ފާރިސް މައުމޫން

ޕާޓީން ވަކިކޮށްފައިވާނަމަ ތަފްސީލު ދޭން ފާރިސް އީސީގައި އެދިއްޖެ

ޕީޕީއެމްއިން ވަކިކޮށްފައިވާނަމަ އެކަމުގެ ތަފްސީލު ދިނުމަށް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން، އިލެކްޝަން ކޮމިޝަން (އީސީ) ގައި މިއަދު އެދިވަޑައިގެންފިއެވެ.

އީސީއިން ވަނީ ޕީޕީއެމްގެ ކައުންސިލްގެ 20 މެންބަރަކު ސޮއިކުރައްވާ އެ ކޮމިޝަނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ފާރިސް ޕީޕީއެމްގެ ދަފްތަރުން އުނިކޮށްފަ އެވެ.

ފާރިސް މިއަދު އީސީގެ ރައީސް އަހުމަދު ސުލައިމާނަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ، ޕީޕީއެމް ވަކިކުރި ހަބަރު އޭނާއަށް ލިބިވަޑައިގަތީ މީޑިއާއިން ކަމަށާއި ޕާޓީން ވަކިކުރިކަމުގެ އެއްވެސް ތަފްސީލެއް ލިބިފައިނުވާ ކަމަށެވެ. އަދި ޕާޓީން ވަކިވުމަށް އަމިއްލައަށް އެދިފައިވެސް ނުވާނެ ކަމަށެވެ.

"އަޅުގަނޑު ޕީޕީއެމްގެ މެންބަރު ކަމުން ވަކިވެއްޖެ ކަމަށް ކަނޑުއަޅުއްވާފައިވާނަމަ އެކަން ހިނގައިދިޔަ ގޮތުގެ ތަފްސީލް ލިޔުމުން އަޅުގަނޑަށް ލިބޭނެ ގޮތް ހައްދަވައި ދެއްވުން އެދި ދެންނެވިން،" ފާރިސްގެ ސިޓީގައިވެ އެވެ.

ފާރިސް ވިދާޅުވީ، އޭނާގެ ނަން ޕާޓީގެ ދަފްތަރުން އުނިކޮށްފައިވާނަމަ އެއީ ގާނޫނާ ހިލާފަށް ކުރައްވާފައިވާ ކަމެއް ކަމަށެވެ.

"ޕާޓީގެ މެންބަރުންގެ ލިސްޓުން އަޅުގަނޑުގެ ނަން އުނި ނުކުރެވޭނެ ކަމަށް ނިންމަވައި ދެއްވުމަށް ވެސް ދަންނަވަން،" ފާރިސް ވިދާޅުވި އެވެ.