ޒުވާން އެކްޓަރު ސުޝާންތް ސިންގް ރާޖްޕުތް ދެން އެންމެ އަވަހަށް ކުޅެން ފަށާ ފިލްމަކީ އެސްޓްރޮނޯޓެއްގެ ރޯލު ކުޅޭ ފިލްމު "ޗަންދާ މަމާ ދޫރް ކޭ" އެވެ.
މި ފިލްމުގައި ސުޝާންތް އާއެކު ލީޑްރޯލުން ފެނިގެންދާ ތަރިންގެ ތެރެއިން ނަވާޒުއްދީން ސިއްދީގީ އާއި އާރް މާދަވަން ވެސް ފެނިގެންދާނީ އެސްޓްރޮނޯޓުންގެ ރޯލުންނެވެ. އަދި ފިިލްމުގެ ބަތަލާގެ ރޯލުން ފެނިގެންދާނެ ތަރިއެއް ވެސް ކުޅޭ ގޮތަށް ހަމަޖެހިފައިވަނީ އެހެން ތަރިންނެކޭ އެއްގޮތަށް އެސްޓްރޮނޯޓެއްގެ ރޯލެވެ.
އެ ރޯލު ކުޅެން ބަތަލާ ޝްރަދާ ކަޕޫރު ހަމަޖެއްސާފައިވާ ކަމަށްވާއިރު، އެ ރޯލަށް ސުޝާންތްގެ ލޯބިވެރިޔާ އަދި ބަތަލާ ކްރީތީ ސަނޮންގެ ނަން އޭނާ ހުށަހެޅި ކަމުގެ ވާހަކަތަކެއް ވެސް އަންނަނީ ދެކެވެމުންނެވެ.
ނަމަވެސް އެ ވާހަކަތައް ސުޝާންތް ވަނީ ދޮގުކޮށްފަ އެވެ. އޭނާ ވަނީ އެ ފިލްމުގެ ބަތަލާގެ ރޯލު ކުޅެން އެއްވެސް ތަރިއަކު ހަމަޖައްސަން ލަފާ ދީފައި ނުވާނެ ކަމަށް ބުނެފަ އެވެ.
"ކްރީތީ ކީއްކުރަން އެއްވެސް މީހަކު ފިލްމުގައި ހިމަނަން ނުބުނަން. އަހަރެން މަސައްކަތްކުރަނީ އަހަންނަށް ފިލްމުތަކުން ރޯލު ލިބޭތޯ،" ސުޝާންތް ބުނެފައިވެ އެވެ.
މި ފިލްމުގެ ބަތަލާގެ ރޯލުން ޝްރަދާ ފެނިގެންދާނެ ކަމުގެ ވާހަކަތައް ދެކެވުނު ނަމަވެސް ސުޝާންތް ވަނީ އަދި ބަތަލާގެ ރޯލު ކުޅޭނެ ތަރިއަކާ އެކު ސޮއިނުކުރާ ކަމަށް ބުނެފަ އެވެ. ނަމަވެސް އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށާއި އެ ތަރިއަކީ ކާކުކަން ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށް ބުނެފަ އެވެ.
ލޯބީގެ ގޮތުން ގުޅިން އުޅޭ ކަމަށް އަޑުތައް އަރާފައިވާ ކްރީތީ އާއި ސުޝާންތް އެންމެފަހުން އެކުގައި ފެނިގެން ގޮސްފައިވަނީ ޖޫން މަހު ނިކުތް ފިލްމު "ރާބްތާ" އިންނެވެ.
"ޗަންދާ މަމާ ދޫރްކޭ" ޑައިރެކްޓްކުރަނީ ނެޝަނަލް އެވޯޑް ލިބިފައިވާ ޑައިރެކްޓަރު ސަންޖޭ ޕިރަން ސިންގް އެވެ.
މި ފިލްމަކީ ހިޔާލީ ވާހަކައެއްގެ މައްޗަށް އުފައްދާ ބޮލީވުޑްގެ ފުރަތަމަ ސްޕޭސް ޑްރާމާ ފިލްމެވެ.