ލައިފްސްޓައިލް

ލޯބިވެރިޔާ އެހެން މީހަކާ ކައިވެނި ކުރާތީ ރޮއި ހަޅޭލަވައިފި

އިންޑިޔާގެ މަދްޔަ ޕްރަދޭޝް ސްޓޭޓްގެ ހޮޝަންގް އާބާދުގައި އޮތް ކައިވެނީގެ ހަފުލާއެއްގައި ވަރަށް ތަފާތު މަންޒަރެއް ފެނިއްޖެ އެވެ. މި މަންޒަރު ހީވަނީ ހަމަ އަސްލު ބޮލީވުޑް ފިލްމެއްގެ މަންޒަރެއް ހެންނެވެ.

މި ވީޑީއޯގައި ފެންނަނީ ކައިވެނީގެ ހޯލެއްގެ ބޭރުގައި ހުރެ އަންހެނަކު އޭނާގެ ލޯބިވެރިޔާއަށް "ސޯނާ ސޯނާ" އޭ ކިޔާފައި ގޮވާ މަންޒަރެވެ. ގޭޓު ކައިރީގައި އަންހެންމީހާ ހުރެ އަޑުގެ ނެތް ތަނަކަށް ހަޅޭއްލަވާ ރޮމުން ގެންދިޔައިރު ގޭޓް ބަލަހައްޓަން ގާޑުންގެ ގޮތުގައި ތިބި މީހުން އެ އަންހެންމީހާ އެތެރެއަށް ވަނަ ނުދިނުމަށް މަސައްކަތް ކުރާ ތަން ވެސް ފެނެ އެވެ.

ހިތްހަލާކުވެފައި ހުރި އަންހެންމީހާ ބައެއް ފަހަރު ރޮމުން "ބާބޫ ބާބޫ" އޭ ކިޔާފައި ހަޅޭއްލަވާ މަންޒަރުގެ ވީޑިއޯ އިއްޔެ އިންޓަނެޓުގައި ވަރަށް ހިނގި އެވެ. އަންހެންމީހާ ބުނެފައިވާ ގޮތުގައި ކައިވެނިކުރާ ފިރިހެންމީހާ އާއި އޭނާ ލޯބީގެ ގޮތުން ގުޅިގެން އެއް ގެއެއްގައި ދިރިއުޅޭތާ ތިން އަހަރު ވެއްޖެ އެވެ. ކުއްލިއަކަށް އޭނާ ކައިރީ ނުވެސް ބުނެ ފިރިހެންމީހާ އެހެން މީހަކާ ކައިވެނިކުރާކަން އެނގުމުން ކެތް ނުވެގެން އެ ތަނަށް އައީ ކަމަށް އަންހެންމީހާ ބުންޏެވެ.

ލޯބިވެރިޔާ ކައިވެނިކުރާ ތަނަށް ވަންނަން އަންހެންމީހާ މަސައްކަތްކުރަނީ

އަންހެންމީހާ އާ ހެދި އުނދަގޫވެގެން އެތަނުގައި ތިބި ބަޔަކު ފުލުހުންނަށް ގުޅުމުން ފުލުހުން އައިސް އެ އަންހެންމީހާ ކައިރީ ވެގެން އުޅޭ ގޮތް އޮޅުން ފިލުވާފައި ވެއެވެ. އަންހެންމީހާ ފުލުހުން ކައިރީ ވެސް ބުނީ އޭނާގެ ލޯބިވެރިޔާ އޭނާއަށް ލަނޑިދީފައި އެހެން މީހަކާ ކައިވެނިކުރާތީ އެތަނަށް އައީ ކަމަށެވެ.

އަންހެންމީހާ ކިތަންމެ ދެރަވެގެން ރުޔަސް ފުލުހުންނަށް ކޮށްދެވޭނެ ކަމެއް ނެތުމުން އެމީހުން އޭނާ ގޮވައިގެން އެތަނުން ދިޔައީއެވެ.