ދުނިޔެ

ސްރީލަންކާ އާއި ބަންގްލަދޭޝްގެ ފަހުން ޕާކިސްތާންތަ؟

ދެކުނު އޭޝިއާގެ ގައުމުތަކުގެ އިގްތިސާދީ ހާލަތު ފާއިތުވި އަހަރުތަކުގައި ދަށަށް ދިއުމާއެކު މި ސަރަހައްދުގެ ގައުމުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ކަންބޮޑުވުންތައް އިތުރުވާން ވަނީ ފަށާފަ އެވެ. އޭގެ އެއް މިސާލަކީ ކޮވިޑް 19 އަށް ފަހު ސްރީލަންކާގެ އިގްތިސާދީ ހާލަތު ގޯސްވުމުން އެ ގައުމުގެ ރައްޔިތުން ނިކުމެ ގޮތަބަޔާ ރާޖަޕަކްސާގެ ވެރިކަން ނިންމާލުމެވެ. ބަންގްލަދޭޝްގައި ސަރުކާރުގެ ވަޒީފާ ދިނުމުގައި ގެންގުޅެމުން ދިޔަ ތަފާތުކުރުންތަކާ ގުޅިގެން އެކަން ހައްލުކުރުމަށް އެ ގައުމުގެ ރައްޔިތުން ތަކުރާރުކޮށް އެދުނު އެދުންތަކަށް އެއިރުގެ ބޮޑުވަޒީރު ޝައިހް ހަސީނާ އިޖާބަ ނުދެއްވުމުން ނިމިދިޔަ ހަފްތާގައި ބަންގްލަދޭޝްގެ ކިޔަވާ ކުދިން ވަނީ ހަސީނާގެ ވެރިކަންވެސް މަގުމަތިން ބަދަލުކޮށްލާފަ އެވެ.

ސްރީލަންކާއާއި ބަންގްލަދޭޝްގެ ރައްޔިތުންގެ ފަރާތުން ފެނުނު ހިތްވަރާއި ޖޯޝް ނަމޫނާއަކަށް ބަލައިގެން ޕާކިސްތާންގެ ވެރިކަން ފުރޮޅާލުމުގެ މަސައްކަތްތަކެއް ފެށިދާނެހެން ހީވާ ފަދަ އަލާމަތްތަކެއް ޕާކިސްތާންގެ ތެރެއިން ވަނީ ފެންނަން ފަށާފަ އެވެ. ޕާކިސްތާންގެ ޒުވާނުންގެ ގުރޫޕްތަކަކުން ވަނީ އެ ގައުމުގެ އިގްތިސާދު ހަމައަކަށް ނޭޅުވޭނަމަ އަދި ޕާކިސްތާންގެ އިދިކޮޅޫ ލީޑަރު އަދި ކުރީގެ ކުޅިވަރު ޝަހްސިއްޔަތު އިމްރާން ޚާން ދޫކޮށްލުމަށް ސަރުކާރަށް ގޮވާލާފަ އެވެ. އެކަންކަން ނުވާނަމަ ސަރުކާރު ބަދަލުކޮށް އަސްކަރިއްޔާގެ އިސްވެރިން މަގާމުން ދުރުކުރަން ނިކުންނަންޖެހިދާނެ ކަމަށް ބުނެ ސަރުކާރަށް އިންޒާރު ދީފަ އެވެ. އެހެންވެ ޕާކިސްތާންގެ އަވަށްޓެރި ގާއުމުތައް ދިޔަ ގޮތަށް އެ ގައުމުގެ ވެރިކަންވެސް ބަދަލުވެދާނެ ކަމުގެ ޝައްކުތަކާއި ހީތަކާއި ސުވާލުތައް މިހާރު އުފެދެ އެވެ.

ޕާކިސްތާނުގެ އިގްތިސާދީ ހާލަތަށް ބަލާއިރު އެ ގައުމުގެ ބޭރު ފައިސާގެ ރިޒާވް ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. މީގެ ސަބަބުން އަސާސީ ބޭނުންތަކަށް ބޭނުންވާ ތަކެތި އިމްޕޯޓް ކުރުމަށް ދަތިތަކާ ކުރިމަތިވެ އެވެ. މިކަމުގެ ސަބަބުން ގައުމުގެ އިންފްލޭޝަން ރޭޓް އިންތިހާއަށް މައްޗަށް ގޮސް އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތަށް ވަރަށް ބޮޑެތި ނޭދެވޭ އަސަރުތައް ވަނީ ކޮށްފަ އެވެ.

ޕާކިސްތާންގެ އިގްތިސާދީ ހާލަތު މިހާ ދަށަށް ދިއުމުގެ އެއް ސަބަބަކީ އެ ގައުމުގައި ހިނގަމުންދާ ސިޔާސީ ހަމަނުޖެހުންތަކެވެ. ވޭތުވެދިޔަ އަހަރުތަކުގައި ޕާކިސްތާނުގެ ސިޔާސީ މަޝްރަހް ވަނީ ވަރަށް ބޮޑަށް ހަލަބޮލިވެފަ އެވެ. މީގެ ސަބަބުން ގައުމުގެ އިގްތިސާދީ ސިޔާސަތުތައް ތަންފީޒުކުރުމަށް ދަތިތަކާ ކުރިމަތިވެފައިވެ އެވެ. އަދި ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ގެއްލި، އިންވެސްޓްމަންޓްތައް މަދުވެފައިވެ އެވެ.

އިގްތިސާދީ ހާލަތު ރަނގަޅުކުރުމަށްޓަކައި ޕާކިސްތާނުން ގެންދަނީ އައިއެމްއެފްގެ އެހީތެރިކަން ހޯދުމަށްވެސް މަސައްކަތް ކުރަމުންނެވެ. އައިއެމްއެފްގެ އެހީ ހޯދާނަމަ އެ އެޖެންސީ އިން ކުރާ ޝަރުތުތަކާ އެއްގޮތަށް އިސްލާހީ ބަދަލުތައް ގެނައުމަށް ޕާކިސްތާން ސަރުކާރަށް މަޖުބޫރުވާނެ އެވެ. އެކަމަކު މިވަގުތު ޕާކިސްތާންގެ ހާލަތު ހުރީ އައިއެމްއެފްގެ ޝަރުތުތަކާ އެއްގޮތަށް ކަންކަމަށް އިސްލާހީ ބަދަލު ގެނެވޭ ގޮތަކަށް ނޫނެވެ.

ޕާކިސްތާނުގެ އިދިކޮޅު ލީޑަރު އިމްރާން ހާން ޖަލަށް ލައިގެން އޭނާގެ އަޑު ކަނޑުވާލުމަކީވެސް ޕާކިސްތާންގައި ވެރިކަން ކުރާ ކޯލިޝަން ޕާޓީތަކުން ބޭނުންވާ ގޮތެކެވެ. ނަމަވެސް އިމްރާނަކީ މިވަގުތު ޕާކިސްތާންގައި އެންމެ މަގުބޫލު ސިޔާސީ ލީޑަރަށް ވާތީ އޭނާގެ އަޑު ކަނޑުވާލުމަކީ އަދި އޭނާގެ ސަޕޯޓަރުން މައިތިރިކުރުމަކީ ޕާކިސްތާން ސަރުކާރަށް ކުރެވޭނެ ކަމެއް ނޫނެވެ.

ތާކުންތާކު ނުޖެހޭ ތުހުމަތުތައްކޮށް އިމްރާން ޖަލުގައި ބަހައްޓާފައިވާތީ އޭނާގެ ސަޕޯޓަރުން ދަނީ މަޑުމަޑުން ކެކެމުންނެވެ. ޕާކިސްތާންގެ އިގްތިސާދީ ހާލަތުވެސް ދަނީ މަޑުމަޑުން ގޯސްވަމުންނެވެ. ބޭރު ގައުމުތަކުން ނަގާފައިވާ ދަރަނިތަކަށް ފައިސާ ނުދެއްކި ދަރަނިތައް ދަނީ ބޮޑުވަމުންނެވެ. ކޮރަޕްޝަން ދަނީ މައްޗަށެވެ. ވެެރިކަމުގެ ތެރެއަށް އަސްކަރިއްޔާގެ ނުފޫޒު ދަނީ ގަދަވަމުންނެވެ.

މި ހުރިހާ އުދާސްތަކާ ގުޅިގެން ޕާކިސްތާންގެ ރައްޔިތުން ދަތިތައް ތަހައްމަލްކޮށްގެން ތިބޭނީ ކިހާ ދުވަހަކުންތޯ މިހާރު ސުވާލު އުފެދެ އެވެ. އިމްރާން ހާން ޖަލުން މިނިވަންކުރުމަށް ގޮވާލާ ގޮވާލުންތަކުގެ އަޑުވެސް ދަނީ ގަދަވަމުންނެވެ. މިއަޑުތައް ޕާކިސްތާންގެ ސަރުކާރާއި އަސްކަރިއްޔާއަށް ނީވޭނަމަ ޕާކިސްތާން ރައްޔިތުން މަގުތަކަށް ނިކުތުމަކީ ގާތް ކަމެއް ކަމަށް އެ ގައުމުގެ ސިޔާސީ މަސްރަހު ދިރާސާ ކުރާ މުރާސިލުން ބުނެ އެވެ.

ޕާކިސްތާނުގެ އިދިކޮޅު ލީޑަރު އިމްރާން ހާން ޖަލަށް ލައިގެން އެމަނިކުފާނުގެ އަޑު ކަނޑުވާލުމަށް ޕާކިސްތާން ސަރުކާރާއި އަސްކަރިއްޔާ ވަރަށް ބޮޑަށް މަސައްކަތްކޮށްފި އެވެ. އެކަމަކު އެކަން ހާސިލެއް ނުވި އެވެ. ސަރުކާރަށް އެކަން ހާސިލްވާނެ ކަމުގެ އުއްމީދުވެސް ކުޑަ އެވެ. އިމްރާން ހާންގެ އަޑު ކަނޑުވާލަން އިސްކަންދީގެން ގައުމުގެ އިގްތިސާދު ހަމައަކަށް އެޅުވުމަށްވެސް ޕާކިސްތާން ސަރުކާރު ވަނީ ނުކުޅެދިފަ އެވެ. އެހެންކަމުން ސްރީލަންކާ، ބަންގްލަދޭޝްއަށްފަހު ވެރިކަން ބަދަލުވުމުގެ ރޯޅިއެއް ޕާކިސްތާނަށް އެރުމަކީވެސް އެ ގައުމުގެ ހާލަތު އޮތް ގޮތުން ދުރުކަމެއް ނޫނެވެ.