ދުނިޔެ

މޫސަލް ހިފަން އަސްކަރީ ކޯލިޝަން ނިކުތުމުން އައިއެސް ފަހަތަށް ޖެހިއްޖެ

ޓެރަރިސްޓް ޖަމާއަތް އިސްލާމިކް ސްޓޭޓުން ހިފާފައިވާ، އިރާގުގެ ދެ ވަނަ އަށް އެންމެ ބޮޑު ސިޓީ، މޫސަލް އަލުން އިރާގުގެ ބާރުގެ ދަށަށް ގެނައުމަށް އެމެރިކާގެ އަސްކަރީ ކޯލިޝަންގެ އެހީތެރިކަމާއެކު އިރާގުގެ އަސްކަރިއްޔާއިން ނިކުތުމުން، މޫސަލް ހިސޯރުކޮށްގެން ތިބި އައިއެސް އިން އެ ސިޓީ ދޫކޮށްލަން ނިންމައި ފަހަތަށް ޖެހެމުން ދާކަން މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މޫސަލްގައި އައިއެސް ފަހަތަށް ޖެހެން ފަށައިފިކަން ވޯލްސްޓްރީޓް ޖާނަލް އިން ވަނީ ރިޕޯޓްކޮށްފައެވެ. އަދި ދަ ގާޑިއަންއިންވެސް ބުނެފައިވަނީ އައިއެސް ފަހަތަށް ޖެހި އެ ސިޓީ ދޫކޮށްލަން ތައްޔާރުވަމުންދާ ކަމުގެ ޚަބަރުތައް ލިބެމުންދާ ކަމަށާއި "ނަމަވެސް ސައްހަ ކަމާމެދެ" އެއްޗެއް ބުނަނަން ނޭނގޭ ކަމަށެވެ.

އައިއެސް ފަހަތަށް ޖެހެން ފަށައިފި ކަމުގެ ޚަބަރުތައް ފެތުރިފައިވާއިރު، މީގެ ގަޑިއެއްހާއިރު ކުރިން ކުރިން އިރާގުގެ ބޮޑުވަޒީރު ހައިދަރުލް އާބާދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މޫސަލް އިރާގުގެ ރައްޔިތުންގެ ބާރުގެ ދަށަށް ގެނައުމުގެ އަސްކަރީ މަސައްކަތް ފަށާފައިވާ ކަމަށެވެ. "މޫސަލް އަލުން އިރާގްގެ ބާރުގެ ދަށަށް ގެނެސް، މޫސަލްގެ ރައްޔިތުންނާއެކު މުޅި އިރާގް އެ ކާމިޔާބު ފާހަގަ ކުރާނެ" ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

އައިއެސް އިން މޫސަލް ހިފުމުން، އައިއެސްގެ ނުރައްކަލުން ސަލާމަތްވުމަށް ހަ ލައްކައެއްހާ މީހުން ވަނީ މޫސަލް ދޫކޮށް އެހެން ހިސާބުތަކަށް ހިޖުރަ ކޮށްފައެވެ. އައިއެސްގެ ބާރު އޮތް ސީރިޔާގެ ސަރަހައްދަކުންވެސް އިއްޔެ ވަނީ އައިއެސް ފަހާ ނެރެލާފައެވެ.