ރާއްޖެ ކުޅިވަރު

ރެލިގޭޝަނުން ސަލާމަތްވުމަށް ނިއު، ވެލެންސިއާ، ވިކްޓަރީ ފޯރިގަދަ ކުރިމަތިލުމަކަށް

ރާއްޖޭގެ އެންމެ ބޮޑު ތިން ޓީމު ކަމަށްވާ ނިއުރޭޑިއަންޓާއި ވެލެންސިއާ އަދި ވިކްޓަރީ ކުރެ އެއް ޓީމު ރެލިގޭޝަންގައި ވާދަކުރަންޖެހޭނެކަން ޔަގީންވެ، މިއަދާއި މާދަމާ ފޯރިގަދަ މެޗުތަކެއް ކުޅެން ޖެހިއްޖެ އެވެ.

އުރީދޫ ދިވެހި ޕްރެމިއާ ލީގުގެ އެންމެ ފަހު ހަތަރު މެޗުގެ ކުޅުން ވިކްޓަރީ އާއި ބީޖީގެ މެޗުން މިއަދު ހަވީރު ފަށާއިރު ބީޖީ ވަނީ ދެ ވަނަ ޑިވިޝަނަސް ރެލިގޭޓްވެފަ އެވެ. އެއީ އަށް ޓީމު ވާދަކުރާ ލީގުގެ ފުލަށް ދިއުމުންނެވެ.

ދެން އޮތީ ޕްލޭއޯފް ކުޅެން ޖެހޭ މެޗެކެވެ. ދެ ވަނަ ޑިވިޝަނުގެ ފައިނަލުން ބަލިވާ ޓީމަކާއެކު ފުރަތަމަ ޑިވިޝަނުގެ ޖާގަ ޔަގީންކުރަން ޕްލޭއޯފް ކުޅެން ޖެހޭނީ ދިވެހި ލީގުގެ ހަތްވަނަ އަށް ދާ ޓީމެވެ. އެޓީމަކަށްވާނީ ރާއްޖޭގެ ފުޓްބޯޅައިގައި މިހާތަނަށް ރަސްކަންކުރި ނިއު އާއި ވެލެންސިއާ އާއި ވިކްޓަރީކުރެ ކޮންމެވެސް އެއް ޓީމެކެވެ.

މިތިން ޓީމު ކުރެ މިވަގުތު އެންމެ ކުރީގައި އޮތީ 20 ޕޮއިންޓާއެކު ވެލެންސިއާ އެވެ. އެ ޓީމު ފަސް ވަނާގައި އޮތީ ނިއުރޭޑިއަންޓާ ޕޮއިންޓްގެ ގޮތުން ހަމަހަމަވެ ފައިދާ ގޯލުން ކުރި ލިބޭތީ އެވެ. ޕްލޭއޯފް ކުޅެން ޖެހޭ މަގާމުގައި މިވަގުތު ވިކްޓަރީ ހަތް ވަނާ އޮތީ 19 ޕޮއިންޓާއެކުގަ އެވެ.

ވިކްޓަރީ އާއި ބީޖީ މިއަދު ކުޅޭ މެޗަށްފަހު ނިއުރޭޑިއަންޓް މިރޭ ނުކުންނާނީ 23 ޕޮއިންޓާއެކު ހަތަރުވަނާގައިވާ ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށެވެ. ޗެމްޕިއަން މާޒިޔާ އާއި ޓޭބަލުގެ ތިން ވަނާގައިވާ އީގަލްސް، މާދަމާ ރޭ ލީގު ނިންމަން ކުޅޭ މެޗުގެ ކުރިން މާދަމާ ހަވީރު ވެލެންސިއާ ނުކުންނާނީ ދެ ވަނާގައިވާ ޓީސީއާ ދެކޮޅަށެވެ.

މި މެޗުތަކަށް ބަލާއިރު ރެލިގޭޝަނުން ސަލާމަތްވުމުގެ ފުރުސަތު އެންމެ ބޮޑު ކަމަށް ފެންނަނީ ވިކްޓަރީ އަށެވެ. ބީޖީ އަތުން ވިކްޓަރީ މޮޅުވެއްޖެނަމަ ނިއު އާއި ވެލެންސިއާ އަށް ޕްލޭއޯފް ނުކުޅެ ސަލާމަތްވެވޭނީ އެ ދެ ޓީމު ކުޅެންޖެހޭ މެޗުތަކުން މޮޅުވެގެން އެކަންޏެވެ.
މި ތިން ޓީމުގެ ފޯމަށް ބަލާއިރު މިވަގުތު އެންމެ ރަނގަޅު ފޯމެެއްގައި އޮތީ ވެސް ވިކްޓަރީ އެވެ. ވަރަށް އާދައިގެ ޓީމެއް އޮތް ނަމަވެސް ހަންގޭރީގެ ކޯޗު ލާސްލޯ ކިސް ހަވާލުވި ފަހުން މަޑުމަޑުން ރަނގަޅު ކުރަމުން އައިސް ވިކްޓަރީ މިހާރު އޮތީ ޕީކްގަ އެވެ. ކުޅުންތެރިންގެ އިތުބާރާއި ޔަގީންކަން ވެސް ބޮޑެވެ.

އަވަސް އަވަހަށް ކޯޗުން ބަދަލު ކުރަން ޖެހުނު ނަމަވެސް މެދުފަންތީގެ ޓީމެއް އޮތް ނިއު ވަނީ އާދައިގެ ނަތީޖާތަކެއް ނެރެފަ އެވެ. ހީނުކުރާ މެޗުތަކަކުން މޮޅުވެފައިވާއިރު މޮޅުވާނެ ކަމަށް ލަފާކުރެވުނު މެޗުތަކުން ނިއުއަށް ކާމިޔާބު ހޯދިފައިނުވެ އެވެ. ނަމަވެސް މުހިންމު މެޗުތަކުގައި ނިއުގެ ކުޅުންތެރިން ވަރަށް ހިތްވަރުކުރާތަން ފެނެ އެވެ. މިހެންވެ ޕްލޭއޯފުން ސަލާމަތްވާން އެމީހުން ކަށިން ހިތްވަރުނެރޭނެ ކަމަށް ބެލެވެ އެވެ.

އެންމެ އުނދަގޫ މަރުހަލާއެއް އޮތީ ވެލެންސިއާ އަށެވެ. މޮޅު ކުޅުންތެރިން ތިބި ނަމަވެސް ވެލެންސިއާ އޮތީ މުޅީން ފޯމު ގެއްލިފަ އެވެ. ތިން ވަނަ ބުރުގައި މިހާތަނަށް ކުޅުނު ހަ މެޗުގެ ތެރެެއިން އެންމެ ފަހުން ކުޅުނު ފަސް މެޗުން ވެސް ބަލިވީ އެވެ. މި ބުރުގައި ލިބުނު ހަމައެކަނި ޕޮއިންޓަކީ ފުރަތަމަ މެޗުގައި ވިކްޓަރީއާ އެއްވަރުކޮށްގެން ލިބުނު ޕޮއިންޓެވެ. އަނެއްކޮޅުން ޓީސީ އަށް ވެސް މި މެޗަކީ މޮޅުވާން މަޖުބޫރު މެޗެކެވެ. އެއީ އަންނަ އަހަރުގެ އޭއެފްސީ ކަޕުގެ ޖާގައެއް ހޯދަން ލީގުގެ ދެ ވަނަ މަގާމު ކަށަވަރުކުރުން މުހިންމުވާތީ އެވެ.

ޓީސީ އަށް މިވަގުތު ލިބިފައިވަނީ 39 ޕޮއިންޓެވެ. ތިން ވަނާގައިވާ އީގަލްސް އޮތީ 38 ޕޮއިންޓާއެކުގަ އެވެ. މިހެންވުމުން އީގަލްސް އަށް ދެ ވަނަ އަށް އެރޭނެ ހުރިހާ ދޮރެއް ބަންދުކުރެވޭނީ ވެލެންސިއާ އަތުން ޓީސީ މޮޅުވެގެންނެވެ. ލީގު ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް މާޒިޔާ ކަށަވަރުކޮށްފައިވަނީ މިހާތަނަށް 44 ޕޮއިންޓް ހޯދައިގެންނެވެ.