ބޮލީވުޑް

"އޭ ދިލްހޭ މުޝްކިލް" އިން ރޯލެއް ނުލިބުމުން ކާޖޮލް ދެރަވޭ

Oct 18, 2016

ވާދަވެރި ބޮލީވުޑްގައި ގާތް އެކުވެރިން ތިބެދާނެ ކަމާމެދު ޝައްކެވެ. ނަމަވެސް އެފަދަ ތަރިންގެ ތެރެއިން މަޝްހޫރު ބަތަލާ ކާޖޮލް އާއި ޑައިރެކްޓަރު - ޕްރޮޑިއުސަރު ކަރަން ޖޯހަރަކީ ވަރަށް ގާތް އެކުވެރިންނެވެ.

ނަވާރަސަތޭކަ ނުވަދިހަ އަށްވަނަ އަހަރު ކަރަން ޑައިރެކްޓްކުރި ފިލްމު "ކުޗްކުޗް ހޯތާހޭ" ގެ ބަތަލާގެ ރޯލުން ކާޖޮލް ފެނިގެން ދިއުމުގެ މާކުރިން ވެސް މި ދެ މީހުންނަކީ ވަރަށް ގާތް އެކުވެރިންނެވެ.

ކަރަންގެ އެންމެ ގާތް އަދި އޭނާގެ ލަކީ މެސްކޮޓްގެ ގޮތުގައި ބަލާ ކާޖޮލް މިހާތަނަށް ވަނީ ކަރަން ޑައިރެކްޓްކުރި ގިނަ ފިލްމުތަކެއްގެ ބަތަލާގެ ރޯލުން ފެނިގެން ގޮސްފަ އެވެ.

ކަރަން އުފައްދާ ފިލްމުތަކުގެ ބަތަލާގެ ރޯލު ކާޖޮލް ނުކުޅު ނަމަވެސް އޭނާ ވަނީ އެފިލްމުތަކުގެ ހާއްސަ ފެނިލުންތަކުން ފެނިގެން ގޮސްފަ އެވެ. އެފިލްމުތަކުގެ ތެރޭގައި "ކަލްހީ ނަހޯ" އާއި "ކަބިއަލްވިދާ ނާކެހެނާ" އަދި "ސްޓޫޑަންޓް އޮފް ދަ އިޔާ" ހިމެނެ އެވެ.

އެހެން ނަމަވެސް ކާޖޮލްގެ ފިރިމީހާ އަޖޭ ދޭވްގަންގެ "ޝިވާއޭ" އާއި ކަރަންގެ "އޭ ދިލްހޭ މުޝްކިލް" އެއް ދުވަހެއްގައި ރިލީޒް ކުރުމަށް ހަމަޖެހި ބޮކްސް އޮފީހުގައި ބޮޑު ކުރިމަތިލުމަކަށްދާނެކަން ޔަގީންވި ހިސާބުން ކާޖޮލް އާއި ކަރަންގެ ދެމެދުގައި މައްސަލަތަކެއްޖެހި ކުރިން އޮންނަ ވަރުގެ ގާތްކަމެއް މިހާރު ނޯންނަކަމަށްވެ އެވެ.

އެގޮތުން ކަރަންގެ ފިލްމުގެ ހާއްސަ ފެނިލުމަކުން ވެސް ކާޖޮލް މިފަހަރު ފެނިގެންނުދާނެ ކަމަށްވާއިރު، އޭނާ ވަނީ އެ ފިލްމުން ފެނިގެން ނުދިއުމަކީ ވަރަށް ދެރަވާ ކަމެއް ކަމަށް ބުނެފަ އެވެ.

ކާޖޮލް މިހެން ބުނެފައިވަނީ މިފަހުން އޮތް އެވޯޑް ހަފްލާއެއްގަ އެވެ. އިތުރަށް އޭނާ ވަނީ ކަރަންގެ ފިލްމާ ގުޅޭގޮތުން މިވަގުތު އެއްވެސް ވާހަކައެއް ދައްކަން ބޭނުންނުވާ ކަމަށް ވެސް ބުނެފަ އެވެ.

ކަރަންގެ އެންމެ ކާމިޔާބު ފިލްމުތައް ކަމަށްވާ "ކުޗްކުޗް ހޯތާހޭ" އާއި "ކަބީ ހުޝީ ގަބީ ޢަމް" އަދި "މައި ނޭމް އިޒް ޚާން" ފަދަ ފިލްމުތަކުން ފެނިގެން ގޮސްފައިވާ ކާޖޮލް އާއި ކަރަން އާ ދެމެދު މައްސަލަ ޖެހުނީ އަޖޭގެ "ޝިވާއޭ" ބަދުނާމުކޮށް ޓްވީޓްކުރުމަށް ކްރިޓިކް ކަމާލް އާރް ޚާނަށް ކަރަން ރިޝްވަތުދިން ކަމަށް ބުނާ އޯޑިއޯއެއް އާންމުވި ހިސާބުންނެވެ.

މިފަހުން އަޖޭ ވެސް ކަރަން އާއި ކާޖޮލްއާ ދެމެދު އޮންނަ އެކުވެރިކަން މިހާރު އެހާ ބަދަހި ނޫން ކަމަށް ބުނެފަ އެވެ.

ފިރިމީހާ އަޖޭ އާއެކު ކާޖޮލް އަންނަނީ "ޝިވާއޭ" ގެ ހުރިހާ ޕްރޮމޯޝަން މަސައްކަތްތަކުގައި ބައިވެރިވަމުންނެވެ.