އިންޑިއަން ސަބްކޮންޓިނެންޓްގައި އޮތް ކުދި ކުދި ރަސްކަންތަކުގެ ބާރު ކަނޑުވާލައި، މުޅި އެސަރަހައްދު އަޅުވެތިކޮށްގެން ގާތްގަނޑަކަސް 100 އަހަރު އުޅުމަށް ފަހު އެތަނުގައި އިނގިރޭސިން ދެ ގައުމު އުފެއްދިތާ މިއަދަށް މިވީ 70 އަހަރެވެ. ސަބްކޮންޓިނެންޓް ބައިކޮށް، އިންޑިއާއާއި ޕާކިސްތާނުގެ ނަމުގައި ދެގައުމު އުފެއްދިތާ މިހާ ދުވަސްވީ އިރުވެސް އެކަމުގެ ސަބަބުން މީހުންގެ ހިތްތަކުގައި ލީ ޒަހަމްތައް އަދިވެސް ހުރީ ތާޒާކޮށެވެ.
" ބައިވި ދުވަސް" ޕާކިސްތާނުގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރާ އިރު ބައިވުމުގެ ސަބަބުން ހިނގި ގަތުލު އާއްމުތައް ލޮލުން ދުށް މީހުން އަދިވެސް ދުނިޔޭގައި އެބަތިއްބެވެ. އޭގެ ތެރެއިން ބައެއް މީހުން ވަނީ އެމީހުން ދުށް މަންޒަރުތަކުގެ ވާހަކަ އަލްޖަޒީރާއަށް ކިޔައިދީފައެވެ. އެ އެޖެންސީން މިއަދު ޝާއިއު ކުރި ރިޕޯޓެއްގައި ހިމަނާފައިވާ އެ ވާހަކަ ތަކަކީ ވޭންދެނިވި ވާހަކަ ތަކެކެވެ.
" ތިބާގެ މަންމަ މަރާލައި، ބަނޑު ފަޅައި އެތެރެހަށީގެ ގުނަވަންތައް ބޭރަށް ނެރެފައިވާ މަންޒަރު ފެނިއްޖެ ނަމަ ކުރެވޭނީ ކޮން އިހުސާސެއް؟" އަލްޖަޒިރާއާ ވާހަކަދައްކަމުން ސޮލާހުއްދީން ޚާލިދު ސުވާލުކޮށްފައި ވެއެވެ.
ހީވަނީ ނައަމްސޫފި ކަތިލާ ތަނެއް ހެން
އޭނާއަކީ ނިއުދިއްލީގައި އުޅުނު ޅަފުރައިގެ ފިރިހެން ކުއްޖެކެވެ. އެކި ދީންތަކުގެ މީހުން އެއްތަނެއްގައި އުޅެމުން އައި ދިރިއުޅުން ކުއްލިއަކަށް ބަދަލުވެ، ބޮޑު ގަތުލު އާއްމެއް ފެށިގެން ދިޔަގޮތް އޭނާ އަދިވެސް ހަނދާން އެބަހުއްޓެވެ.
އެއީ 1947 ވަނަ އަހަރެވެ. މުޅިން އާ ދެ ދައުލަތުގެ ގޮތުގައި އިންޑިއާއާއި ޕާކިސްތާނު ކިރިޔާ އުފެދުނީއެވެ. ރޮނގު ދަމައިލި އިރު ސޮލާހުއްދީނާއި އޭނާގެ އާއިލާއަށް ތިބެވުނީ އިންޑިއާ ފަޅީގައެވެ. މުސްލިމުންގެ ގޮތުގައި އެއާއިލާއަށް ތިބެވުނީ ހިންދޫންނާއި ސިކުންގެ ބާރުގެ ދަށުގައިވާ އިންޑިއާގައެވެ.
" ހަޅޭކެއްގެ އަޑު އިވިގެން އެނބުރި ބަލައިލުމުން އަހަރެންނަށް ފެނުނީ ކަނޑި ހިފައިގެން ހުރި ސިކުންގެ މީހަކު އަހަރެންގެ އުޚުތުގެ ފަހަތުން ދުވެފައި އަންނަތަން. އެމީހުން ފުރަތަމަ ވަދެގަތީ މަންމަގެ ކޮޓަރިއަށް. އެތަނަށް ވަދެ މަންމަ މަރާލާފައި ދެން އައީ އަހަރެމެންނާ ދިމާލަށް،" އެދުވަހުގެ ހަނދާން އާ ކުރަމުން ސަލާހުއްދީން ކިޔައިދީފައި ވެއެވެ.
ގަތް ބިރުން ފިލަން ދުވުމަށް ފަހު ސަލާހުއްދީން އެނބުރި ގެއަށް އައުމުން ފެނުނީ މަންމަގެ ހަށިގަނޑު ކޮށާލާފައިވާ މަންޒަރެވެ.
" ހީވަނީ ގެރި ކަތިލާ ތަނެެއްހެން،" މަންޒަރު ސިފަކޮށްދެމުން އޭނާ ބުނެފައި ވެއެވެ.
ޕްލެޓްފޯމްތައް އޮތީ ލެއިން ތަތްތެޅިފައި
ސޮލާހުއްދީންގެ މަންްމައާއި މިލިޔަނެއްހާ އެހެން މީހުން މަރައިލި ގަތުލު އާއްމު ހިނގީ ސިޔާސީ ކޮން ސަބަަބަކާ ހެދިކަން އޭނާއަކަށް އޭރަކު ނޭނގެއެވެ. ނަމަވެސް އިނގިރޭސިން ގާއިމްކުރި ވަރުގަދަ " އިންޑިއަން އެމްޕަޔަރް" ރޫޅާލައި، އާ ދެގައުމު އުފައްދަން ނިންމި ނިންމުމުގެ ނަތީޖާ ތަހައްމަލު ކުރީ އޭނާ ފަދަ މީހުންނެވެ.
ހިންދޫންނާއި މުސްލިމުންނާއި ސިކުން އެއްބަޔަކު އަނެއް ބަޔަކާ ދެކޮޅަށް ތެދުވުމުން ހިނގައި ދިޔަ ބިރުވެރި ކަންތައްތަކުގެ ހަނދާންތައް އެމީހުންގެ ހަނދާނުގައި އަދިވެސް ހުރީ ވަރަށް ތާޒާކޮށެވެ.
" އެކަންތައްްތައް ހަނދާންވުމުން އަހަރެންނަށް ވަރަށް ތަދު އިހުސާސްވޭ. އަހަރެންގެ ހިތް ވިރިގެން ދޭ،" ސޮލާހުއްދީން ބުނެފައި ވެއެވެ.
ދީނަށް ބަލައިިގެން ދެބައިކޮށް، އިންޑިއާ އާއި ޕާކިސްތާނު އުފެދުމުން ކުރި ހިޖުރައަކީ އިންސާނީ ތާރީހުގައި ވެސް އެންމެ ގިނަބަޔަކު އެއްފަހަރާ ކުރި ހިޖުރައެވެ. އިންޑިއާ ފަޅީގައި ތިބި އެތައް މިލިޔަން މުސްލިމުންނެއް މަސައްކަތްކުރީ ޕާކިސްތާނަށް ދިއުމަށެވެ. ޕާކިސްތާނު ފަޅީގައި ތިބި އެތައް މިލިހޔަން ހިންދޫންނަކާއި ސިކުންނެއް މަސައްކަތް ކުރީ އިންޑިއާއަށް ދިއުމަށެވެ.
ގެދޮރު ދޫކޮށް މީހުން ނުކުންނަމުން ދިޔައިރު އަވަށްޓެރިންގެ ހަމަނުޖެހުމުގެ ބޮޑު ރާޅެއް ފެތުރިގެން ދިޔައެވެ.
" އެއްބަޔަކު އަނެއް ބައެއްގެ ކައިވެނި ޕާޓީއަށް ދާހާ ގާތްކޮށް އުޅުނު މީހުން ފެށީ ގަތުލުކުރަން. އެއްބަޔަކު އަނެއް ބައެއްގެ ދަރިންގެ އިއްފަތް ފޭރެން،" ތާރީހު އިލްމުވެރިއެއްކަމަށްވާ ވިލިއަމް ޑާލްރިމްޕުލް ވިދާޅުވެފައި ވެއެވެ.
ޕާކިސްތާނުގެ ލާހޫރު ފަދަ ރަށްތައް ގަތުލު އާއްމުތައް ހިންގާ ތަންތަނަށް ބަދަލުވިގޮތް އޭނާ ވަނީ ސިފަކޮށްދެއްވާފައެވެ.
" ބުނެވޭނީ ޕްލެޓްފޯމްތައް އޮތީ ލެއިން ތަތްތެޅިފައޭ. އިންޑިއާއަށް ދަތުރުކުރަން ގޮސް ތިބި ހިންދޫންތަކެއް، ގަތުލުއާއްމެއްގައި މަރައިލުމުން. އިންޑިއާއިން އައި ރޭލެއްގައި ވާ މުސްލިމުންގެ ހަށިތަކެއްގެ ސަބަބުން އެހެން ޕްލެޓްފޯމެއް އޮތީ ލެއިން ތަތްތެޅިފައި. މުޅި ތަނުގައި އޮތީ ހައިޖާން،" ޑާލްރިމްޕުލް ވިދާޅުވެފައި ވެއެވެ.