ވިޔަފާރި

އެލިޔާ އިން އިޖުތިމާއީ ޒިންމާގެ ނަމޫނާ ދެއްކުމުގެ އަޒުމުގައި

ރާއްޖޭގެ އަމިއްލަ ގިނަ ކުންފުނިތަކާ ހިލާފަށް އެލިޔާއަކީ އިޖުތިމާއީ ޒިންމާ އަދާކުރުމުގެ މިސާލެކެވެ. އެ ކުންފުނިން މި ޒިންމާގެ ދަށުން މުޖުތަމައަށް ގިނަ ކަންތައްތަކެއް ކޮށްދެމުން ދާއިރު އިތުރު އެތައް ކަމެއް ކޮށްދިނުމަށް ވަނީ އަޒުމް ކަނޑައަޅާފަ އެވެ.

"އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި އެލިޔާ އިންވެސްޓްމަންޓުގެ މެނޭޖިން ޑިރެކްޓަރު އަލާއު އަލީ ވިދާޅުވީ އެ ކުންފުނި އުފެދުނުތާ 50 އަހަރު ފުރުން ފާހަގަ ކުރަމުންދާއިރު، އެ ކުންފުނިން އަބަދުވެސް އިޖުތިމާއީ ޒިންމާ އަދާކުރުމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭ ކަމަށެވެ. މި ކަމަކީ އެލިޔާގެ ފައުންޑާ އަދި އަލާއުގެ ބައްޕާފުޅު (އެލިޔާ އަބްދުﷲ) ވަރަށް ބޮޑު އިސްކަމެއް ދެއްވި ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޯޕަރޭޓް ސޯޝަލް ރެސްޕޯންސިބިލިޓީ (ސީއެސްއާރު) އަކީ ވެސް ބައްޕަގެ ފަރާތުން އައިކަމެއް. އެއިރު ސީއެސްއާރު އެކްޓިވިޓީއެކޭ ނުކިޔާ. ކޮންމެ ވެސް ކަހަލަ އެހީއެއް ވާނެ. ބައްޕަ ނިޔާވީމަ މި އެނގުނީ ބައްޕަ ވެފައި ހުރި އެހީ. އެއިރަކު ނުދައްކާނެ ބައްޕަވެފައި ހުރި އެހީގެ ވާހަކަ އެއް. އަބަދުވެސް އައިސް ކޮންމެ ވެސް މީހަކު ބުނޭ ބައްޕަ ހާދަ ރަނގަޅޭ، މިވެނި ކަމެއް ބައްޕަ ކޮށްދީފައޭ އޮތީ. އަޅުގަނޑުމެން ވެސް ތިބީ ހައިރާންވެފައި. އެ ވާހަކަތައް ނުވެސް ކިޔައިދެއްވާ،" އަލާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުންފުނިތަކުން މިހާރަށް ވުރެ ބޮޑަށް އިޖުތިމާއީ ޒިންމާއަށް އިސްކަން ދޭން ޖެހެ އެވެ.

"އެހެން ވިޔަފާރިވެރިންނަށްވެސް ބޭނުންވަނީ ގޮވާލަން މިކަން ހިނގާށޭ ތަންކޮޅެއް ބޮޑަށް ކުރަން. ކަންބޮޑުވެފައި ހުރި ކަންތައްތަކުން އެލިޔާއިން ކޮށްދެވެން ހުރީ ކޮންކަންތަކެއްތޯ؟ އަޅުގަނޑު މި ފާހަގަ ކުރަނީ އެލިޔާއަކީ އެންމެ މުއްސަނދި ކުންފުންޏެއް ނޫނޭ. ނަމަވެސް ބޭނުންވޭ ކުރެވޭ މިންވަރަކަށް ކޮށްދޭން،" އަލާއު ވިދާޅުވި އެވެ.

އިޖުތިމާއީ ޒިންމާގެ ދަށުން އެލިޔާއިން ކޮށްދިނުމަށް ނިންމާފައިވާ ބައެއް ކަންތައްތަކުގެ ތެރެއިން ރ. އުނގޫފާރު ހޮސްޕިޓަލަށް ބޭނުންވާ ބައެއް ސިއްހީ ސާމާނު މިހާރު ވަނީ ހަދިޔާކޮށްފަ އެވެ. މީގެ އިތުރުން ސިއްހީ ދާއިރާގައި ބޭނުން ކުރުމަށް ތައްޔާރު ކުރަމުން ގެންދާ ސީ-އެމްބިއުލާންސްގައި އެޅުމަށް ޔަމަހާ 200 ހޯސްޕަވަރުގެ ދެ އައުޓްބޯޑް އިންޖީނާއި އޭގެ އާފްޓަސޭލް ސާވިސް ހިލޭ ދިނުމާއި މާލޭގެ ބަނދަރު ސާފު ކުރުމަށް އިންޖީނާ އެކު ކުޑަ ދެ ޑިންގީ ދިނުން ހިމެނެ އެވެ. މީގެ އިތުރުން ޕަބްލިކު އިންފްރާސްޓަކްޗާގެ ގޮތުގައި ބޭނުން ކުރަމުން ގެންދާ ބައެއް ތަންތަން މިހާރުވެސް ދަނީ ހިލޭ މަރާމާތު ކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ކޯސްޓް ގާޑަށް ދެ އިންޖީނެއް އެލިޔާއިން ދީފައިވެ އެވެ. އަދި ކޮންމެ އަހަރު އެއް ފަހަރު ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ހިންގުމަށް ވަނީ ނިންމާފަ އެވެ. މީގެ އިތުރުން އެ ކުންފުނިން ވަނީ މާލޭގައި ހިތްފަސޭހަ ކޮށްލުމަށް ޕާކެއް ހެދުމަށް ސަރުކާރަށް ޕްރޮޕޯސަލެއް ވެސް ހުށަހަޅާފަ އެވެ.

އަލާއު ވިދާޅުވީ މި ޕާކު ހަދަން ވިސްނުން ހުރީ އެސްޓީއޯ ހެޑް އޮފީހާއި މާފަންނު މަދަރުސާއާ ދެމެދުގައި އޮންނަ ހުސްބިމުގައި ކަމަށާއި، މި ޕާކަކީ ވިޔަފާރި އުސޫލުން ހިންގާނެ ތަނެއް ނޫން ކަމަށެވެ. އަދި އެ ކުންފުނިން ހިލޭ ސާބަހަށް މިޕާކު ހަދައިދީ މަރާމާތު ކޮށްދޭނެ ކަމަށާއި ޕާކު ހެދުމަށް 2.5 މިލިއަން ރުފިޔާވަރު އިންވެސްޓް ކުރުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮންމެ މީހަކަށް ރިސޯޓަކަށް ނޫނީ ރާއްޖޭން ބޭރަކަށް ނުދެވޭނެ. އެހެންވެ ބޭނުންވަނީ ރިލެކްސްކޮށްލަން މަޑުކޮށްލެވޭނެ ޕާކެއް ހަދަން. މިހާރު ޒުވާނުން ނަށް ކުޅެލާ ހަދާނެ ތަންތަން އެބަހުރި. އެކަމަކު ކޮންތަނެއްތޯ މާލޭގައި ހުރީ ކުޑަކުދިން ބިރެއް ނެތި ދޫކޮށްލެވޭނެ. ބޯޅައަކުން ޖެހިދާނެތީ ބިރެއް ނެތި. ބޭނުންވަނީ ކުދިން މަޖާކޮށްލާނެ ތަނެއް ހަދައިދޭން،" އަލާއު ވިދާޅުވި އެވެ. މި ޕާކު ވެގެންދާނީ އުމުރުން ދުވަސްވީ މީހުންނަށް ވެސް ގޮސް މަޑުކޮށްލެވޭ ފަދަ ތަނަކަށް ކަމަށް އަލާއު ވިދާޅުވި އެވެ.