ލައިފްސްޓައިލް

މުފްތީ މެންކް އަންނަ މަހު ރާއްޖޭގައި ތަގުރީރުކުރައްވަނީ

Oct 17, 2016
2

މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި ޒިމްބާބުވޭ މުފްތީ ޝައިހް އިސްމާއިލް އިބްނު މޫސާ މެންކް އަންނަ މަހު ރާއްޖޭގައި ތަގުރީރުކުރެއްވުމަށް ހަމަޖެހިއްޖެ އެވެ.

ޝައިހް މެންކްގެ މި ތަގުރީރު އިންތިޒާމްކުރަނީ ދީނީ ހޭލުންތެރިކަން އާންމުންގެ މެދުގައި އިތުރުކޮށް ތަރައްގީކުރުމަށް "އިލްމު ޓޯކްސް" ގެ ނަމުގައި މިފަދަ ސިލްސިލާ ހަރަކާތްތަކެއް ބާއްވަމުން އަންނަ ޖަމިއްޔަތުއް ރަހްމާ އިންނެވެ. މެންކް ތަގުރީރުކުރެއްވުމަށް ހަމަޖެހިފައިވާ "އިލްމް ޓޯކްސް" ގެ ސެޝަން ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ މެދު ތެރޭގަ އެވެ.

މިއީ މޯލްޑިވްސް ނެޝެނަލް ޔުނިވާސިޓީ، އެމްއެންޔޫގެ ދަރިވަރުންގެ ޔޫނިއަން އާއި އިސްލާމިކް ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަން މޯލްޑިވިއަން ޔޫތު ލީގާ ވެސް ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.

"އިލްމް ޓޯކްސް" ގައި މެންކު ތަގުރީރުކުރެއްވުމަށް ހަމަޖެހިފައި ވަނީ މުސްލިމު އަހުންނާއި އުހުތުން އެކަކު އަނެކަކުގެ މައްޗަށް އަދާކުރަން ޖެހޭ ހައްގުތަކުގެ މައްޗަށް އަލިއަޅުއްވައިގެންނެވެ. ޝައިހް މެންކަކީ ދުނިޔޭގައި ތިއްބެވި އެންމެ ނުފޫޒުގަދަ 500 މުސްލިމުންގެ ލިސްޓުގައި 2010 ވަނަ އަހަރު ހިމެނިވަޑައިގެންފައިވާ ބޭފުޅެކެވެ.

"އިލްމް ޓޯކްސް" ގެ ދީނީ ސިލްސިލާ ޖަމިއްޔަތުއް ރަހްމާ އިން ފެށީ މިދިޔަ އަހަރު އެވެ. އެފަހަރުގެ ސެޝަން ކުރިއަށް ގެންދިޔައީ ދުނިޔެ އަށް މަޝްހޫރު 15 އިލްމުވެރިއެއްގެ ބައިވެރިވުމާއި އެ ބޭފުޅުން ދެއްވި އިލްމީ ތަގުރީރުތަކާ އެކުގަ އެވެ.