ލައިފްސްޓައިލް

ހައްޖުވެރިން ނިދާލަން، "ކެޕްސޫލް ކޮޓަރި"ތަކެއް

Aug 20, 2018

ދުނިޔޭގެ އެތައް މިތަނުން ކޮންމެ އަހަރަކުވެސް ހައްޖުގެ މަތިވެރި އަޅުކަމަށް ސައުދީ އަރަބިއްޔާއަށް އެތައް މިލިއަން މުސްލިމުންނެއް ޖަމާވާއިރު، އެ ހުރިހާ އެންމެނަށް ބޭނުންވާނެ ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށް ދިނުން އޮންނަނީ ގޮންޖެހުމަކަށް ވެފަ އެވެ. ހައްޖު މޫސުމާ ދިމާކޮށް ހޮޓާތައް ފުރިބާރުވެ ހައްޖުވެރިންނަށް ބޯހިޔާވަހިކަން ހޯދައިދިނުން ވަނީ އުނދަގޫ މަސައްކަތަކަށެވެ. އެ ދުވަސްވަރު ހޮޓާތަކުގެ އަގުވެސް މައްޗަށް ދަނީ އަތުނުވާހާ މައްޗަށެވެ. މި ހުރިހާ ކަމަކަށް ހައްލު ހޯދައިދިނުމަށް ސައުދީ އަރަބިއްޔާއިން މި ވަނީ އުފެއްދުންތެރިކަމާއި ޓެކްނޮލޮޖީގެ ތެރެއިން ހައްލެއް ހޯދައިގެންފަ އެވެ.

ކުޑައަގެއްގައި ދުނިޔޭގެ އެއްތަނުން އަނެއް ތަނަަށް ދަތުރުކުރުމަށް ދެވިހިފައިވާ ތިބޭ މީހުންނަށް ހާއްސަކޮށް ޖަޕާނުގައި މިފަހުން ތައާރަފް ކުރި، "ސްލީޕިން ޕޮޓް" ނޫނީ ކެޕްސޫލެއްގެ ބައްޓަމަށް ހަދާފައި ހުންނަ ކުދި ކުދި ނިދާ ކޮޓަރިތަކުގެ ދޮރުތައް ސައުދީގައި ވެސް މި ވަނީ ހުޅުވާލައިފަ އެވެ. ފޭލިގެތަކުގެ ސަހަރުގެ ގޮތުގައި މަޝްހޫރުވެފައިވާ، މިނާގައި ކެޕްސޫލް ކޮޓަރިތައް ގާއިމްކޮށްފައި ވަނީ، "ސައުދީ ހަދިއްޔާ އެސޯސިއޭޝަނުން" އިސްނަގައިގެން އެވެ. ފައިބަރުން ހަދާފައިވާ މި ޕޮޑްތަކުގެ ދިގު މިނުގައި ތިން މީޓަރު، އުސް މިނުގައި މީޓަރެއްހާތަން ހުރެ އެވެ. ގަދަހޫނުން ސަލާމަތްވެ، އަރާމުކޮށް ނިދާލަން ބޭނުންވާ ކޮންމެ ހައްޖާޖީއަކަށް މިތަނުން މުޅިން ހިލޭ، ހިދުމަތް ދޭއިރު، މިފަދަ 24 ކޮޓަރިއެއް މިނާގެ އެކި ސަރަހައްދުތަކުގައި ވަނީ ބަހައްޓައިފަ އެވެ.

ތިމާވެއްޓާ ރަށްޓެހި، ފައިބަރު ބޭނުންކޮށްގެން ހަދާފައިވާ މި ކުދިކުދި ކޮޓަރިތަކުގައި ނިދާފައި ތިބޭ މީހުން ބޭރަށް ނުފެންނަ ގޮތަށް ހަދާފައިވާ އިރު ކޮންމެ ކޮޓަރިއެއްގައި ވެސް ބްލޭންކެޓާއި، ބާލީހާއި އޭސީ އާއި ނިދާ ބޮތްކާއި ލޯގަނޑާއި ޑިޖިޓަލް ސޯނާ ގަނޑިއާއި އަގުބޮޑެތި އެއްޗިހި ފޮރުވަން ތިޖޫރިއެއް އަދި ކުޑަ ޓީވީއެއް ހިމެނެ އެވެ. އަދި ހިދުމަތް ހޯދާ މީހަކު ބޭނުންވާ ވަރަކަށް އޭސީ ކޮންޓްރޯލް ކުރުމާއި، ނިދާލަން ފަސޭހަ ވަރަކަށް ކޮޓަރީގެ އަލި އަމިއްލައަށް ބަދަލުކޮށްލެވެ އެވެ. ވައިސާފުފުކުރާ ނިޒާމެއް ވެސް ވަނީ މި ކޮޓަރިތަކުގައި ހަރުކޮށްފަ އެވެ. މީގެ އިތުރަށް، މި ހިދުމަތް ދޭ ތަންތަނުގައި އިސްތިރިކުރުމާއި ފެންވެރޭނެ އިންތިޒާމް އަދި ލަގަޖް ވެސް ރައްކާތެރި ކަމާ އެކު ފޮރުވެ އެވެ.

"ތޮއްޖެހި ބާރުވެފައިވާ ތަންތަނުގައި ގިނަ ބަޔަަކަށް އަގު ހެޔޮކޮށް ހިދުމަތް ފޯރުކޮށް ދިނުމަށް އެންމެ ރަނގަޅު އެއް މޮޑެލް މިއީ، މިކަހަލަ ކެޕްސޫލް ކޮޓަރިތައް. މި ހިދުމަތާ މެދު ހައްޖުވެރިން ހިތްޖަމަ ޖެހޭނެ ކަމަށް އުންމީދު ކުރަން،" ހަދިއްޔާ އެސޯސިއޭޝަންގެ ރައީސް، މަންސޫރު އަލް އަމީރު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މި ކޮޓަރިތަކުން ހިދުމަތް ދިނުމުގައި އެންމެ ބޮޑަށް ބަލާނީ، ގަދަ ހޫނުގެ ސަބަބުން ގައިގެ ވަރުދެރަވާ މީހުންނާއި މުސްކުޅިންނަށް އަރާމުކޮށްލާނެ ފުރުސަތެއް ހޯދައިދިނުމަށެވެ.

އެ ޖަމްއިއްޔާއިން ރާވާފައި ވަނީ ހިދުމަތް ހޯދާ ކޮންމެ ހައްޖާޖީއަކަށް ވެސް ގިނަވެގެން ތިންގަނޑިއިރު މި ކޮޓަރިތައް ބޭނުން ކުރަން ފުރުސަތު ދޭށެވެ. އޮޓަމެޓިކުން ލެއްޕޭ ދޮރު ހުންނަ، މި ކޮޓަރިތައް ހުޅުވަން ޖެހެނީ އެކަމަށް ދޫކުރާ ހާއްސަ ސެކިއުރިޓީ ކާޑެއް ބޭނުންކޮށްގެން އެވެ.

ކެޕްސޫލް ނިދާ ކޮޓަރިތައް ހުންނަނީ، އެއް ކޮޓަރި އަނެއް ކޮޓަރީގެ މަތީގައި އަތުރާލުމަށް ފަހު، ދަނގަޑު ފްރޭމެއްގައި ވަރުގަދަޔަށް ހަރުކޮށްފަ އެވެ. ސަލާމަތީ ގޮތުން ވެސް މުހިންމު ފިޔަވަޅުތަކެއް މި ކޮޓަރިތަކުގައި ވަނީ ގާއިމްކޮށްފަ އެވެ. އެގޮތުން، ކަރަންޓް ދާ ހާލަތްތަކުގައި އޮޓަމެޓިކުން ކޮޓަރީގެ ދޮރު ހުޅުވެ އެވެ. އަދި ދުމުގެ އެއްވެސް އަސަރެއް ކެޕްސޫލްގެ ތެރޭގައި ހުރެއްޖެ ނަމަ ވަގުތުން އެލާމް އަޅަ އެވެ. އަދި އަލިފާން ހިފައިފިނަމަ، ނިވާނެ ނިޒާމެއް ވެސް މި ކޮޓަރީގެ ތެރޭގައި ހުރެ އެވެ. އެހެން ވީމާ، ސަލާމަތީ ގޮތުން ވެސް މި ކޮޓަރިތައް ފަރުމާކޮށްފައި މި ވަނީ އެންމެ ފެންވަރު ރަނގަޅަށެވެ.

ހިދުމަތަށް ނެރުމުގެ ކުރިން މިދިޔަ ރޯދަ މަހުގެ ތެރޭގައި ކެޕްސޫލް ކޮޓަރިތަކުގެ ހިދުމަތް ވަނީ ޓެސްޓްކޮށްފަ އެވެ. ހަދިއްޔާ އެސޯސިއޭޝަނުން ބުނަނީ އެ ޓެސްޓް ބުރުތައް ވަރަށް ކާމިޔާބު ކަމަށެވެ. އެ މީހުން ތިބީ މި ހިދުމަތަށް ބޮޑު ތަރުހީބެއް ލިބޭތީ އުފަލުން އެވެ. ކެޕްސޫލް ކޮޓަރިތަކުގެ އިތުރަށް ސައުދީ އަރަބިއްޔާއިން މި ފަހަރު ވަނީ، އަރަބި ނޭނގޭ މީހުންނަށް ހާއްސަ ޓްރާންސްލޭޝަން އެޕަކާއި އެމަޖެންސީ ސިއްހީ ހިދުމަތް ފޯރުކޮށްދޭ ތަންތަން ފަސޭހައިން ހޯދޭނެ އެޕްލިކޭޝަނެއް ވެސް ތައާރަފްކޮށްފަ އެވެ. ސައުދީ އަރަބިއްޔާއިން ގެންދަނީ ހައްޖާޖީންގެ ހިދުމަތްތައް އެންމެ ޒަމާނީ ޓެކްނޮލޮޖީއާ އެކު ދުވަހެއް ދުވަހަކަށް ތަރައްގީ ކުރަމުން އެވެ.