ބޮލީވުޑް

އޮމަންގެ ބައޮޕިކް ކަރީނާ ދޫކޮށްލައިފި

Aug 15, 2017

މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރު އެންމެފަހުން ފެނިގެން ގޮސްފައިވާ ފިލްމަކީ މިދިޔަ އަހަރުގެ މެދު ތެރޭގައި ނިކުތް "އުޅްތާ ޕަންޖާބް" އިންނެވެ. އެ ފިލްމު ރިލީޒްވުމުގެ ދުވަސްކޮޅެއް ކުރިން ކަރީނާ އާއި އޭނާގެ ފިރިމީހާ އެކްޓަރު ސަައިފް އަލީ ޚާން ވަނީ އެ ދެމަފިރިންގެ ފުރަތަމަ ދަރިފުޅަށް ކަރީނާ ބަލިވެއިން ކަމަށް ބުނެފަ އެވެ.

އެ ފިލްމުގެ ފަހުން ވިހައި ގަދަވަންދެން ކަރީނާ އިތުރު ފިލްމެއްގެ މަސައްކަތް ނުކޮށް ވަނީ ފިލްމުތަކުގެ މަސައްކަތް މަޑުޖައްސާލާފަ އެވެ. ބަނޑުބޮޑުވިއިރު ކަރިނާ ކުޅެން ސޮއިކޮށްފައި އޮތީ އެންމެ ފިލްމެކެވެ. އެއީ ޗިކްފްލިކް ފިލްމު "ވީރޭ ދި ވެޑިން" އެވެ. ކަރީނާ ވިހައިގެން ހަށިގަނޑު ކުރީގައި ހުރި ގޮތަށް ލޫޅާފަތި ކުރެވެން ދެން އެ ފިލްމުގެ ޝޫޓިން އޮތީ ނުފަށައި މަޑުޖައްސާލާފަ އެެވެ.

އަންނަ މަހުގެ ތެރޭގައި އެ ފިލްމުގެ ޝޫޓިން ފަށާއިރު، ކަރީނާ އަށް މިފަހުން ވަނީ "މެރީކޮމް" ގެ ޑައިރެކްޓަރު އޮމަންގް ކުމާރު އުފައްދާ ބައޮޕިކަކުން ވެސް ފުރުސަތު ލިބިފަ އެވެ.

ހަގީގީ ބޮޑު ހާދިސާއެއްގެ މައްޗަށް އުފައްދާ މި ފިލްމު ކަރީނާ އަށް ހުށަހަޅާފައި އޮންނަތާ ދެމަހަށް ވުރެން ގިނަ ދުވަސްވަނީ ވެގެން ގޮސްފަ އެވެ. ކަރީނާ އެ ފިިލްމަށް އާނބަސް ދޭނެ ކަމަށް އެތަކެއް ދުވަހެއް ވަންދެން އޮމަންގް އިންތިޒާކުރުވުމަށްފަހު ވަނީ ފިލްމުގެ ސްކްރިޕްޓާ މެދު އޭނާ ހިތްހަމަނުޖެހޭ ކަމަށް ބުނެ ފިލްމު ދޫކޮށްލާފަ އެވެ.

ފިލްމު ދޫކޮށްލަމުން ކަރީނާ ވަނީ އޮމަންގް ކުރެން އޭނާ ސްކްރިޕްޓާ މެދު ހިތްހަމަނުޖެހޭތީ ފިލްމު ކުޅެދެވެން ނެތް ކަމަށް ބުނެފަ އެވެ.

މި ފިލްމު ކަރީނާ ކުޅެން އެއްބަސްވިނަމަ މިއީ އޭނާގެ ކެރިއަރުގައި ކުޅޭނެ ފުރަތަމަ ބައޮޕިކެވެ.

ކަރީނާ މި ފިލްމު ދޫކޮށްލުމުން އޮމަންގް އަންނަނީ އެ ރޯލު ކުޅެން އެހެން ބަތަލާއެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

"ވީރޭ ދި ވެޑިން" އަށް ފަހު ދެން ކުޅޭނެ ފިލްމެއް ކަރީނާ އަދި ނިންމާފައެއްނުވެ އެވެ. ހަބަރުތައް ބުނާގޮތުން އޭނާ އަށް ގިނަ ފިލްމުތަކަކުން ވަނީ ފުރުސަތު ލިބިފަ އެވެ.

ރީއާ ކަޕޫރާއި އެކްތާ ކަޕޫރު ޕްރޮޑިއުސްކުރާ ފިލްމުގެ ޝޫޓިން އަންނަ މަހުގެ ތެރޭގައި ކަރީނާ އާއި ސޯނަމް ކަޕޫރު އަދި ޝިކާ ޓަލްސާނިޔާ އަދި ސްވަރާ ބާސްކަރް ފެނިގެންދާނެ އެވެ.