ދުނިޔެ

ވަގު ފަޅާ އެރީ ފާހާނާ ފްލަޝް ނުކޮށް ދިއުމުން

އެމެރިކާގެ ކެލިފޯނިއާ ސްޓޭޓްގައި ވައްކަމެއް ކުރި މީހަކު ދިޔައީ އެކަމުގެ ގަރީނާއެއް ދޫކޮށްފައެވެ. އޭނާއަށް ދޫކުރެވުނު ގަރީނާއަކީ ވައްކަން ކުރި ތަނުގައި ހުރި ފާހާނާއެއްގެ ތަށީގައި ބެހެއްޓި ނަޖިހެވެ.

ލޮސްއެންޖަލިސްގެ ރަށްބޭރުގައިވާ ތައުޒަން އޯކްސް ނަމަކަށް ކިޔާ ސަރަހައްދުގެ ގެއަކުން ވައްކަން ކުރި އެންޑްރޫ ޖޭސަން ހައްޔަކުރީ ވައްކަން ކުރި ގޭގެ ފާހާނާ ތަށިން ނެގި ޑީއެންއޭ ސާމްޕަލް ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން( އެފްބީއައި)ގެ ޑާޓާބޭސްގައިވާ އޭނާގެ ޑީއެންއޭއާ ދިމާވުމުންނެވެ.

ފާއިތުވި 2016 ވަނަ އަހަރުގެ އޮކްޓޯބަރުމަހު ކުރި ވައްކަމާ ގުޅިގެން އުމުރުން 42 އަހަރުގެ ޖޭސަން ހައްޔަރުކުރީ މިދިޔަ ޖުލައިމަހުގެ 28 ވަނަ ދުވަހުއެވެ.

ފުލުހުން ބުނީ ކުށުގެ ވެށިން ފެންނަ ހުރިހާ ގަރީނާއެއް އެމީހުން އެއްކުރާ ކަމަށެވެ.

" އިސްތަށްޓާއި ކުޅު ނޫން އެހެން އެއްޗަކުން ޑީއެންއޭ ނެގޭނެ ކަމަކަށް ގިނަމީހުން ހިޔެއްނުކުރޭ. އަހަރެމެން ބަލަން އެއްވެސް ގަރީނާއެއް ހުރިތޯ. ބޮއިފައި އެއްލާލާފައި އޮންނަ ސިނގިރެޓެއް ނުވަތަ ދަޅެއް ވިޔަސް. ކަންކޮށްފައި އޭނާ ފްލަޝްއެއް ނުކުރޭ،" ވެންޓޫރާ ކައުންޓީ ޝެރިފް އޮފީހުގެ ޑިޓެކްޓިވް ޓިމް ލޯމާން ބީބީސީއަށް ބުނެފައި ވެއެވެ.

ކަފާލާތުގެ ދަށުން މިނިވަން ވާން ބޭނުން ނަމަ ޖޭސަން ޖެހޭނީ 70000 ޑޮލަރު ދައްކާށެވެ. އެހެންވެ އޭނާ އަދި ހުރީ ބަންދުގައެވެ.