ އަރާ ކަމަށެވެ. އެހެންކަމުން މިހާރު ވެސް ސަބްސިޑީޒް މުޅިން ކަނޑާނުލާ ކަމަށާއި އެކަން އެގޮތަށް ކުރީ ރައްޔިތުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިވާނެތީ ކަމަށެވެ. އަދި މަޑުމަޑުން ސަބްސިޑީ ކޮންޓްރޯލު ކުރަމުން ގެންދަވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް އެސްޓީއޯ އިން މިހާރު ކުރަމުން ގެންދާ މަސައްކަތުން ސަބްސިޑީއަށް ބަރޯސާ ނުވެ ކާޑުގެ އަގުތަކަށް ރަނގަޅު ބަދަލެއް ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.