ރާއްޖެ ކުޅިވަރު

ކޮއްޔަ ނަސީމްގެ ރިޕޯޓްކުރުމާއި އޭނާގެ ޑައިރީން ތަންކޮޅެއް

7:45 މިހާރު ގެއިން މިނައްޓާލަނީ. ކާރަށް އަރަނީ. އަޝްފާގަށް ގުޅައިފިން.
8:00 އަހަރެން މިހުރީ ބޮޑުފާލަން ދޮށުގައި. އަޝްފާގް އަދި ނާދޭ.
8:10 އަޝްފާގް އަތުވެއްޖެ. ޕާސްޕޯޓެއްނެތް.
8:15 މިހާރު ފެރީގައި.
8:25 ހުޅުލެއަށް ދެވިއްޖެ. ޕާސްޕޯޓް ނުލިބޭތީވެ އެތެރެއަށް ނުވަދެވިފައި.
8:40 ޕާސްޕޯޓް ލިބިއްޖެ. ޗެކިން ކައުންޓަރުގައި.
10:30 މިހާރު ފްލައިޓަށް އަރަނީ. އަޝްފާގް އެބައިން ކައިރީގައި. ވަރަށް ހެޔޮދުއާ ސަލާމް.

މިއީ ކުއްލިގޮތަކަށް އިއްޔެރޭ ފަަތިހު ނިޔާވި ކޮއްޔަ އަލީ ނަސީމްއާ ބެހޭ ގޮތުން ތަންކޮޅެއްކުރިން އެއްދުވަހެއްގައި އަޅުގަނޑުގެ ރަހުމަތްތެރި ކުރީގެ ގައުމީ ކެޕްޓަން ޝާހު އިސްމާއީލް (ސާޔާ) ކިޔައިދިން ވާހަކަ އެކެވެ. އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީކަމުގައި ޝާހު ހުރި ދުވަސްވަރު އޭނާގެ ކުޑަކުޑަ އޮފީހުގައި އިނދެ ފޯނުގައި ހުރި މެސެޖްތައް ދައްކާފައި މިވާހަކަ ކިޔައިދިނީ ކޮއްޔަ ނަސީމްގެ ބަރާބަރު ވާހަކަ ދައްކަމުންނެވެ. މި މެސެޖްތަކަކީ ގައުމީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ގޮވައިގެން ބޭސްފަރުވާ އަށް ދާން ބުނެފައި ބަރާބަރަށް ޝާހުއަށް ވާނުވާ އަންގަންވާނެ ކަމަށާއި ދަގަނޑޭ ރަނގަޅަށް ބަލަން އެދުމުން އެކަން ރިޕޯޓް ކުރެއްވުމަށް ނަސީމް ކުރެއްވި މެސެޖްތަކުގެ ތެރެއިން ބައެކެވެ.

ޝާހުގެ ބަހުންނަމަ ނަސީމް އަކީ ހަވާލުކުރެވޭ މަސައްކަތް އިހްލާސްތެރިކަމާއެކު ކުރައްވާނެ އިތުބާރު ހިފޭ ބޭފުޅެކެވެ. ދޮގެެއް ނުހައްދަވާނެ އެވެ. ކިރިޔާ ކަމެއްވިޔަސް އެކަމެއް ވަގުތުން ރިޕޯޓް ކުރާނެ އެވެ.

މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން ފުރިހަމަކުރެއްވި ނަސީމް، 59އ. ގެ ހިދުމަތް ދިވެހި ކުޅިވަރުގައި އެންމެ ބޮޑަށް ލިބިފައިވަނީ ފުޓްބޯޅަ އަށެވެ. ހާއްސަކޮށް ކުލަބު ވެލެންސިއާ އަށެވެ. އޭގެ ފަހުން ފުޓްބޯޅަ އެސޯސިއޭޝަނަށެވެ.

ވެލެންސިއާ ހިންގުމުގެ މަސައްކަތްތަކުގެ ތެރެއަށް ނަސީމް ވެދެވަޑައިގެންނެވީ 1980ގެ ތެރޭގަ އެވެ. އޭގެ ފަހުން 2000 ވަނަ އަހަރާ ހަމައަށް ކުލަބު އެކި ކަންކަމުގައި އުޅުއްވިއިރު އޭނާ މައިގަނޑުގޮތެއްގައި އަދާކުރެއްވީ އެސިސްޓެންޓް މެނޭޖަރުގެ ރޯލެވެ. ގައުމީ ފުޓްބޯޅަ ޓީމު 1997 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައި ވާދަކުރިއިރު ވެސް ނަސީމަކީ އެސިސްޓެންޓް މެނޭޖަރެވެ. އިރާނުން ރާއްޖެ ކޮޅަށް 17 ލަނޑު ޖަހައި ރޮއްވާލިއިރާއި އޭގެ ދުވަސްކޮޅެއް ފަހުން ކުޅުނު ފުރަތަމަ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުން ރިހިމެޑަލް ހޯދި ޓީމުގައި މެނޭޖަރުގެ އެހީތެރިއަކީ އޭނާ އެވެ. ނަމަވެސް ރެކޯޑްތަކުގައި ވަނީ ނަސީމަކީ އެއިރުގެ އެސިސްޓެންޓް ކޯޗު ކަމަށެވެ. ލިސްޓު ފޮނުވިއިރު އަރާފައިވާ އޮޅުމަކާ ހެދިގެންނެވެ.

އޭގެ ފަހުން ޖޫނިއާ ގައުމީ ޓީމުތަކުގައި އޭނާގެ ދައުރު ވަރަށް ބޮޑަށް އޮތެވެ. ނަސީމްއާ އެކު މަސައްކަތްކުރެއްވި އެއް ބޭފުޅަކު ވިދާޅުވީ އަބަދުވެސް ވަރަށް އެކުވެރިކޮށް އުޅުއްވާ ނަސީމް ހީނުކުރާ ކަހަލަ މަޖާކަންތައްތައް ވެސް ކުރައްވާ ކަމަށެވެ.

"އެއްފަހަރު ދިމާވި ކަމަކީ މުބާރާތަށް ދިޔައިރު ގައުމީ ސަލާމެއްނެތް. ދެން އޭއެފްސީ މީހުން ބުނެފި ޖޫރިމަނާވާނެއޭ. ދެން ކޮއްޔަ ބުނެފި އެކޮޅުގެ އެފްއޭ މީހުން ގާތުގައި މާބޮޑު ކަމެއްނޫނޭތިއީ. މެޗު ފަށަންވާއިރަށް ގައުމީ ސަލާމް އޮންނާނެއޭ. އަހަރުމެން ވެސް ހިތަށް އެރި ކިހިނެތްހޭ މިހާ އަވަހަށް ގައުމީ ސަލާމް ހޯދާނީ. އޭނާ ކުރި ކަމަކީ ޕްރެކްޓިހަށްފަހު ދެތިން ކުދިން އެއްކޮށްފައި އެކުދިން ލައްވައި ގައުމީ ސަލާމް ކިޔުއްވައި އޭނާ ގެންގުޅޭ ޓޭޕް ރެކޯޑަރަކުން ރެކޯޑްކުރީ. އެހިފައިގެންގޮސް ދީފައި ބުނީ މިއޮތީއޭ. އެއްވެސް ކަމެއް ފޭލްވާން އޭނާ ބޭނުންނުވާކަން އެއިން އެނގުނީ،" ރާއްޖޭގެ މަޝްހޫރު ކޯޗަކު ކިޔައިދިނެވެ.

ނަސީމް އެންމެ ފާހަގަ ކުރެވެނީ އަބަދުވެސް އޮންކޯލްގައި ހުންނަވާތީ އެވެ. ގަޑިން ގަޑިއަށް ކަންކަން ނިންމަވާތީ އެވެ. އެންމެނާ ވެސް ގުޅޭނެ އެވެ. ހާއްސަކޮށް ކޮންމެ ކަމެއް އޭނާ ނޯޓް ފޮތުގައި ބަރާބަރަށް ގަޑިންގަޑިއަށް އަބަދުވެސް ނޯޓްކުރައްވާނެ އެވެ. އެކަމަށް ހާއްސަ ފޮތަކާއި ގަލަމެއް ވެސް ޖީބުގައި އޮންނާނެ އެވެ.

ވަރަށް ފަހުން ދުވަހަކު އެފްއޭއެމަށް ދިޔައީމެވެ. މަގުމަތިން ބައްދަލުވި އެވެ. ސަލާމްކޮށްލާފައި ބޮޑޭ ކޮބާތޯ އެހުމުން ވަގުތުން ނެގީ ޖީބުގައި އޮތް ކުޑަކުޑަ ފޮތެވެ. އޭގައި ލިޔުނީ އަޅުގަނޑާ ބައްދަލުވި ވާހަކަ އާއި ބޮޑޭ ހޯދަން އުޅުނުކަމެެވެ. ބޮޑޭ ނެތްކަމަށް ބުނުމުން އެފްއޭއެމާ ދިމާއަށް ހިނގައިގަތުމުން ތިދަނީ ކޮންތާކަށްހޭ ވެސް އެހި އެވެ. ޝަކީބުގާތަށޭ ބުނުމުން އެވާހަކަ ވެސް ފޮތުގައި ނޯޓްކުރިހެން ހީވި އެވެ.
އޭގެ ދެތިން ދުވަސް ފަހުން ކޯޗު ލާސްކޯ ކިސްއާ އެކު އެއްދުވަހު ހަވީރު ޖީސިކްސްގައި އިންދައި ނަސީމްއާ ދިމާވި އެވެ. ވާހަކަ ދައްކާލުމުން ވަގުތުން ފޮތް ނަގައި ނޯޓްކޮށްލި އެވެ. އެތާކައިރީގައި ތިބި މީހުންގެ ނަމާއި ގަޑިވެސް ޖެހި އެވެ.

ނަސީމްއާ ބެހޭ ގޮތުން ކުޅިވަރުގެ ގައުމީ މަޖިލީހުގެ ރައީސް އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ކުރީގެ ރައީސް އިބްރާހީމް އިސްމާއީލް ވިދާޅުވީ "އެއީ އެންމެންގެ ލޯބި ވެސް ހޯއްދެވި ވަރަށް ބަރާބަރު ބޭފުޅެއް،" ކަމަށެވެ.

"ކުޅިވަރަށް ލޯބިކުރާ އެންމެން ވެސް އޭނާގެ މަތިން ހަނދާންވާނެ. ހާއްސަކޮށް ފުޓްބޯޅައިގެ މީހުންނަށް ގެއްލިގެންދިޔައީ މުހިންމު ބޭފުޅެއް،" އިބްރާހީމް އިސްމާއީލް ވިދާޅުވި އެވެ.

ވެލެންސިއާ ހިންގެވުމުގައި ވަރަށް ފަހަކާ ޖެހެންދެން ވެސް މުހިންމު ދައުރެއް އަދާކުރެއްވި އަހުމަދު މުހައްމަދު (ދޮނާ) ވިދާޅުވީ ނަސީމް އަކީ ފުޓްބޯޅައިގެ އިހްލާސްތެރި ހިދުމަތްތެރިއެއް ކަމަށެވެ.

"އަބަދުވެސް އެހަވާލުކުރެވޭ ކަމެއް ބަރާބަރަށް ކުރާނެ. އެކަމެއްގެ ރިޕޯޓް ވަރަށް ބަރާބަރަށް ދެއްވާނެ. އެއްވެސް ކަމެއް ވައްޓާނުލައްވާނެ،" ދޮނާ ވިދާޅުވި އެވެ.

މިހެންވެ ޝާހު ފަދަ ބޭފުޅުންނަށް ނަސީމް އަކީ މުހިންމު ބޭފުޅެކެވެ. އެފްއޭއެމުގައި ޝާހު އުޅުއްވިއިރު ނަސީމް މަސައްކަތްކުރެއްވީ އޭނާގެ ޕާސަނަލް އެސިސްޓެންޓެއް ފަދައިންނެވެ. މިކަން އަޅުގަނޑަށް ތަޖުރިބާ ކުރެވުނީ 2011 ވަނަ އަހަރު އެވެ. އެއަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ދާން ޓިކެޓް ލިބޭނެ ގޮތެއް ނެތުމުން އެކަން ހަމަޖައްސަވައިދެއްވީ ޝާހު އެވެ. އޭނާގެ ފަރާތުން އަޅުގަނޑު ގޮވައިގެން ޓިކެޓް އޮފީހަށް ދިޔައީ ވެސް ނަސީމް އެވެ. ހުރިހާ އިހްތިޔާރަކާއި ބާރެއް އޮތީ ނަސީމް އަށް ދޫކޮށްލާފަ އެވެ.

"މިހުރީ ހުރިހާ އެއްޗެއްވެސް. މި އޮތީ ކާޑު. މި އޮތީ ސްޓޭމްޕް. މަހުރިހާ ކަމެއް ވެސް ކުރާނީ ޝާހު ބުނީމަ،" އެދުވަހު އަޅުގަނޑު ސުވާލުކުރުމުން ނަސީމް ވިދާޅުވި އެވެ.

އިރުއިރުކޮޅާ ނޯޓްކުރަނީ ކީއްވެތޯ އެހުމުން ވިދާޅުވީ "ހަނދާން ނެތިއްޖެނަމަ ނުވަތަ އޮޅުމެއް އަރައިފިނަމަ ފޮތް ބަލާލީމާ އެނގޭނެ،" ކަމަށެވެ.
ދަގަނޑޭ ގޮވައިގެން ލަންކާ އަށް ގޮސް ބޭސްފަރުވާގެ ކަންތައްތައް ވެސް އޭނާ ބަރާބަރަށް ރިޕޯޓް ކުރި އެވެ. ޝާހު ދެއްކި މެސެޖްތަކުގައި ލިޔެފައި އޮތީ މިހެންނެވެ.

• މިހާރު ހޮސްޕިޓަލުގައި. ޑޮކްޓަރު އަދި ނާދޭ.
• ޑޮކްޓަރު އަތުވެއްޖެ. އަޝްފާގް އެތެރެއަށް ވަދެއްޖެ. މަނުވެއްދި.
• އަޝްފާގް ނުކުމެއްޖެ. އަހަރެން ގާތުގައި އެއްވެސް ވާހަކައެއް ނުބުނި.

މެސެޖް ކުރުމުގެ އިތުރަށް މިއިން ކޮންމެ ކަމަކީ އޭނާގެ ޑައިރީގައި ބަރާބަރަށް ލިޔެ ރައްކާކުރާ ވާހަކަތަކެވެ. އެޑައިރީ ނުފެނުނަސް ރިޕޯޓްކޮށްފައިވާ ވާހަކަތަކާއި ހަނދާންތައް ފުޓްބޯޅަ އާއިލާގެ ސިނކުޑިތަކުގައި ޒަމާންތަކަކަށް ދެމިހުންނާނެ އެވެ. ނަސީމަށް ސުވަރުގޭގެ މަތިވެރި ނިއުމަތްދެއްވުން އެދި ދުއާ ދަންނަވަމެވެ.