ކައިވެނި ކުރަނީ މުޅި އުމުރަށް އެކުގައި އުޅުމުގެ އުންމީދުގަ އެވެ. ކައިވެނީގެ ގޮށް ޖަހާލަނީ ދުވަހަކުވެސް އެ ގޮށް މޮހާނުލުމުގެ ވައުދާ އެކުގަ އެވެ. އެހެންވެ ކައިވެނީގެ ހަފުލާ ވީހާވެސް ކުލަގަދަކޮށް ބޭއްވުމަކީ ކައިވެނި ކުރާ ދެ މީހުންނާއި އެމީހުންގެ އާއިލާގެ ހުވަފެނެކެވެ. ކައިވެންޏަށް ބައެއް މީހުން ގިނަ އަދަދެއްގެ ފައިސާ ޚަރަދުކުރަނީ މި ސަބަބާ ހުރެ އެވެ.
އިންޑިޔާގައި ދާދިފަހުން މިފަދަ ކައިވެންޏެއް ކުރި އެވެ. ނަމަވެސް މި ކައިވެނީގެ ޚަރަދުތައް ބޮޑުވެގެން ދިޔަ ދިޔައިނުން ވަކި ހިސާބަކުން ޕާޓީއަށް އައިސް ތިބި މެހެމާނުންގެ ތިންބައިކުޅަ ދެ ބައި މީހުން ތިބެން ޖެހުނީ ނުކައެވެ.
މައްސަލަތައް ދިމާވީ ކައިވެނި ހަފުލާ ބާއްވަން އެމީހުން ހިފީ އެމީހުން ކަނޑައެޅި ބަޖެޓަށް ވުރެ މާ އަގުބޮޑު ހޯލަކަށް ވުމުންނެވެ. އަދި ކައިވެނިކުރި އަންހެންމީހާ އަޅާފައި ހުރި ހެދުމަކީ ވެސް އެމީހުން ހެދުމަށް ކަނޑައެޅި ބަޖެޓަށް ވުރެ އެތައް ގުނައެއް އަގުބޮޑު ހެދުމަކަށް ވުމެވެ. އެހެންވެ މި ދެ ކަމަށް ފައިސާ ޚަރަދުކޮށްފައި ޕާޓީއަށް އަންނަ މެހެމާނުންނަށް ކާން ދޭން ކޭޓަރިން ތަނަކަށް ފައިސާ ދައްކާ ވަރަކަށް މި މީހުންގެ އަތަކު ފައިސާއެއް ނެތެވެ. އެހެންވެ އަމިއްލައަށް އާއިލާގެ މީހުން ލައްވާ ކައްކަން އަލަތު ކައިވެނިކުރި ދެމީހުން ގަސްތުކުރި އެވެ.
މިކަން މީޑިއާތަކަށް ފަޅާއެރީ ކައިވެނިކުރި އަންހެންމީހާގެ ތިމާގެ މީހަކު މި ވާހަކަ ސޯޝަލް މީޑިއާގައި ޝެއާ ކުރީމަ އެވެ. އެމީހާ ބުނާ ގޮތުގައި އޭނާއަކީ އެ ކައިވެނި ޕާޓީއަށް ދިޔަ މެހެމާނެއް ވެސް މެއެވެ.
އޭނާ ލިޔެފައިވާ ގޮތުގައި ކައިވެނި ޕާޓީ ބާއްވަން ކުއްޔަށް ހިފާފައިހުރީ ވަރަށް އަގުބޮޑު ރީތި ތަނެކެވެ. އަދި އަންހެންމީހާ ލައިގެން ހުރީ ވެސް އިންތިހާއަށް އަގުބޮޑު ރީތި ހެދުމެކެވެ. މި ހެދުމަށް އެކަނި ވެސް އެމީހުން އަތުން ފުދޭވަރެއްގެ ބޮޑު އެއްޗެއް ޚަރަދުވާނެކަމަށް ލަފާކުރެވޭ ކަމަށް އެމީހާ ބުނެފައި ވެއެވެ.
އެހެންވެ އަމިއްލައަށް ކައްކައިގެން މެހެމާނުންނަށް ކާ އެއްޗެތި އަމިއްލައަށް ސާވްކުރަން ނިންމީ އެވެ. ނަމަވެސް ކެއްކިފައި ހުރީ ދައުވަތު ދީގެން އައި މެހެމާނުންގެ ތެރެއިން ތިންބައިކުޅަ އެއްބައި މީހުންނަށް ވާވަރަށެވެ. އެހެންވެ އަވަހަށް ގޮސް އަޅައިގެން ކޭ މީހުންނަށް ފިޔަވައި އެހެން ބަޔަކަށް ކާ އެއްޗެއް ނުލިބުނެވެ. ކިއުގެ ފަހަތުގައި ހުސް ތަށި ހިފައިގެން ތިބި އެންމެންނަށް ކާނެ އެއްޗެއް ނެތި ތިބެން ޖެހުނީ ބަނޑުހައި ކަމުގަ އެވެ.
މި ޕާޓީގައި ބޭނުންކުރަން ތަށިތައް ގެނެސްފައި ހުރީ ތަށިކުއްޔަށް ދޭ ތަނަކުންނެވެ. އެހެންވެ މެހެމާނުން ކައިފައި ހުރި ތަށިތައް ވެސް ބަޔަކު ލައްވާ ދޮއްވާނަމަ އިތުރަށް ފައިސާ ޚަރަދުވާނެތީ ދެން ޖެހުނީ ތަށި ދޮވުމުގެ މަސައްކަތްކުރާށެވެ.
ވަރުގެ ކޮޅަށް ނަލަ ހެދިގެން ޕާޓީއަށް އައިސް ތިބި 10 ވަރަކަށް މީހުން އަތުކުރި އޮޅާލައި ފެން އިސްކުރެއް ކައިރިއަށް ގޮސް ތަށި ދޮންނަން ފެށި އެވެ. މި ޚަބަރު ޝެއާ ކުރި މީހާ ބުނެފައިވާ ގޮތުގައި ޚުދް އޭނާ އަކީ ވެސް ތަށި ދޮވުމުގައި ބައިވެރިވި މީހެކެވެ.
މި ޚަބަރު ޝެއާކުރި މީހާ ބުނާ ގޮތުގައި މިއީ މީގެ ތިން ހަތަރު އަހަރެއް ކުރިން ހިނގި ކަމެއް ކަމަށާއި ކައިވެނިކުރި ދެމަފިރިން ތިން އަހަރު ފަހުން ވަރިވެފައިވާ ކަމަށެވެ.
"ފިރިހެންމީހާގެ ދެ ވަނަ ކައިވެންޏަށް ވެސް އަހަންނަށް ދައުވަތު ދީފިނަމަ އަހަރެން އެ ދައުވަތެއް ގަބޫލެއް ނުކުރާނަން،" އެމީހާ ބުންޏެވެ.