ހައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި މާތްވެގެންވާ މައްކާގެ ބިމަށް ދިއުމަށް އިންޑިއާގެ ކެރެލާ މީހަކު ވަރަށް ދިގު އެހާމެ ދުރު ދަތުރެއް ކޮށްފި އެވެ.
އޭނާގެ މި ދަތުރަށް 370 ދުވަސް (ގާތްގަނޑަކަށް އަހަރު ދުވަސް) ހޭދަވީއިރު 8600 ކިލޯ މީޓަރު ހިނގާފައި ވެއެވެ.
ކެރެލާގެ މަލަޕުރަމްގެ ވަލަންޗަރީގައި ދިރިއުޅޭ ޝިހާބް ޗަތޫރް ނަމަކަށް ކިޔާ މި މީހާ އިންޑިޔާގައި ދަތުރުކޮށްފައި ގޮސް ޕާކިސްތާނު ބޯޑަރު ހުރަސްކޮށް އެ ގައުމުގައި ދަތުރުކޮށް އިރާނަށް ގޮސްފައި ވެއެވެ. އަދި އިރާނުން ކުވެއިތަށް ގޮސް ސައޫދީ އަށް ދަތުރުކުރީ އެ ގައުމުންނެވެ.
އުމުރުން 29 އަހަރުގެ ޝިހާބް ހައްޖަށް ދިއުމުގެ ދަތުރު ފެށީ ޖޫން 2، 2022 ގައެވެ. އޭނާ ކުވެއިތަށް ގޮސް އެ ގައުމުން ސައޫދީ ބޯޑަރު ހުރަސްކުރީ މިއަހަރުގެ މޭ މަހުގެ ދެ ވަނަ ހަފުތާގަ އެވެ. އަދި މައްކާއަށް ދިޔައީ މި މަހު އެވެ.
އޭނާ މަދީނާ އިން މައްކާ އާ ދެމެދުގައިވާ 440 ކިލޯމީޓަރުގެ ދުރު ރާސްތާ ކަޑައްތުކޮށްފައިވަނީ ނުވަ ދުވަހުންނެވެ.
ޝިހާބު ސައޫދީ އަރަބިޔާއަށް ފުރަތަމަ އެތެރެވުމަށްފަހު އޭނާ ދަތުރުފެށީ މަދީނާއަށް ދިއުމަށެވެ. މަދީނާގައި 21 ދުވަސް ހޭދަކުރުމަށްފަހު މައްކާއަށް ދިއުމަށް ދަތުރުފެށީ އެވެ.
ޝިހާބު ހައްޖުގެ އަޅުކަން ފުރިހަމަކުރާނީ އޭނާގެ މަންމަ ޒައިނަބާ އާ އެކުގަ އެވެ. އޭނާގެ މަންމަ ކެރެލާއިން ވައިގެ މަގުން ވަރަށް އަވަހަށް ސައޫދީ އަށް ދިއުމަށް ވަނީ ހަމަޖެހިފަ އެވެ.
އަމިއްލަ ޔޫޓިއުބު ޗެނަލެއް ހިންގާ ޝިހާބު ވަނީ އޭނާގެ ދަތުރުނާމާ ވަރަށް ތަފްސީލުކޮށް މި ޗެނަލުން ގެނެސްދީފަ އެވެ.
ޝިހާބުގެ މި އުނދަގޫ ދިގު ދަތުރުގައި އޭނާއަށް މައްސަލައެއް ކުރިމަތިވީ ވަގާހް ބޯޑަރުންނެވެ. އެއީ ވިސާގެ މައްސަލަ ތަކެކެވެ. މިއީ އިންޑިއާ އާއި ޕާކިސްތާނާ ދެމެދުގައި އޮންނަ ބޯޑަރެވެ. އެތަނުން ޕާކިސްތާނަށް އެތެރެ ނުވެވިގެން ޝިހާބުގެ ދަތުރަށް ކުޑަ މަޑުޖެހުމެއް އައެވެ. ޕާކިސްތާނު އިމިގްރޭޝަނުން ޓްރާންސިޓް ވިސާ ނުދީގެން އޭނާއަށް ވަގާހްގެ ސްކޫލެއްގައި އެތައް މަހަކު މަޑުކުރަން ޖެހުނެވެ.
އެންމެ ފަހުން މި މައްސަލަ ކޯޓަށް ވައްދައިގެން ދަށު ކޯޓުން ނިންމީ ވިސާ ނުދޭ ގޮތަށެވެ. ނަމަވެސް ފަހުން ސުޕްރީމް ކޯޓުގައި މައްސަލަ އިސްތިއުނާފުކުރުމުން އެ ކޯޓުން މައްސަލަ ނިމުނީ ޝިހާބާ އެއްކޮޅަށެވެ. އަދި ފެބްރުއަރީ 2023ގައި ޕާކިސްތާނު އިމިގްރޭޝަނުން އޭނާއަށް ޓްރާންސިޓް ވިސާ ދިނުމުން އަނެއްކާވެސް ޝިހާބުގެ ދަތުރު ކުރިޔަށް ގެންދިޔައީ އެވެ.
އެހިސާބުން ދަތުރު ފަށައި ހަތަރު މަސް ތެރޭ ޝިހާބު ވަނީ އޭނާގެ މަންޒިލު ކަމަށްވާ މާތްވެގެންވާ މައްކާއަށް ހައްޖުގެ އަޅުކަން އަދާކުރުމަށް ގޮއްސަ އެވެ.