ޝާހްރުކް ހާން

"ރައީސް"ގައި މާހިރާ އާއި ޝާހްރުކުގެ ޝޫޓިންތައް ސިއްރު ތަނެއްގައި!

Oct 23, 2016

ޕާކިސްތާނުގެ މަޝްހޫރު ބަތަލާ މާހިރާ ޚާން، ސުޕަސްޓާ ޝާހްރުކް ޚާން އާއެކު "ރައީސް" އިން ބޮލީވުޑަށް ތައާރަފުވާނެ އެވެ.

ނަމަވެސް އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ޖެހިގެން އުޅޭ މައްސަލައިގެ ސަބަބުން ޕާކިސްތާނުގެ އެކްޓަރުން އިންޑިއާއިން ބޭރުކޮށް އެމީހުންް އުޅޭ އެއްވެސް ފިލްމެއް އެ ގައުމުގައި ރިލީޒްވިޔަ ނުދޭނެ ކަމަށް އިންޑިއާގެ ސިޔާސީ ޕާޓީތަކުން ބުނެފައިވާއިރު "ރައީސް" ގެ ބައެއް މަންޒަރުތައް އަދިވެސް ނަގާ ނުނިމެ އެވެ.

މި ފިލްމުގެ ބަތަލާގެ ރޯލުން މާހިރާ ފެނިގެންދާއިރު، ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހު އެވެ.

ރިލީޒް ކުރާ ދުވަސް ކައިރިވަމުން އަންނަ މި ފިލްމާ އެއްދުވަހެއްގައި ރިތިކް ރޯޝަންގެ "ކާބިލް" ވެސް ރިލީޒްވާއިރު މި ފިލްމުގެ ޝޫޓިން މިހާ ދުވަސްވީ އިރުވެސް ނުނިމި އޮތުމަކީ ފިލްމު އުފައްދާ ފަރާތުގެ އެންމެ ބޮޑު ކަންބޮޑުވުމެވެ.

ބޮލީވުޑްގެ އެންމެ ފަހުގެ ހަބަރުތައް ބުނާ ގޮތުން "ރައީސް" އުފައްދާ ފަރާތުން ވަނީ ފިލްމުގެ ބަތަލާގެ ރޯލުން މާހިރާ ވަކި ނުކުރަން ނިންމައި ފިލްމުގެ ނުނެގި ހުރި މަންޒަރުތައް މާހިރާ އާއެކު ސިއްރު ތަނެއްގައި ނަގައި ނިންމުމަށް ނިންމާފަ އެވެ.

އެގޮތުން މާހިރާ މި ފިލްމުން ބޭރުކޮށް ބަތަލާގެ ރޯލަށް މުޅިން އައި ތަރިއެއް ގެނައުމަކީ ބޮޑު ހަރަދެއް ހިނގާނެ ކަމަކަށްވުމާއެކު ޕްރޮޑިއުސަރު ރިތޭޝް އަދްވާނީ އާއި ފަރްހާން އަޚްތަރު އަދި ބަތަލުގެ ރޯލުން ފެނިގެންދާ ޝާހްރުކް އާއި ޑައިރެކްޓަރު ރާހުލް ދޯލާކިޔާ އުންމީދު ކުރަނީ މި ފިލްމު އަންނަ ޖެނުއަރީގައި ރިލީޒްކުރަން ވާއިރަށް ހުރިހާ ކަމެއް ހަމަޖެހި ދެގައުމުގެ ސިޔާސީ މަސްރަހު މަޑުވާނެ ކަމަށެވެ.

މާހިރާ މި ފިލްމުގެ ކުޅެނީ އުމުރުން 18 އަހަރުން ފެށިގެން 35 އަހަރުވާ އަންހެނެއްގެ ރޯލު ކަމަށްވާއިރު އަލުން މިރޯލު ކުޅެން އާ ތަރިއަކު ހޯދުމަކީ އެތަކެއް ދުވަހެއް އެކަމަށް ބޭނުންވާނެ ދުވަހެކެވެ.

ފިލްމުގެ ނުނެގި ހުރި މަންޒަރުތައް ނެގުމަށް މާހިރާ އިންޑިއާއަށް ގެނައުމަކީ ނުވާނެ ކަމަކަށްވީއިރު، ފިލްމު އުފައްދާ ފަރާތުން ވަނީ އެ މަންޒަރުތައް އަބޫ ދާބީގައި ނެގުމަށް ނިންމާފަ އެވެ. އެގޮތުން މި މަންޒަރުތައް ނެގުމަށް އަބޫ ދާބީގެ ސިއްރު ލޮކޭޝަނެއްގައި މުމްބައީގެ ހާއްސަ ސެޓެއް ވެސް ތައްޔާރުކުރުމަށް ނިންމާފައިވާ ކަމަށް ނޫސްތަކުގައިވެ އެވެ.

ނަމަވެސް މިމަންޒަރުތައް ނެގުމަށް ނިންމާފައިވާ ސިއްރު ތަނަކީ އަބޫ ދާބީކަން ފިލްމު އުފައްދާ ފަރާތުން އަދި ޔަގީންކޮށްދީފައެއް ނުވެ އެވެ.

ބުނެވޭ ގޮތުގައި މާހިރާ އިންޑިއާއަށް ގެންގޮސް މަންޒަރުތައް އިންޑިއާގައި ނުނަގާ ގޮތަށް ނިންމީ އިތުރު އެއްވެސް މައްސަލައެއް ދިމާވެ ފިލްމު އިތުރަށް ލަސްވުމަށް ޕްރޮޑިއުސަރުން ބޭނުން ނުވާތީވެ އެވެ.

ކުރިން ސަލްމާން ޚާންގެ "ސުލްތާން" އާއެކު މިއަހަރުގެ ފިތުރު އީދުގައި މި ފިލްމު ރިލީޒްކުރާ ގޮތަށް އޮތް ނަމަވެސް އެފިލްމާ ކުރިމަތިލުމަކަށް ނުދާންވެގެން އަންނަ އަހަރުގެ ޖެނުއަރީގައި ރިލީޒްކުރާ ގޮތަށް ލަސްކުރީ އެވެ.

ޕާކިސްތާނުގެ އެކްޓަރުންނަށް ބޮލީވުޑްގައި ހަރަކާތްތެރި ނުވެވޭނެ ކަމަށް މަހަރާޝްތްރަ ނަވްނިރްމަން ސޭނާ (އެމްއެންއެސް) ޕާޓީއިން ނިންމިތާ ގާތްގަނޑަކަށް އެއް މަސްފަހުން ވަނީ މިހުކުރު ދުވަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ "އޭ ދިލްހޭ މުޝްކިލް" އިންޑިއާގައި ރިލީޒް ކުރުމަށް ހުއްދަދީފަ އެވެ.