ރާއްޖެ އައި ބޮލީވިއާ އަންހެނެއްގެ ފޮށިތަންމަތީގައި ރައްކާކޮށްގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފި އެވެ.
ކަސްޓަމްސް އިން ބުނީ މިދިއަ ހޯމަ ދުވަހު ބްރެޒިލް އިން ރާއްޖެ އައި ބޮލީވިއާ އެ އަންހެންމީހާގެ އަމަލުތައް ހުރި ގޮތުން އެއާޕޯޓްގެ ޕެސެންޖާ ކްލިއަރެންސްގެ އޮފިސަރުންނަށް ޝައްކުވެގެން އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި އޭނާގެ ފޮށިތަންމަތިން 2.153 ކިލޯގެ މަސްތުވާތަކެތި ފެނުނު ކަމަށެވެ. އަދި އެތަކެތި ތަހުލީލު ކުރިއިރު ވަނީ މަސްތުވާ ތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިންއަށް ޕޮޒިޓިވްވި ކަމަށެވެ.
މިހާތަނަށް ފާހަގަ ކުރެވިފައިވާ ގޮތުގައި މިތަކެއްޗަކީ ސީދާ ރާއްޖެއަށް އެތެރެކުރުމުގެ ބަދަލުގައި އެހެން ގައުމަކަށް އެތެރެކުރަން މަސައްކަތް ކުރަމުން ދިޔަ ތަކެއްޗެވެ. މި ކޭސްގައި ރާއްޖެ ބޭނުން ކޮށްފައިވަނީ ޓްރާންސިޓް ޕޮއިންޓެއްގެ ގޮތުގަ އެވެ.
މި މީހާއާއި އަތުލައިގަނެވުނު މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށްދަނީ މި މައްސަލަ އިތުރަށް ތަޙްޤީގް ކުރައްވަމުންނެވެ.