ޖައްވީ ދިރާސާތައް ހެދުމަށް ޗައިނާއިން ދެ ފަޅުވެރިން ޖައްވަށް ފޮނުވައިފިއެވެ.
މިއަދު ޖައްވަށް ފޮނުވި ދެ ފަޅުވެރިން ފޮނުވީ ޖައްވުގައި ޖައްވީ ދިރާސާތައް ހެދުމަށް ޖައްވުގެ ތެރޭގައި ގާއިމު ކުރާ ލެބޯޓަރީގެ މަސައްކަތަށެވެ.
ދަ ޝެންޒޯ 11 ގެ ނަމުގައި ފޮނުވާލި ޖައްވީ އުޅަނދު ޖައްވަށް ވާސިލު ވުމަށް ދެ ދުވަސް ހޭދަވާނެ ކަމަށް ޗައިނާގެ ޒިންހުއާ އެޖެންސީން ބުނެއެވެ.
ދަ ޝެންޒޯ 11 ގައި ޖައްވަށް ދިޔަ ދެ ފަޅުވެރިންނަނީ ޖިން ހެއަޕިން އާއި ޗެންގް ޑޮންގްއެވެ. ޝެންޒޯ ވާސިލުވާނީ، މިދިޔަ މަހު ޗައިނާއިން ޖައްވަށް ފޮނުވަލި ޓިއާންގޮންގް-2 ޖައްވީ ލެބަށެވެ.
ޑޮންގް އާއި ހެއަޕިން ޖައްވީ ލެބްގެ މަސައްކަތަށް 30 ދުވަހު ޖައްވުތެރޭގައި ހަރަކާތްތެރިވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ޗައިނާގެ ޖައްވީ ދަތުރުވެރިން މިހާތަނަށް އެންމެ ގިނަ ދުވަހު ޖައްވުގައި ހަރަކާތްތެރިވާނެ މުއްދަތެވެ.
ޖައްވީ މިޝަންގެ ކޮމާންޑަރެއްގެ ގޮތުގައި ހަރަކާތްތެރިވާނީ ހެއަޕިންއެވެ. މިއީ އޭނާ ޖައްވަށް ދާ ތިން ވަނަ ފަހަރެވެ. އަދި އޭނާގެ 50 ވަނަ އުފަންދުވަސްވެސް ފާހަގަ ކުރާނީ ޖައްވުގައެވެ.
"މިއީ ވަރަށް އުނދަގޫ، ގޮންޖެހުން ބޮޑު މަސައްކަތެއް. އެހެމޭ ނުރައްކާތެރި ރިސްކު ބޮޑުވެސް މަސައްކަތެއް. ނަމަވެސް މި މަސައްކަތަކީ އަހަރެން ކުރަން ބޭނުންވާ މަސައްކަތެއް" ހެއަޕިން ބުނެފައިވާ ކަމަށް ޗައިނާ ޑެއިލީގައި ބުނެފައިވެއެވެ.
ޗައިނާއިން ދަނީ ޖައްވީ މިޝަންތަކަށް ބިލިއަން ޑޮލަރުގެ އިންވެސްޓްތައް ކުރަމުންނެވެ. އެ ގައުމުގެ ޓާގެޓަކީ 2022 ވަނަ އަހަރު އަންނަންވާއިރަށް ޖައްވީ ދާއިރާއިން އެމެރިކާ އާއި ޔޫރަޕަށް ވުރެ ކުރިއަށް ދިއުމެވެ.