ގިނި ހިލައެއްދާ ތަން ބަލާ ހިތްވާ މީހުން މިރެއާއި މާދަމާރެއަށް ތައްޔާރުވާންވީ އެވެ. އެމެރިކާގެ ޖައްވީ އިދާރާ، ނާސާއިން ލަފާ ދެނީ ގިނިހިލަ ބަލަން އެދޭ މީހުން މިދެރޭ ދަންވަންދެން ހޭލާ ތިބެން ނުވަތަ ގަޑި އެލާމްކޮށްގެން ދަންވަރު ހޭލާށެވެ. އެއީ ގިނިހިލަ ބަލާހިތްވާ މީހުންނަށް އެއިދާރާއިން ދޭން އިރުޝާދެވެ.
"ޕާސީޑްސް" ގެ ނަން ދީފައިވާ ގިނިހިލައިގެ ވާރޭ އުޑުމަތިން ފެންނަނީ ކޮންމެ އަހަރެއްގެ އޮގަސްޓްމަހު އެވެ. އެއީ "ސްވިފްޓް-ޓަޓުލް" ނަމަކަށް ކިޔާ ގަދީމީ ދުންތަރިއަކުން ވަކިވެފައިވާ އެތި އެތިކޮޅުގެ ސަބަބުން ފެންނަ މަންޒަރެކެވެ. އެތަކެތި ދަތުރުކުރަނީ ކޮންމެ އަހަރެއްގެ ވެސް މިހިސާބުގައެވެ. ނާސާއިން ބުނީ މިއަހަރު އެތަކެތި ދަތުކުރާނީ އާއްމުކޮށް ދަތުރުކުރާ ވަރަށް ވުރެ ދުނިޔެއާ އިރިން ކަމަށެވެ. އެހެންވީމާ އާއްމުކޮށް ފެންނަ ވަރަށް ވުރެ ސާފުކޮށް މިއަހަރު މަންޒަރު ފެންނާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.
" ލަފާކުރާ ފަރާތްތަކުން ލަފާކުރަނީ މިއަހަރުގެ އޮގަސްޓްމަހުގެ 11-12 ގައި އުތުރިއެރުމެއްގެ ގޮތުގައި ޕާސީޑްސް ފެންނާނެ ކަމަށް. އެއީ އާއްމުކޮށް ފެންނަ ވަރަށް ވުރެ ދެގުނަ އިތުރަށް،" އަލަބާމާ ސްޓޭޓްގެ ހަންޓްސްވިލީގައި ހުންނަ ނާސާގެ މީޓިއޮރޮއިޑް އެންވަޔަރްމެެންޓް އޮފީހުން ވާހަކަ ދެއްކި ބިލް ކުކް ބުނެފައި ވެއެެވެ.
އޭނާ ބުނެފައި ވަނީ ރަނގަޅު ހާލަތު (އުޑުމަތި ސާފުކޮށް، ހަނދުވަރު ފަނޑުކޮށް) އޮވެއްޖެ ނަމަަ ކޮންމެ ގަޑި އިރެއްގެ ތެރޭގައި 200 ގިނިހިލަ ފެންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެފަދަ ގޮތަކަށް އެންމެ ފަހުން ފެނިފައި ވަނީ 2009 ވަނަ އަހަރު އެވެ.
"ޕާސީޑްސް ޝަވާ" ގައި ގިނިހިލައެއްގެ ގޮތުގައި ފެންނަ ކޮންމެ އެއްޗަކީ ސްވިފްޓް ޓަޓުލް އިން ވަކިވެފައިވާ ކުޑަ އެތިކޮޅެކެވެ. ސްވިފްޓް ޓަޓުލްއަކީ ކޮންމެ 133 އަހަރަކުން އިރު ވަށައި ބުރެއް ޖަހާ ގަދީމީ ދުންތަރިއެކެވެ. އެ ދުންތަރިން ވަކިވެފައިވާ އެތިކޮޅުތައް ދުނިޔޭގެ ވައިގެ ފަށަލައިގެ ތެރެއަށް ވަދެ، ހަލާކުވެގެންދަނީ އޭގެ މަގަށް ދުނިޔެ އެޅުމުންނެވެ. ވައިގެ ފަށައިލައިގެ ތެރެއަށް ވަނުމާއެކު އަލިކަމަކާއި އެކު އަނދައިގެންދާ އެ އެތިކޮޅުތަކުގެ ތެރެެއިން ގިނަ އެތިކޮޅުތަކަކީ ވެލިފުއްތަކެއް ވަރުގެ ތަކެއްޗެވެ. ނުވަތަ އެއަށް ވުރެވެސް ކުދިކުދި އެތިކޮޅުކޮޅެވެ. - ނާސާ