ލައިފްސްޓައިލް

އަންހެނުން ގެއަށް ނައިސްގެން ގަހެއްގެ ކުރިޔަށް

މައިންބަފައިން ކައިރިއަށް ދިޔަ ގޮތަށް އަންހެނުން އެނބުރި ގެއަށް ނައިސް ދެއަހަރު ފާއިތު ވެގެން ދިއުމުން ވީދެރައިން ފިރިމީހާ 50 ފޫޓު އުސް ގަހަކަށް އަރައިފި އެވެ.

އިންޑިޔާގެ ރާޖަސްތާނުގެ ދޯލްޕޫރުގެ މި މީހާ ގަހަށް އަރައި އަމިއްލައަށް ދެ ފައި ގަހުގައި ބަނދެގެން އިނުމުން އަވަށު މީހުން ހާސްވެ ކަންބޮޑުވެ އެކަން ވަރަށް ވަރުގަދަ ޑްރާމާއަކަށް ވިއެވެ.

އެ މީހާ އެރީ ޕީޕަލް ޓްރީ ކިޔާ ވައްތަރުގެ ވަރަށް އުސްކޮށް ހެދިފައިވާ ގަހަކަށެވެ. އަދި ދެ ފައި އަމިއްލައަށް ގަހުގައި ބަނދެ އެ މީހާ އުޅުނު ގޮތުން އަވަށު މީހުން ވަރަށް ހާސްވި އެވެ. އެ މީހާ ގަހުގައި ދެ ގަޑިއެއްހާއިރު އިން ކަމަށް ވެއެވެ.

އެ މީހާ މީގެ ކުރިން އެތައް ފަހަރަކު ޕޮލިސް ސްޓޭޝަނަށް ގޮސް ވެސް މައްސަލަ ޖައްސައި އަންހެނުން ނައިސްގެން އެކަމާ ޝަކުވާ ކޮށްފައި ވެއެވެ. ނަމަވެސް ފުލުހުން އެއްވެސް ފަހަރަކު އެ މައްސަލަ ބަލައިގަނެފައެއް ނުވެ އެވެ. އެހެންވެ މި ފަހަރު ގިނަ ބަޔެއްގެ ސަމާލުކަން ހޯދުމަށް އޭނާ ގަހަށް އެރީ އެވެ.

އަވަށުގެ މީހުން ހީކުރީ އެމީހާ ގަހަށް އަރާ ފުންމާލަން އުޅެނީ ކަމަށެވެ. އެހެންވެ އެމީހާއަށް ނަސޭހަތްދީ ރުއްސައިގެން އެ ގަހުން ބޭލުވޭތޯ ވަރަށް މަސައްކަތްކޮށް ނާކާމިޔާބުވުމުން ފުލުހުންގެ އެހީތެރިކަމަށް އެދުނީ އެވެ.

ފުލުހުން އައިސް ކެރޭނެއް ގެނުވައި ގަސް ދަށުގައި ބޯ ގޮދަނޑި ފަތުރާ ހެދި އެވެ. އެންމެ ފަހުން ކެރޭނަށް އަރުވައިގެން ގަހުން ބޭލުވީ ފުލުހުންނެވެ. ގަހުން ބާލުވައިގެން ފުލުހުން ވަނީ އެމީހާ ހައްޔަރު ކޮށްގެން ގެންގޮއްސަ އެވެ.

ފުލުހުން ކައިރި އެމީހާ ބުނީ އަންހެނުން މައިންބަފައިން ކައިރިއަށް ދިޔަތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ ކަމަށާއި އޭނާގެ ގެޔަށް ނައިސްގެން އޭނާ މާ ބޮޑަށް ދެރަވީ ކަމަށެވެ. އަދި އަންހެނުންގެ އާއިލާގެ މީހުން އޭނާގެ ބޮލަށް އެރިގެން އަޔަނުދީ ހިފަހައްޓައިގެން އުޅޭ ކަމަށް ވެސް ފިރިހެންމީހާ ބުންޏެވެ.