- ސައުންޑްސް އޮފް މޯލްޑިވްސް އޮތީ ފެބްރުއަރީ މަހު
- ޑީއާރުޓީ ޝޯވްއަކީ ޓޫރިޒަމްގެ ބޮޑު އިވެންޓެއް
- ބާއްވަނީ ރާއްޖެ އިޝްތިހާރު ކުރުން ހިމަނައިގެން
މި އަހަރުގެ ޑިސެމްބަރު މަހު ބެންކޮކްގައި ކުރިން ބާއްވަން ހަމަޖައްސާފައިވާ، ސައުންޑްސް އޮފް މޯލްޑިވްސް، އަންނަ އަހަރުގެ ފެބްރުއަރީ މަހު ސިންޕޫރުގައި އޮންނަ ޑައިވް ރިސޯޓު ޓްރެވަލް (ޑީއާރުޓީ) އެކްސްޕޯގައި ބާއްވާ ގޮތަށް ރިޝެޑިއުލް ކޮށްފި އެވެ.
ޑީއާރުޓީ އެކްސްޕޯއަކީ ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ބާއްވާ ޓޫރިޒަމް ފެއާއެކެވެ. މި ފެއާގެ ތެރޭގައި ރާއްޖޭގެ "ސައުންޑްސް އޮފް މޯލްޑިވްސް 2017" ބާއްވަން ނިންމައި، މިހާރު ވަނީ ސިންގަޕޫރު ޑައިވް އެކްސްޕޯ ސައިޓުގައި ވެސް ހިމަނާފަ އެވެ. ސައުންޑްސް އޮފް މޯލްޑިވްސް ބާއްވަނީ ފެބްރުއަރީ މަހު 24-26 އަށް ސިންގަޕޫރުގެ ސަންޓެކް ސީޓީގަ އެވެ.
ސައުންޑްސް އޮފް މޯލްޑިވްސް އިންތިޒާމު ކުރާ، ހައިރައިޒްގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ޝިފާޒު (ސިއްޕެ) ވިދާޅުވީ ސައުންޑްސް އޮފް މޯލްޑިވްސް ޑީއާރުޓީގެ ބައެއްގެ ގޮތުގައި ބާއްވަނީ ރާއްޖޭގެ އިޝްތިހާރު ކުރުމަށާއެކު، ދިވެހި މިއުޒިކީ ހުނަރު ބޭރު ދުނިޔެ އަށް ދައްކާލުން ކަމަށެވެ.
އޭނާ ވިދާޅުވީ ޑީއާރުޓީ އެކްސްޕޯގައި އޮންނަ ސައުންޑްސް އޮފް މޯލްޑިވްސް ބޭއްވުމަކީ ބޮޑު ކުރިއެރުމެއް ކަމަށެވެ.
ޑީއާރުޓީ އެކްސްޕޯއަކީ ހޮންކޮންގާއި ޝަންހާއީ އަދި ބެއިޖިންގައި ވެސް ބާއްވާފައިވާ ބޮޑު ފެއާ އެކެވެ. އަންނަ އަހަރުގެ ޖެނުއަރީ މަހު ބާއްވަނީ މީގެ ހަތްވަނަ ފެއާ އެވެ. މިފެއާގައި 150 އެގްޒިބިޓަރުން ބައިވެރިވެ އެވެ.
ސައުންޑްސް އޮފް މޯލްޑިވްސް އިންތިޒާމުކުރާ ހައިރައިޒްއިން ބުނީ އެމްއެމްޕީއާރުސީން އެންޑޯޒްކޮށްފައިވާ "ސައުންޑްސް އޮފް މޯލްޑިވްސް" އިވެންޓުގައި 20-25 ކުންފުނިން ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. މި އަހަރުގެ ޝޯވްގައި ޓޫރިޒަމް ކުންފުނިތަކަށް ބައިވެރިވުމުގެ ފުރުސަތު ލިބޭއިރު، މި ޝޯވްގައި މިހާތަނަށް އައިޓަމްތައް ހުށަހަޅައިދޭން ނިންމާފައިވާ މިއުޒިކީ ފަންނާނުންގެ ތެރޭގައި ސޯލޯ އާޓިސްޓް ރިޝްވާން (ރިއްޓެ) އާއި ޑީޖޭ އަލީ ފަޒީލް (ޑީޖޭ އަލީ) ސައުންޑްސް އޮފް މޯލްޑިވްސްއިން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ތައާރަފުވި، މަރިޔަމް އުނޫޝާ (ކިޑީ) ވެސް ހިމެނެ އެވެ.
މީގެ އަހަރެއް ކުރިން ފެށިގެން ބާއްވަމުން އަންނަ "ސައުންޑްސް އޮފް މޯލްޑިވްސް" ޝޯތައް މާލެއާއި ސްރީލަންކާގެ ވެރިރަށް ކޮލަމްބޯ އަދި މެލޭޝިޔާގެ ވެރިރަށް ކުއަލަލަންޕޫރާއި ދުބާއީ އަދި ބެންގްލޫރުގައި ވެސް ބާއްވާފައިވެ އެވެ.