ލައިފްސްޓައިލް

މަންމަގެ ޖަނާޒާގައި ހިންދޫ ދަރިއާއި މުސްލިމް ދަރި ވަރުގަދަ ކުރިމަތިލުމަކަށް

އިންޑިޔާގެ ޕަޓްނާގައި އިއްޔެ އެއްބަނޑު ދެބެންގެ މެދުގައި ވަރަށް ވަރުގަދަ އަރާރުމެއް ވެއްޖެ އެވެ. މި ދެބެން އަރާރުންވީ މިދިޔަ އަންގާރަ ދުވަހު މަރުވި އެމީހުންގެ މަންމަ ވަޅުލާނީތޯ ނުވަތަ އަންދާލާނީތޯ ނުނިންމިގެންނެވެ. މަރުވި އަންހެންމީހާގެ އެއްދަރިއަކީ މުސްލިމެކެވެ. އަނެއް ދަރިއަކީ ހިންދޫ އެކެވެ. މުސްލިމް ދަރި ބޭނުންވީ އޭނާގެ މަންމަ ވަޅުލާށެވެ. ހިންދޫ ދަރި ބޭނުންވީ މަންމަ އަންދާލާށެވެ.

މަރުވި އަންހެންމީހާ ރޭކާ ޚާތޫން ފުރަތަމަ ކައިވެނި ކުރީ މުސްލިމް ފިރިހެނަކާ އެވެ. އޭނާއަށް ލިބިފައިވާ ދަރިއަކީ މުސްލިމެކެވެ. އެމީހާ މީގެ 45 އަހަރު ކުރިން މަރުވުމުން ދެން އެ އަންހެންމީހާ ކައިވެނިކުރީ ރާޖެންދުރަ ޖާ ކިޔާ ހިންދޫ އަކާއެވެ. އޭނާއަށް ލިބިފައިވާ ފިރިހެން ދަރިއަކީ ހިންދޫ އެކެވެ.

އެމީހާގެ މުސްލިމް ދަރި މުހައްމަދު މޮހްފިލް އާއި ހިންދޫ ދަރި ބަބްލޫ ޖާ ދިރިއުޅެމުންދިޔައީ މަންމަ އާއެކު އެއް ގެއެއްގައެވެ. ނަމަވެސް ދެ ދަރިން ދެ ދީނަކަށް އުޅުނަސް މީގެ ކުރިން އެ އާއިލާއަށް ދެބަސްވެ އަރާރުންވާކަށް ނުޖެހެ އެވެ. ދެބެންނާއި އެމީހުންގެ އަނބިންނާއި ދަރިން މަންމަ އާއެކު އުޅެމުންދިޔައީ ވަރަށް ސުލްހަވެރި ހަމަޖެހޭ ދިރިއުޅުމެކެވެ.

މުހައްމަދަކީ ގަވާއިދުން މިސްކިތަށް ގޮސް ނަމާދުކުރާ އަދި އިސްލާމް ދީނަށް ލޯބިކުރާ މީހެކެވެ. ބަބްލޫއަކީ ފައްޅިއަށް ގޮސް ހިންދޫ ދީނުގެ މަތީގައި ދިރިއުޅޭ މީހެކެވެ. ބަބްލޫގެ ބައްޕައަކީ ފައްޅިއެއްގެ ފާދިރީއަކަށް ވާތީ އޭނާއަކީ ވެސް ހިންދޫ ދީނުގައި ވަރަށް ވަރުގަދަޔަށް ހިފަހައްޓައިގެން ހުރި މީހެކެވެ.

މި ދެބެންގެ މަންމަ ފަހުން ކައިވެނިކުރި ރާޖެންދުރަ ޖާ އަކީ ހިންދޫ ފާދިރީއަކަށް ވާތީ އަންހެންމީހާވެސް ފަހުން ހިންދޫއަކަށްވެސް ރަސްމީ ލިޔެކިޔުންތަކުގައި ވަނީ އޭނާއަކީ ހިންދޫއެއް ކަމަށެވެ.

މަންމަ މަރުވުމުން ދެބެންގެ މެދުގައި ޚިޔާލު ތަފާތު ބޮޑު އަރާރުމަކަށް ބަދަލުވުމުން ފުލުހުން އައިސް އެ އަންހެންމީހާ އަންދާލުމުގައި އޭނާގެ ހިންދޫ ދަރިއަށް އެހީތެރިކަން ފޯރުކޮށްދީފައި ވެއެވެ. ސަބަބަކީ ރަސްމީ ލިޔެ ކިޔުންތަކުގައި އެ އަންހެންމީހާއަކީ ހިންދޫއެއް ކަމަށް ލިޔެފައި އޮތީމަ އެވެ.