ދުނިޔެ

ސައްހަ ލިޔެކިއުންނެތި މައްްކާއަށް ދިޔަ 95000 މީހަކު އަނބުރާ ފޮނުވާލައިފި

ހައްޖުގެ އަޅުކަމަށް މާތްވެގެންވާ މައްކާއަށް އެތެރެވުމަށް ބޭނުންވާ ލިޔެކިއުންތައް ފުރިހަމައަށް ނެތިގެން 95000 މީހަކު އަނބުރާ ފޮނުވާލާފައިވާ ކަމަށް ސައުދީ އަރަބިއްޔާއިން ބުނެފިއެވެ.

ސައުދީ އަރަބިއްޔާއިން ހައްޖުގެ އަޅުކަމުގެ ކަންތައްތައް ބަލަހެއްޓުމަށް ހާއްސަކޮށްފައިވާ ލަޝްކަރުތަކުގެ ކޮމާންޑަރު ޖެނެރަލް ހާލިދު އަލް ހަރުބީ އާ ހަވާލާދީ އަރަބް ނިއުސް ބުނީ ސައުދީ އަރަބިއްޔާގެ އެކި ސަރަހައްދުތަކުން މައްކާއަށް ވަންނަން އުޅުނު 95400 މީހުން އަނބުރާ ފޮނުވާލާފައި ވަނީ ޖުލައިމަހުގެ 20 ފެށިގެން އޮގަސްޓްމަހުގެ 12 ވަނަ ދުވަހާ ހަަމައަށް ހޭދަވީ މުއްދަތުގައި ކަމަށެވެ.

ޖެެނެރަލް ހަރުބީ ވިދާޅުވެފައި ވަނީ ހައްޖުގެ މާހައުލު ކިލަނބުކުރަން ނުވަތަ ގާނޫނުތަކާއި ގަވައިދުތަކާ ހިލާފުވާން އެއްވެސް ބަޔަކަށް ފުރުސަު ނުދެއްވާނެ ކަަމަށެވެ.

" ހައްޖު ހުއްދަތަކާ ނުލައި އަންނަމީހުންނާ ހުއްދަ ނެތް ހައްޖާޖީން އުފުލައިދޭ މީހުންނާ މެދު ހަރުކަށިކޮށް މުއާމަލާތްކޮށް، އެމީހުން ކުރަން ޖެހޭ ޖޫރިމަނާއެއް ކުރުމަށް ކަމާ ބެހޭ އިދާރާތަކާ ހަވާލުކުރެވޭނެ،" ޖެނެރަލް ހަރުބީ ވިދާޅުވިކަމަށް ނޫހުގައި ވެއެވެ.

އޭނާ ވިދާޅުވެފައި ވަނީ ހަރަމްފުޅު ތެރޭގައި ތިއްބަސް އެފަދަ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަަމަށާއި އެތަންތަނަށް ހުއްދަނެތް މީހުން ވަދެ ތިބޭތޯ ބެލުމަށް ރޭންޑަމްކޮށް މީސްމީހުންގެ އިނގިލީގެ ނިޝާން ޗެކްކުރާނެ ކަމަށެވެ. ގަވައިދާ ހިލާފަށް މީހުން ވަދޭތޯ މައްކާއަށް ވަދެވެން ހުރި ތަންތަނާއި ހަރަމްފުޅަށް ދެވެން އޮންނަ މަގުތަކުގައި ގާއިމްކޮށްފައިވާ ސަލާމަތީ ވަސީލަތްތައް ބޭނުންކޮށްގެން ވެސް ބަލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހައްޖުގެ އަޅުކަމުގައި އުޅޭ އިރު މާހައުލު ރަނގަޅަށް ބޭއްވުމަށް ޓަކައި ގަވައިދުތަކަށް މީހުން ބޯލެނބުމުގެ މުހިއްމުކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި އެގޮތަށް އަަމަލުކުރުަމަށް އޭނާ ވަނީ ހައްޖާޖީންނަށް ގޮވައިލައްވާފައެވެ.