އިންޑިއާ

ސަފީރުގެ ހާއްސަ އިންޓަވިއު: "އިންޑިއާ ބޭނުންވަނީ ދިވެހިން ބާރުވެރި ކުރަން"

Oct 20, 2016
2
  • ފަރުދީ ފެންވަރުގައި ގުޅުން ބަދަހި ކުރުން މުހިންމު
  • ދެ ސަރުކާރުގެ ދެމެދުގައި އޮތީ ހަރުދަނާ ގުޅުމެއް
  • ތަރައްގީގައި އިންޑިއާގެ ބައިވެރިވުން އިތުރު ކުރާނެ

ރާއްޖެއާ އެކު ގުޅުން ބަދަހި ކުރުމުގައި އިންޑިއާއިން އިސްކަންދޭނީ ދިވެހިން ބާރުވެރި ކުރުވާނެ ފަދަ ދާއިރާތަކުން ރާއްޖޭގައި މަޝްރޫއުތައް ހިންގުމަށް ކަމަށް އިންޑިއާއިން ރާއްޖޭގައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާ ވިދާޅުވެއްޖެ އެވެ.

"އަވަސް"ގެ އިންގްލިޝް އެޑިޝަނަށް ދެއްވި ހާއްސަ އިންޑަވިއުއެއްގައި އޭނާ ވިދާޅުވީ، ދިވެހި ސަރުކާރާއި އިންޑިއާޔާ ދެމެދުގައި އޮތީ ވަރަސް ހަރުދަނާ ގުޅުމެއް ކަމަށެވެ. އެ ގުޅުން ކުރިއަށް އޮތްތަނުގައި ބަދަހި ކުރުމަށް އިތުރަށް އިސްކަން ދެއްވާނެ ކަން ފާހަގަ ކުރައްވައި މިޝްރާ ވިދާޅުވީ ގުޅުން އިތުރަށް ބަދަހި ކުރަން މިހާރު ބޭނުން ވަނީ، ގްރާސްރޫޓްގެ ފެންވަރުގެ މަސައްކަތްތަކެއް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ރަސްމީ މެންޑޭޓްގެ ތެރެއިން ދެ ގައުމުގެ ކުރާ މަސައްކަތްތަކުގެ އިތުރަށް، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ހަރުދަނާކޮށް ސީދާ ރައްޔިތުންނަށް ފައިދާވާނެ ފަދަ މަޝްރޫއުތަކާއި ޕްރޮގްރާމްތައް ހިންގުމުގެ މުހިންމުކަން ބޮޑެވެ. އެހެންކަމުން އޭނާގެ ހައިކޮމިޝަނަރުކަމުގެ ދައުރުގައި އިސްކަން ދެއްވާނީ ވިޔަފާރި، ތައުލީމް، ސިއްހީ ޓޫރިޒަމް، ސަގާފީ އަދި އައިޓީ ދާއިރާތަކުން ދެ ގައުމުގެ ރައްޔިތުން ގުޅާލަ ދިނުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އިންޑިއާގެ އިގްތިސާދީ މަޝްރޫއުތައް ރާއްޖޭގައި ހިންގުމުގައި، ޕްރައިވެޓް ސެކްޓަރުގެ ބައިވެރިވުން މިހާރަށް ވުރެ ބޮޑު ކުރަން ހައިކޮމިޝަނަރު ގޮވާލެއްވި އެވެ. އަދި އިންޑިއާ އިން ބޭނުންވަނީ ދިވެހިންގެ ލާބަޔަށް އަދި މަންފާއަށް އަދި ރާއްޖޭގެ ތަރައްގީއަށް އެހީތެރިވެދޭނެ ފަދަ މަޝްރޫއުތައް ހިންގުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިފަދަ ކަންކަމުގައި އެންމެ ބޮޑު ފައިދާއެއް ދިވެހިންނަށްވުން މުހިންމީ، އެކަމަށް ޓަކައި ދިވެހިން އެންމެ ބޭނުން ޖެހިފައިވާ ކަންކަން ދެނެގަނެވިގެން. އަޅުގަނޑުމެންގެ ބޭނުމަކީ ހިންގޭ ކޮންމެ މަޝްރޫއަކީ އޭގެން ދިވެހިންނަށް ފައިދާވެ، ވަޒީފާ އުފެދި، އޭގެން ދިވެހިން ބާރުވެރިކުރުވުން. އަޅުގަނޑު ގޮވާލަން ދިވެހި ރައްޔިތުންނަށް އާ އައިޑިއާ ގެނެސް، މިކަމުގައި ޝާމިލްވާން، ހާއްސަކޮށް ޕްރައިވެޓް ސެކްޓަރުން،" މިޝްރާ ވިދާޅުވި އެވެ.

މިޝްރާ ވިދާޅުވީ ރާއްޖޭގައި ހޭދަކުރެވުނު ކުޑަ ދުވަސްކޮޅުގެ ތެރޭގައި ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ޒިޔާރަތް ކުރެވުނު ކަމަށާއި، ގިނަ ދިވެހިންނާއި ބައްދަލުކުރެވިފައިވާ ކަމަށެވެ. މި ދަތުރުތަކުންވެސް އެންމެ ބޮޑަށް ފާހަގަވެގެންދިޔައީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށްދާ ބާރުމިނާއި ދިވެހި ޒުވާނުންގެ ކްރިއޭޓިވިޓީ އާއި ޓެކްނޮލޮޖީއަށް އަހުލުވެރިވެފައިވާ މިންވަރު ކަމަށެވެ. އަދި ރާއްޖެ ދަނީ ތަރައްގީގެ މަގުގައި ކުރިއަށް ކަމަށް ވެސް ހައިކޮމިޝަނަރު ފާހަގަ ކުރެއްވި އެވެ.

"ރާއްޖޭގެ ކޮންމެ ސަރަހައްދަކުން އަޅުގަނޑަށް ފެނިގެންދިޔައީ އިގްތިސާދީ ދުވެލިކުރިއަރާފައިވާ މިންވަރު، ތައުލީމާއި ސިއްހީ ދާއިރާ ރަނގަޅުވަމުންދާ މިންވަރު، އަދި ދިވެހި ޒުވާނުންގެ ހުނަރާއި ކްރިއޭޓިވިޓީ. ދިވެހިންނާއި ގުޅިގެން ދެގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް އެތަށް ފުރުސަތުތަކެއް އަޅުގަނޑަށް ފެނިގެންދިޔަ،" މިޝްރާ ވިދާޅުވި އެވެ.

ކެނެޑާ، ޕެރޫ، އަދި އެފްރިކާގެ ގިނަ ގައުމުތަކެއްގައި މަސައްކަތްކުރައްވާފައިވާ މިޝްރާ ވިދާޅުވީ ރާއްޖެއާއި ދިވެހި ބަހާއިމެދު ހާއްސަ ގަދަރެއް ދެވިފައިވާ ކަމަށެވެ. އެގޮތުން ދިވެހި ބަހުގެ އެކަޑަމީ އާއި ގުޅިގެން، ދިވެހި ބަސް އިތުރަށް ކުރިއެރުވުމަށް މަސައްކަތްތަކެއް މިހާރު ކުރަމުން ގެންދާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
----
އެޑިޓަރުގެ ނޯޓް: މި ހާއްސަ އިންޓަވިއުގެ އެކި ބައިތައް އަދި ތަފްސީލް އިންޓަވިއު، މި ހަފްތާ ބަންދުގައި އަވަސް އިންގްލިޝް އެޑިޝަންގައި ދިވެހި ބަހުން ވެސް ޝާއިއު ކުރަމުން ގެންދާނެ.