ލައިފްސްޓައިލް

ފްރާންސް އިން 5،000 ކިލޯމީޓަރު ބައިސްކަލުގައި ދަތުރުކޮށް ހައްޖަށް

ފްރާންސްގައި ދިރިއުޅޭ މޮރޮކޯ މުސްލިމެއް ކަމަށްވާ ނަބީލް އައްނަސްރީ، ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް، ބައިސްކަލުގައި 5،000 ކިލޯ މީޓަރު ދަތުރުކޮށް ސައޫދީ އަރަބިއާ އަށް ހިނގައްޖެ އެވެ.

ހައްޖަށް ދިއުމަށް އައްނަސްރީ މި ދިގު ދަތުރު ފެށީ މިއަހަރުގެ އެޕްރީލް 23 ވަނަ ދުވަހު އެވެ. އެގޮތުން ޕެރިހުން ފުރައިގެން އޭނާއަށް ސައޫދީ އަރަބިޔާއަށް ދެވުނީ 11 ގައުމެއްގެ ތެރެއިން ލާފަ އެވެ. އެއީ އިޓަލީ، ސްލޮވީނިއާ، ކްރޮއޭޝިއާ، މޮންޓެނީގްރޯ، ބޮސްނިއާ އެންޑް ހަރްޒަގޯވިނާ، އަލްބޭނިއާ، ގްރީސް، ޖޯޑަން އަދި ތުރުކީ އެވެ.

އައްނަސްރީ އަކީ ފްރެންޗް އެފެއާޒް އެނަލިސްޓެކެވެ. އަދި ފޮތްލިޔުމުގެ އިތުރުން އެކްޓިވިސްޓެއްގެ ގޮތުގައި ވެސް މަސައްކަތް ކުރާ މީހެކެވެ. ތައުލީމު ހޯދުމުގައި މުޖުތަމައުތަކުގައި ދިމާވާ މައްސަލަތަކަށް އޭނާގެ މަސައްކަތް ބައްޓަން ކޮށްފައި ވެއެވެ.

އުމުރުން 41 އަހަރުގެ އައްނަސްރީ ބުނީ އޭނާގެ ދަތުރުނާމާ ސޯޝަލް މީޑީއާގައި އަޕްޑޭޓްކުރަމުން މި ދަތުރު ކުރިޔަށް ގެންގޮސްފައިވާއިރު، ކުރީ ޒަމާނުއްސުރެ މުސްލިމް ހައްޖަށް ދިއުމަށް ދަތުރުކުރި ގޮތުގެ ތާރީޚީ ވާހަކަތަކާއި ދުނިޔޭ ހޫނުވުމުގެ މައްސަލަތަކާ ގުޅޭ ގޮތުން ހޭލުންތެރިކުރުވުން ވެސް މިގޮތަށް މި ދަތުރުގެ ކުރުމުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެ އެވެ.

"އަހަރެން މިގޮތަށް ދަތުރުކުރުމުގެ ބޭނުމަކީ އަހަރެމެންގެ ދުނިޔެ ހޫނުވުމާއި އެކަމުން ދިމާވާ މައްސަލަތައް އަހަރެމެންގެ ދަރިންނަށް އޮޅުފިލުވައިދިނުން. އަދި ގަދީމީ ޒަމާނުގައި މުސްލިމުން ފައިމަގުގައި ހައްޖަށް ދިއުމަށް ކުރި ދިގު އަދި އެހާމެ ބުރަ ދަތުރުގައި އެމީހުންނާއި ކުރިމަތިވި ދަތި އުނދަގޫ ކަންތައްތައް އަމިއްލައަށް ތަޖުރިބާ ކުރުން،" އައްނަސްރީ ބުންޏެވެ.

ސައޫދީ އަރަބިޔާއަށް އެތެރެވުމަށްފަހު އައްނަސްރީ ވަނީ މަދީނާގެ މަސްޖިދުއްނަބަވީ އަށް ޒިޔާރަތްކޮށް އެތަނުގައި ނަގާފައިވާ ވަރަށް ޖަޒުބާތީ ވީޑިއޯއެއް ޝެއާ ކޮށްފަ އެވެ.

"ފަންސާސް ހަތް ދުވަހުގެ ދިގު ދަތުރަކަށްފަހު އައިސް މަސްޖިދުއްނަބަވީގައި ނަމާދުކޮށްލެވުމުން އެ ކުރެވޭ އިހްސާސްތަކެއް ހަތް ގަޑިއެއްހާއިރު ފްލައިޓްގައި ދަތުރުކޮށްފައި މި މިސްކިތަށް އަންނަ މީހުންނަކަށް ނުކުރެވޭނެ. މިއީ ވަރަށް ތަފާތު އަސަރުގަދަ އިހްސާސެއް،" އައްނަސްރީ ބުންޏެވެ.

ބައިސްކަލުގައި ދިގުދަތުރުކޮށް ސައޫދީ އަރަބިޔާއަށް އެތެރެވި ފްރާންސްގެ ސައިކްލިސްޓަށް ސައޫދީ ސައިކްލިން އެސޯސިއޭޝަނުން ހޫނު މަރުހަބާއެއް ކިޔާފައި ވެއެވެ. އެއީ އޭނާ މައްކާއަށް ދިއުމަށް ފުރުމުގެ ކުރިން ޖިއްދާގައި މަޑުކޮށްލި ވަގުތު އެވެ.

އައްނަސްރީ ބުނި ގޮތުގައި އޭނާގެ އާއިލާގެ ބައެއް މީހުން ކުރީ ޒަމާންތަކުގައި ފައިމަގުގައި ދަތުރުކޮށް ހައްޖަށް ގޮސްފައި ވެއެވެ. އެ ޒަމާނުގައި ބައެއް ދަތުރަށް އެތައް މަހެއް ފައިމަގުގައި އެމީހުން ހިނގާފައި ވެއެވެ. އަނެއްބައި ދަތުރަށް އެތައް އަހަރެއް ވެސް ހޭދަވެފައިވާ ކަމަށް އައްނަސްރީ ބުންޏެވެ. އަދި ހައްޖަށް ދިއުމަށް ކުރި ބުރަ ދަތުރުމަތީގައި ބައެއް މީހުން ނިޔާވެފައި ވެސް ވެއެވެ.

"އެ މީހުން އުޅުނު ހާލަށް ވިސްނާލާފައި އަހަރެން އަމިއްލަ ނަފްސަށް ހިތްވަރު ހޯދަން،" އައްނަސްރީ ބުންޏެވެ.
މިއަހަރު އިންޑިޔާގެ ކެރެލާ މީހަކާއި ޕާކިސްތާނު މީހަކު އެމީހުންގެ ގައުމުތަކުން ފައިމަގުގައި އެތައް ހާސް ކިލޯމީޓަރަކަށް ހިނގާފައި ސައޫދީއަށް ދަތުރުކޮށްފައި ވެއެވެ.