ދިވެހި އިންޑިއާގެ ގުޅުން

ކޯޓާ އިތުރުކުރުމުން ދޭހަކޮށްދެނީ ދެގައުމުގެ ގާތް ގުޅުން: ސަރުކާރު

ރާއްޖެއަށް ބޭނުންވާ އަސާސީ މުދާ އެތެރެކުރުމަށް އިންޑިއާ އިން ދީފައިވާ ކޯޓާ އިތުރުކުރުމުން ދޭހަކޮށްދެނީ ދެގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ކަމަށް ދިވެހި ސަރުކާރުން ބުނެފި އެވެ.

ރާއްޖެ އާއި އިންޑިއާއިން އެގްރިމެންޓް އޮން ޓްރޭޑް ކޯޕަރޭޝަންގައި ސޮއިކުރީ 1981 ވަނަ އަހަރު އެވެ. ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ މިއީ މި އެއްބަސްވުމުގެ ދަށުން މިހާތަނަށް ކޯޓާ އެންމެ ބޮޑަށް އިތުރުކުރި ފަހަރު ކަމަށެވެ.

އަސާސީ މުދާ އެތެރެކުރުމަށް އިންޑިއާ އިން ދީފައިވާ ކޯޓާ އިތުރުކުރުމާ ގުޅިގެން ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވަނީ އިންޑިއާ ސަރުކާރާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރަށް ޝުކުރު އަދާކުރައްވާފަ އެވެ.

މިއީ ދެ ގައުމުގެ ޒަމާންވީ އެކުވެރިކަން ދައްކުވައިދޭ ކަމެއް ކަމަށް މޫސާ ޒަމީރު ވިދާޅުވި އެވެ.

ކޯޓާ އިތުރުކުރުމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެއިން އެދިގެން އަސާސީ ތަކެތީގެ ކޯޓާ އިންޑިއާއިން ވަގުތުން އިތުރުކޮށްދިނުމުން ދޭހަކޮށްދެނީ ދެގައުމުގެ ގާތް ގުޅުން ކަމަށެވެ.

މީގެ އިތުރުން ދެ ގައުމުގެ ގުޅުން އިތުރަށް ފުޅާކޮށް ކުރިއެރުވުމަށް ދެގައުމުން ބޭނުންވާކަން އަންގައިދޭ ކަމަށްވެސް ސައީދު ވިދާޅުވި އެވެ.

ރާއްޖެއަށް ބޭނުންވާ އަސާސީ މުދާގެ ކޯޓާ އިތުރުކޮށްދީފައިވާއިރު ރާއްޖެއަށް ބޭނުންވާ އަސާސީ މުދާ ހާއްސަ އަގުތަކެއްގައި ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަންވެސް އިންޑިއާ އިން ދީފައިވެ އެވެ.

އިންޑިއާ އިން ރާއްޖެއަށް އަސާސީ މުދަލުގެ ގޮތުގައި އާންމުކޮށް އެތެރެކުރަނީ ފިޔާ، ހަނޑޫ، ހަކުރު، ފުށް، އަލުވި، ބިސް، މުގެވެ. މީގެއިތުރުން ހިލަ އާއި ހިލަވެލި ރާއްޖެއަށް އެތެރެކުރުމުގައި އިންޑިއާ އިން ހާއްސަ ހުއްދަތަކެއް އަބަދުވެސް ދެއެވެ.

އިންޑިއާއިން ކޯޓާ ދީފައިވާ ގޮތުގެ ތަފްސީލު

  • ހަނޑޫ: 124،000 މެޓްރިކް ޓަނު
  • ފުށް: 109،000 މެޓްރިކް ޓަނު
  • ހަކުރު: 64،000 މެޓްރިކް ޓަނު
  • އަލުވި: 21،000 މެޓްރިކް ޓަނު
  • ފިޔާ: 36،000 މެޓްރިކް ޓަނު
  • ބިސް: 428 މިލިއަން
  • މުގު: 224 މެޓްރިކް ޓަނު
  • ހިލަވެލި: އެއް މިލިއަން މެޓްރިކް ޓަނު
  • ހިލަ: އެއް މިލިއަން މެޓްރިކް ޓަނު

އިންޑިއާ އިން މިފަހަރު އަސާސީ ކާބޯތަކެތީގެ ކޯޓާއަށް ވަނީ ފަސް އިންސައްތަ އިތުރުކޮށްދީފަ އެވެ. އަދި ހިލައާއި ހިލަވެލީގެ ކޯޓާ އެއް މިލިއަން މެޓްރިކް ޓަނަށް އިތުރުކޮށްދިން އިރު މިއީ 25 އިންސައްތައިގެ އިތުރުވުމެކެވެ.