ރާއްޖެ ކުޅިވަރު

ޒެފްރޯލް ގޮވައިގެން އައްމަޑޭ ސެމީއަށް، އާ ތަޖުރިބާއެއް

Oct 17, 2016
2

ދެ ވަނަ ޑިވިޝަންގެ ސެމީ ފައިނަލަށް ޒެފްރޯލް ދަތުރުކުރިއިރު، އެޓީމަށް އިރުޝާދު ދެމުންދަނީ ނިއުރޭޑިއަންޓްގެ ކެޕްޓަންކަންވެސް ކުރިންކޮށްފައިވާ އަހްމަދު މުހައްމަދު (އައްމަޑޭ) އެވެ.

އައްމަޑޭ ބުނީ ކޯޗެއްގެ ގޮތުގައި ހުރެ، ޒެފްރޯލް ސެމީ ފައިނަލަށް ގެންދިއުމަކީ އޭނާ އަށް އާ ތަޖުރިބާއެއް ކަމަށާއި އެެއްކޮށް ކުޅުން ހުއްޓާލައި ކޯޗިން ދާއިރާއަށް ހުސްވުމުގެ ވިސްނުން ގެންގުޅެމުންދާ ކަމަށެވެ.

"މީގެ ދެ އަހަރު ކުރިންވެސް ޒެފްރޯލްއަށް އިރުޝާދު ދިނިން، ނަމަވެސް މިފަހަރު ތަފާތު މުޅި ޓީމުގެ ޓްރެއިނިންވެސް ކުރިއަށް ގެންދިޔައީ އަޅުގަނޑުގެ ބެލުމުގެ ދަށުން،" ޓީސީގެ ކުޅުންތެރިޔެއްގެ ގޮތުގައި އެޓީމުގެ ކޮންޓްރެކްޓެއްގައި ހުރިި އަންމަޑޭ ބުންޏެވެ.

ފުރަތަމަ ޑިވިޝަންގެ ކުޅުންތެރިޔެއްގެ ގޮތުގައި ހުރެ ކޯޗެއްގެ މަގާމުގައި ޖެހެން ނެތުމުން، އަންމަޑޭއަށް ޖެހުނީ ޒެފްރޯލާ ގުޅުން ހުރި އޮފިޝަލެއްގެ ގޮތުގައި ހުންނާށެވެ. ޓީމުގައި ބެންޗުގައި ނުއިށީނދެވުނަސް މެޗް ފެށުމުގެ ކުރިންނާއި ހާފު ޓައިމްގައި އައްމަޑޭ ވަނީ ބެންޗާ ދުރުގައި ހުރެ ޓީމަށް އިރުޝާދު ދީފައެވެ.

ސެމީފައިނަލް މެޗްގައި މާދަމާ ޒެފްރޯލްއާ ޖެހޭނީ ގުރޫޕް އެކަކުން އެއް ވަނަ ޓީމުގެ ގޮތުގައި ދިޔަ، މިދިޔަ އަހަރު ތިން ވަނަ ޑިވިޝަންގެ ޗެމްޕިއަން ދަ ގޭންގްއާ ދެކޮޅަށެވެ.

"ދަ ގޭންގް ވަރަށް ވަރުގަދަ. އެކަމަކު އިރާދަ ކުރެއްވިއްޔާ އަޅުގަނޑުގެ ހުރިހާ ފޯކަސްއެއް ހުރީ ޒެފްރޯލް ފައިނަލަށް ގެންގޮސް ދިނުމަށް، ޝުކުރު އަދާ ކުރަން ޓީސީ އިން ޒެފްރޯލްއާ އެކު މަސައްކަތް ކުރުމުގެ ހުއްދަ ދިނީތީ،" އައްމަޑޭ ބުންޏެވެ.

އައްމަޑޭގެ އަމާޒަކީ ކޯޗިން ކޯސްތައް ފުރިހަމަ ކުރުމަށްފަހު، ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރުމެވެ. ޓީސީ އާއި ވިކްޓްރީ އަދި މާޒިޔާ އައި އީގަލްސް އަށްވެސް ކުޅެފައިވާ އައްމަޑޭ ވަނީ ނިއުރޭޑިއަންޓް 2005 އޭއެފްސީ ކަޕްގެ ސެމީ ފައިނަލަށް ދަތުރު ކުރިއިރު، އެޓީމުގެ ޑިފެންސިވް މިޑްފީލްޑަރެއްގެ ގޮތުގައި މޮޅު ކުޅުމެއް ދައްކާފައެވެ.