އިންޑިއާގެ ތެލަންގަނާގެ ގަބީލާއެއްގެ މީހަކު އެއް ވަގުތެއްގައި އެއް ތަނެއްގައި އޭނާގެ ދެ ލޯބިވެރިންނާ ކައިވެނި ކޮށްފި އެވެ. މި ކައިވެނީގެ ރަސްމިއްޔާތު އޮތީ މި މަހުގެ 14 ވަނަ ދުވަހު އެވެ.
އަރްޖުން ނަމަކަށް ކިޔާ މި މީހާ ކައިވެނިކުރީ އޭނާގެ ދެ ބޮޑުދައިތައެއްގެ ދެ އަންހެންދަރިންނާ އެވެ. އެންމެ ފުރަތަމަ އަރްޖުން އަށް ލޯބި ވެވުނީ އޭނާގެ ބޮޑުދައިތައެއްގެ ދަރިއެއް ކަމަށްވާ އޫޝާ ރާނީ އާއެވެ. އޭގެ އެތައް ދުވަހެއް ފަހުން އޭނާގެ އެހެން ބޮޑުދައިތައެއްގެ ދަރިއެއް ކަމަށްވާ ސުރޭކާ ދެކެ ވެސް ލޯބި ވެވުނީ އެވެ.
މި ދެ މީހުންނާ ރައްޓެހި ވެގެން ހަތަރު އަހަރު ވަންދެން އަރްޖުން އުޅުނުއިރު ވެސް އެމީހުންގެ އާއިލާގެ އެއްވެސް މީހަކަށް މިކަމެއް ނޭނގެ އެވެ.
މި ސިއްރު ފަޅާއެރީ އަރްޖުންގެ އާއިލާގެ މީހުން އޭނާގެ ކައިވެންޏަށް މީހަކު ހޯދަން ފެށި ހިސާބުންނެވެ. އޭނާގެ ދެ ބޮޑު ދައިތައިންގެ ދެ ދަރިން ދެކެ ލޯބިވެގެން އުޅޭ ކަމަށާއި އެމީހުންނާ ކައިވެނި ކުރަން ބޭނުން ކަމަށް އަރްޖުން އޭނާގެ މައިންބަފައިންގެ ކައިރީގައި ބުންޏެވެ.
މި ދެ އަންހެންކުދިން ވެސް ދެ އަންބަށް އަރްޖުން އާ ކައިވެނިކުރަން އެއްވެސް މައްސަލައެއް ނެތެވެ. އަދި މި ގަބީލާގައި އޮންނަ އުސޫލުތައް ބުނާ ގޮތުން އެކަކަށް އެންމެ އަންބަކަށް ވުރެ ގިނަ އަނބިންނާ ކައިވެނި ކުރެވެ އެވެ. ވީމާ މި ދެ އަންހެނުންނާ ކައިވެނި ކުރަން އަރްޖުން އަށް އޮތް ހުރަހަކަށް އެކަމެއް ވެސް ނުވި އެވެ.
ދެން އަރްޖުން އަށް ޖެހުނީ އޭނާގެ ދެ ލޯބިވެރިންގެ މައިންބަފައިން އެ ކައިވެންޏަށް އެއްބަސް ކުރުވާށެވެ. މި ދެ އަންހެނުން އަރްޖުން އާ ކައިވެނި ކުރަން ބޭނުންވާ ކަމަށް ބުނުމުން އެމީހުންގެ އާއިލާއިން ވެސް އެކަމާ ދެކޮޅު ނަހަދާ އެއްބަސްވީ އެވެ.
ހިންދޫ މެރިޖް އެކްޓްގެ ދަށުން އެއް ފިރިހެނަކަށް ދެ ކައިވެންޏެއް އެއްފަހަރާ ނުކުރެވެ އެވެ. ނަމަވެސް އަރްޖުން ނިސްބަތްވާ ގަބީލާގެ އޮންނަ ހަމަތަކުން އެކަން ކުރެވޭތީ އޭނާއަށް ވަރަށް ފަސޭހައިން މި ދެ އަންހެނުންނާ ކައިވެނި ކުރެވޭ ގޮތް މެދުވެރިވި އެވެ.
ގަބީލާގެ ވެރިމީހާ ބުނީ ދެ އަންހެނުންނާ ސުވާލުކުރުމުން ވެސް އެމީހުން އަރްޖުން އާ ކައިވެނިކުރަން ބޭނުންވާ ކަމަށް ބުނި ކަމަށެވެ. އަދި އެއީ އެ ގަބީލާ އަށް ނިސްބަތްވާ މީހުންގެ މެދުގައި އާ ކަމެއް ނޫން ކަމަށް ވެސް ގަބީލާގެ ވެރިމީހާ ބުންޏެވެ. އަރްޖުން އާ ކައިވެނި ކުރުމަށް ފަހު ދެ އަންހެނުން ވެސް ދިރިއުޅެމުން ދަނީ އެއް ގެއެއްގަ އެވެ.