ވިޔަފާރި

ސަޓާ އެވޯޑަށް ކުރިމަތިލި ފަރާތްތަކުގެ ވަނަ ހޮވަން ޖަޖުކުރުން މާދަމާ

Oct 18, 2016
  • ސަޓާ އެވޯޑު އޮތީ އަންނަ މަހު 15-16 ގައި
  • އެވޯޑުގެ ރާއްޖޭގެ ޖަޖިން އޮތީ ޗަމްޕާ ހޮޓެލްގައި
  • އެވޯޑު ބާއްވަނީ މައުންޓް ލެވީނިޔާ ހޮޓެލްގައި

ސްރީލަންކާގެ ކޮލަމްބޯގައި އަންނަ މަހު ބާއްވާ ސައުތު އޭޝިޔަން ޓްރެވަލް އެވޯޑު (ސަޓާ) އަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ވަނަތައް ހޮވަން ބާއްވާ ޕްރޮފެޝަނަލް ޖަޖިންގެ ބައި މާދަމާ ފަށާއިރު، ޖަޖުންގެ ޕެނަލްގައި ހިމެނޭ ބޭރުގެ މާހިރުން ރާއްޖެ އަތުވެއްޖެ އެވެ.

ސަޓާ އިންތިޒާމު ކުރާ ހައިރައިޒް އިން ބުނީ ޖަޖުންގެ ޓީމުގައި ހިމެނެނީ ސްރީލަންކާ އާއި އިންޑިޔާގެ ޓޫރިޒަމްގައި އެންމެ ފުންނާބު އުސް ފަރާތްތައް ކަމަށެވެ. އެ ބޭފުޅުން ރާއްޖެ ވަޑައިގަތީ އިއްޔެގެ ވަގުތެއްގަ އެވެ.

މި އެވޯޑަށް ރާއްޖޭން ކުރިމަތިލާފައިވާ ފަރާތްތަކަށް ވަނަތައް ހޮވުމުގެ ގޮތުން ބާއްވާ ޕްރެޒެންޓޭޝަންތައް އޮންނާނީ ޗަމްޕާ ސެންޓްރަލް ހޮޓެލްގަ އެވެ.

ސަޓާ އެވޯޑު އޮތީ އަންނަ މަހުގެ 15 އިން 16 ސްރީލަންކާގެ މައުޓް ލެވީނިޔާ ހޮޓެލްގަ އެވެ.

ހައިރައިޒް އިން ބުނި ގޮތުގައި އެވޯޑަށް ނޮމިނޭޓް ވެފައިވާ މަޝްހޫރު ބްރޭންޑްތަކުގެ ތެރޭގައި ސަޓާ އަށް ނޮމިނޭޓް ކޮށްފައިވާ މަޝްހޫރު ހޮޓެލް ޗެއިންތަކުގެ ތެރޭގައި ހައިޑަވޭ އާއި ޖުމެއިރާ، ޕާކް ހަޔަޓް، ކޮކޯ ކަލެކްޝަން، ވިލާ ގްރޫޕް، ސަން ސިޔާމް، އަދާރަން، ކޮންސްޓެންޓް، އެޓިކަން ސެޕްންސް އާއި ލީލާ ގްރޫޕުގެ އިތުރުން ކިންގްބެރީ، ތާޖް ސަމުންދްރާ، ކާސާ ކަލެކްޝަންފަދަ އެތައް ބްރޭންޑެއް ހިމެނޭ ކަމަށެވެ.

ސަޓާ އެވޯޑަށް 273 ނޮމިނޭޓް ކޮށްފައިވެ އެވެ. މި އެވޯޑަށް 10 ދާއިރާއެއްގެ 39 ގިންތި އަކުން ދޭނެ އެވެ. މި އެވޯޑުގައި ހިމެނޭ "ވިޒިޓާސް ޗޮއިސް" ބައިގެ ނުވަ ގިންތީގެ ތެރެއިން އަށް ގިންތި އަށް ރާއްޖޭގެ ރިސޯޓުތައް ވާދަކުރެ އެވެ. އަދި "ސެލްފް ނޮމިނޭޓް" ބައިގައި ހިމެނޭ 30 ގިންތި އަށް ރާއްޖޭގެ 140 އަށް ވުރެ ގިނަ ފަރާތްތަކުން ވަނީ ނޮމިނޭޓް ވެފައިވެ އެވެ.

މި އެވޯޑަކީ ސަރަހައްދުގެ ބޮޑެތި ޖަމިއްޔާތައް ކަމަށްވާ ކޮލަމްބޯ ޗެމްބާ އޮފް ކޮމާސް (ސީސީސީ) އާއި ފެޑަރޭޝަން އޮފް ޗެމްބާ އޮފް ކޮމާސް އިން ލަންކާގެ އިތުރުން ކޮންފެޑަރޭޝަން އޮފް ކްރެޑިޓެޑް ޓުއާ އޮޕަރޭޓާސް (ކެޓޯ) އިންޑިޔާ ބަލައިގެންފައިވެ އެވެ. މީގެ އިތުރުން އިންޑިޔާގެ، އެސޯސިއޭޝަން އޮފް ޓޫރިޒަމް ޓްރޭޑް އޮގަނައިޒޭޝަން (އޭޓީޓީއޯއައި) ހިމެނެ އެވެ. މީގެ އިތުރުން ކެރެލާ ހޮޓެލް ޖެނެރަލް މެނޭޖާސް ކްލަބް (ކޭއެޗްޖީއެމްސީ) ބަލައިގެންފައިވެ އެވެ. އަދި ރާއްޖޭން މި އެވޯޑު ބަލައިގެންފައިވާ ޖަމިއްޔާތަކުގެ ތެރޭގައި އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް (އަޓާ) އަދި ލިވަ ބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް) ހިމެނެ އެވެ.