ލައިފްސްޓައިލް

މުސްލިމަކަށް ހެދިގެން ކުރަން އުޅުނު ކައިވެންޏެއް ކެންސަލް

މުސްލިމަކަށް ހެދިގެން މުސްލިމް އަންހެންކުއްޖަކާ ކައިވެނި ކުރަން އުޅުނު އިންޑިޔާ މީހަކު މުސްލިމް ނޫންކަން ފަޅާއެރުމުން އަންހެންކުއްޖާގެ އާއިލާއިން ކައިވެނި ކެންސަލް ކޮށްފި އެވެ.

ކައިވެނީގެ ރަސްމިއްޔާތު ކުރިޔަށް ދަނިކޮށް މި ފިރިހެންމީހާ ފަޅާ އެރީ އިންޑިޔާ މުސްލިމް ކައިވެނި ކުރާއިރު ކިޔަންޖެހޭ އަރަބި އަދި އުރުދޫ ބައެއް ބަސްތައް ކިޔަން ނޭނގުމުން އަންހެންކުއްޖާގެ މައިންބަފައިންނަށް އެއީ މުސްލިމެއް ނޫންކަމަށް ޝައްކު ކުރެވިގެން އޭނާގެ އައިޑީ ކާޑު ގަދަކަމުން އަތުލައި ޗެކް ކުރުމުންނެވެ.

މިއީ އިންޑިޔާގެ އުއްތަރު ޕްރަދޭޝްގެ މަހާރާޖާގަންޖްގައި މިދިޔަ ހޯމަ ދުވަހު ހިނގި ކަމެކެވެ. މި ހިންދޫ ފިރިހެންމީހާ ކައިވެނިކުރަން އުޅުނު މުސްލިމް އަންހެންކުއްޖާ އާ ބައްދަލުވީ ސޯޝަލް މީޑިއާ ޕްލެޓްފޯމަކުންނެވެ. ފިރިހެންމީހާ އަކީ މުސްލިމެއް ނޫންކަން އަންހެންކުއްޖާ އަށް އެނގެ އެވެ. ނަމަވެސް އާއިލާއަށް ދޮގު ހަދައިގެން ކައިވެނީގެ ކަންތައް ހަމަޖެއްސީ އެވެ. އަދި މުސްލިމުން ކައިވެނިކުރާ ގޮތަށް ކައިވެނިކުރަން އަންހެންކުއްޖާ ވަނީ ފިރިހެންމީހާ ލައްވާ އެއްބަސް ކުރުވާފަ އެވެ.

ނަމަވެސް އެމީހުންގެ ރޭވުން ނާކާމިޔާބުވީ ކައިވެނިކުރާ ވަގުތު ފިރިހެންމީހާ ކިޔަންޖެހޭ ބައެއް ދުޢާތަކާއި އުރުދޫ ބަސްތައް އޭނާއަށް ކިޔަން ނޭނގުމުންނެވެ. އޭނާ ބައެއް ބަސްތައް ކީ ރޯ ނުބައިކޮންނެވެ. އެހިސާބުން އަންހެންކުއްޖާގެ އާއިލާއަށް ފިރިހެންމީހާއަކީ މުސްލިމެއް ނޫންކަމަށް ޝައްކުވީ އެވެ. އަދި އައިޑީ ކާޑު އަތުލައި ޗެކް ކުރުމުން އެއީ ހިންދޫއެއްކަން ޔަގީން ކުރެވުމުން ވަގުތުން ކައިވެނި ކެންސަލް ކުރީ އެވެ.

ފިރިހެންމީހާ ވެސް އަންހެންކުއްޖާ އާ ކައިވެނިކުރަން އައިސް ހުރީ އާއިލާގެ މީހުން ނުލައި އެކުވެރިން ތަކަކާ އެކުގަ އެވެ. އާއިލާގެ މީހުން އަތުވެއްޖެނަމަ އޭނާއަކީ މުސްލިމެއް ނޫންކަން ފަޅާ އަރާނެތީ އެވެ.

ނަމަވެސް އެންމެ ފަހު ވަގުތު މިކަން ފަޅާ އެރުމުން އެކުވެރިންނާއެކު އެތަނުން ފިލަން ފިރިހެންމީހާ ވަރަށް މަސައްކަތް ކުރި އެވެ. ނަމަވެސް އަންހެންކުއްޖާގެ އާއިލާއިން ވަނީ ފިރިހެންމީހާ އާއި އޭނާގެ އެކުވެރިން ފުލުހުންނާ ހަވާލު ކޮށްފަ އެވެ.

ފުލުސް އިނިސްޕެކްޓާ ދިލިޕް ޝުކްލާ ވިދާޅުވީ ކައިވެނިކުރަން އުޅުނު ދެ މީހުން ޕޮލިސް ސްޓޭޝަނަށް ގެންގޮސް ސުވާލުކުރުމުން ފިރިހެންމީހާ އަކީ މުސްލިމެއް ނޫންކަން އެނގޭކަމަށް އަންހެންކުއްޖާ ބުނި ކަމަށެވެ. ނަމަވެސް އެ ދެމީހުންނާ ދޭތެރޭ ކަންކުރާނެ ގޮތެއް އެނގޭނީ ކަމާ ބެހޭ އިދާރާތަކާ މަޝްވަރާ ކޮށްފައި ކަމަށް އިނިސްޕެކްޓަރު ވިދާޅުވި އެވެ.