އަނބިންގެ އެންމެ ބޮޑު ޝަކުވާ އަކީ ގޭތެރޭގެ މަސައްކަތްތަކުގައި ފިރިހެން އެމީހުންނަށް އެހީތެރިނުވާ މައްސަލަ އެވެ. ހާއްސަކޮށް ގޭތެރެ ސާފުކުރުމާއި ކެއްކުން ފަދަ ކަންކަމުގައި އަތްގާތްކޮށް ނުދޭ މައްސަލަ އަކީ ދެމަފަރިއަކު އެންމެ ގަދަޔަށް އަރާރުންވާންޖެހޭ ކަންކަމެވެ.
އޮފީހުގައި ބުރަ ދުވަހަކަށް ފަހު އެ ވަރުބަލި ކަމާއެކު ވެސް ރޭގަނޑުގެ ކެއުން އަނބިމީހާ ތައްޔާރުކުރާއިރު، ނުވަތަ އެ ނޫން ވެސް ގަޑިއަކު ކައްކާއިރު އަނބިމީހާ އަށް ފަސޭހަކޮށްލަދޭން އެއްޗެއް ކޮށާލަ ދޭން ޖެހުން ފަދަ ކަމެއް ކުރަން ޖެހުމުން ބޮޑުވެގެން އުޅޭ ފިރިންނަށް މިއޮތީ ވަރުގަދަ މިސާލެކެވެ.
ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަކްޝޭ ކުމާރު މިވަނީ ބަދިގެ އަށް ވަދެ ކެއްކުމުގެ އަނބިމީހާ އަށް އެހީތެރިވެދީގެން "ހަސްބަންޑްގޯލްސް" އެއް ސެޓްކޮށްފަ އެވެ.
ހުކުރު ދުވަހު ރިލީޒްވި އަކްޝޭގެ ފިލްމި "ޓޮއިލެޓް" ގެ ޕްރޮމޯޝަންތަކުގައި ބުރަކޮށް އުޅުމަށްފަހު، ފިލްމު ރިލީޒްވި ފަހުން އައި ފުރަތަމަ ހަފްތާ ބަންދު ދުވަސް، އާދިއްތަ ދުވަސް އަކްޝޭ ހޭދަކުރީ ގެއަށް ކާން އައި މެހެމާނުންތަކަކަށް ފޮނިކާއެއްޗެއް ތައްޔާރުކުމުގަ އެވެ.
އަަކްޝޭގެ އަންހެނުން އަދި މަޝްހޫރު ލިޔުންތެރިއެއްގެ ގޮތުގައި މިހާރު މަޝްހޫރު ޓްވިންކަލް އާދިއްތަ ދުވަހު ކުރި ޓްވީޓެއްގައި ވަނީ އަކްޝޭ އާއި ދޮށީ ދަރިފުޅު އާރަވް ބަދިގޭގައި ކައްކަން އުޅެނިކޮށް ނަގާފައިވާ ފޮޓޯއެއް އާންމުކޮށްފަ އެވެ. ޓްވިންކަލް ޓްވީޓްގައި އޭނާ ވަނީ "ފިރިހެންވެރިން އެ ތިބީ ރަނގަޅަށް ތަމްރީން ކޮށްފައި" ކަމަށް ބުނެފަ އެވެ.
އަކްޝޭ އުނދުން ކައިރީގައި ހުރެގެން ޑަބަލް ބޮއިލިން ހަދާއިރު، ކައިރީގައި ހުރި ފިރިހެން ދަރިފުޅު އާރަވް ބިހުގެ ގޮބޮޅި އާއި ހުދުބައި ވަކިކުރާތަން ފެނިގެންދެ އެވެ. ޓްވިންކަލްގެ ޓްވީޓްގައި ދެބަފައިން ތައްޔާރުކުރަނީ ސޫފްލޭ އާއި ލޭޔާޑް ވައިޓް ޗޮކްލެޓް މޫސް ކަމަށެވެ.
އަކްޝޭ ބަދިގެ އަށް ވަދެ ކައްކަން އުޅޭތަން އާންމުކޮށް ނުފެނުނަސް ހައިރާންވާނެ ކަމެއް ނެތެވެ. ބޮލީވުޑަށް ނިކުތުމުގެ ކުރިން ވަނީ ބެންގްކޮކާއި ދިއްލީގެ ރެސްޓޯރަންޓްތަކުގައި ކައްކާއެއްގެ ވަޒީފާ އަދާކޮށްފަ އެވެ.
ބޮލީވުޑްގެ ތަރިންގެ ތެރެއިން އެންމެ ބުރަކޮށް އުޅޭ އެއް ތަރިއަކީ އަކްޝޭ އެވެ. އަހަރަކު ދެތިން ފިލްމެއް ކުޅެ، އޭނާގެ ތިން ހަތަރު ފިލްމު ރިލީޒްވެ އެވެ. ކިތަންމެ ބުރަކޮށް އުޅުނު ނަމަވެސް އަކްޝޭ އަބަދުވެސް އާއިލާ އާއެކު ގިނަ ވަގުތު ހޭދަކުރެވެ އެވެ. ވަކިން ހާއްސަކޮށް އަންހެނުން ޓްވިންކަލް އަށް އެކި ކަންތައްތަކުގައި އޭނާ އެހީތެރިވެދެ އެވެ.
ދެ ކުދިން ލިބިނު ފަހުން ފިލްމު ކުޅުމާ ދުރަށް ގޮސް ލިޔުމުގެ ދާއިރާ އަށް ވަން ޓްވިންކަލް އަށް އަކްޝޭ ކަހަލަ އެހީތެރި ލޯބިވެރިއެއް ލިބުުމުން ހާސްވާންޖެހޭނެ އެއްވެސް ކަމެއް ނޯންނާނެ ތާ އެވެ.