ބޮލީވުޑް

"ރޭސް 3" ގައި ސަލްމާންގެ ބަތަލާ އަކަށް ޑެއިޒީ

Aug 15, 2017

ބޮލީވުޑްގައި އުފެއްދި އެންމެ ކާމިޔާބު ސަސްޕެންސް ތްރިލާ ފިލްމުތަކުގެ ތެރޭގައި "ރޭސް" ސިލްސިލާގެ ދެ ފިލްމު ހިމެނެ އެވެ. ކުޅަދާނަ ޑައިރެކްޓަރުންގެ ޖޯޑު ކަމަށްވާ އައްބާސް-މަސްތާން އަންނަނީ މި ސިލްސިލާގެ ތިން ވަނަ ފިލްމެއް އުފައްދަން ތައްޔާރުވަމުންނެވެ.

މި ސިލްސިލާގެ ކުރީގެ ދެ ފިލްމާ ހިލާފަށް "ރޭސް 3" ގެ ލީޑްރޯލުން ފެނިގެންދާނީ ސުޕަސްޓާ ސަލްމާން ޚާން އެވެ. ކުރީގެ ދެ ފިލްމާ ހިލާފަށް "ރޭސް 3" ތަފާތު ވަނީ ސަލްމާން އެ ފިލްމުގައި ފެނިގެންދާތީ އެކަންޏެެއް ނޫނެވެ. ފިލްމުގެ ޑައިރެކްޓަރެއްގެ ގޮތުގައި ވެސް ފެނިގެންދާނީ މަޝްހޫރު ކޮރިއޮގްރާފާ އަދި ޑައިރެކްޓަރު ރެމޯ ޑިސޫޒާ އެވެ.

ސަލްމާންގެ އިތުރުން މި ފިލްމުގައި ދެން ފެނިގެންދާނެ ތަރިންގެ ތެރެއިން މިހާތަނަށް ޔަގީންވެފައިވާ ތަރިއަކީ ސަލްމާނާ އެކު "ޖެއި ހޯ" އިން ބޮލީވުޑަށް ނިކުތް ޑެއިޒީ ޝާހް އެވެ. ޑެއިޒީގެ އިތުރުން މި ފިލްމުގައި އިތުރު ދެ ބަތަލާ އަކު ފެނިގެންދާނެ ކަމަށްވެ އެވެ. އަދި އެ ދެ ބަތަލާއިން ވެސް ވެގެންދާނީ ބޮލީވުޑްގެ މަޝްހޫރު ދެ ތަރިންނަށް ކަމަށް ފިލްމުގެ ޕްރޮޑިއުސަރު ރަމޭޝް ތައުރާނީ ވަނީ ބުނެފަ އެވެ.

މި ސިލްސިލާގެ ކުރީގެ ދެ ފިލްމުގެ ލީޑްރޯލުން ފެނިގެން ގޮސްފައިވާ ސައިފް އަލީ ޚާން އާއި އަދި މުހިންމު ރޯލަކުން ފެނިގެން ގޮސްފައިވާ އެކްޓަރު އަނިލް ކަޕޫރު "ރޭސް 3" ގައި ފެނިގެންދާނެކަން އަދި ނޫންކަން ވެސް ޔަގީނެއްނުވެ އެވެ.

"ރޭސް" ސިލްސިލާގެ ފުރަތަމަ ފިލްމު ރިލީޒްކޮށްފައިވަނީ 2008 ވަނަ އަހަރު އެވެ. އަދި ދެވަނަ ފިލްމު، "ރޭސް 2" ރިލީޒްކޮށްފައިވަނީ 2013 ވަނަ އަހަރު އެވެ. "ރޭސް 3" ގެ މަސައްކަތް ފަށާނެ ދުވަހެއް އަދި ހާމަކޮށްފައެއްނުވެ އެވެ.

"ރޭސް 3" ސަލްމާން ކުޅެ، އަދި ރެމޯ ޑައިރެކްޓްކުރާކަމުގެ ވާހަކަތައް ދެކެވެން ފަށާފައިވާއިރު، ރެމޯ އުފައްދާ ޑާންސް ފިލްމެއް ވެސް ސަލްމާން ކުޅެން ވަނީ އެއްބަސްވެފަ އެވެ.