ފިނިޕޭޖް

ޖަވާންގެ ޓީޒާ އެންމެންނަށްވެސް ކަމުގޮސްފި

ޖަވާންގެ ޕްރިވިއު ނެރުމުން ފަހު ސަލްމާން ހާން ޝާހްރުކް ހާނަށް ޝައުޓް އައުޓެއް ދީފި އެވެ. އެއާ އެކު ދެން ފެނިގެން ދިޔައީ ބޮލީވުޑްގައި ތިބި އެންމެންހެން ޝާހްއަށް ތައުރީފް އޮއްސާލި ތަނެވެ.

"ޕަތާން" އަށް ލިބުނު ބޮޑު ކާމިޔާބީއަށް ފަހު ޝާހްގެ ދެން ނިކުންނަ ފިލްމު -- "ޖަވާން"ގައި ޝާހްރުކް މިވަނީ އަނެއްކާވެސް ފޭނުންގެ ސަމާލުކަން ހޯދާފަ އެވެ.

ދިގު އިންތިޒާރަކަށްފަހު ފުރަތަމަ ޓީޒާ ދައްކާލީ މިމަހު 10 ގައެވެ. ސޯޝަލް މީޑިއާއަށް ނުކުމެ ޝާހްއަށް ތައުރީފް ކުރި ފުރަތަމަ ވަރުގަދަ ސްޓާރަކީ ސަލްމާން އެވެ.

ސަލްމާން ވަނީ އަންގާރަ ދުވަހު އިންސްޓަގްރާމްގައި ޖަވާންގެ ޕްރިވިއު ޝެއާކޮށްފަ އެވެ. ކެޕްޝަންގައި އޭނާ ލިޔެފައިވަނީ "ޔަގީން އަހަރެން އެއްވަނަ ދުވަހު ފިލްމު ބަލާނަން" ކަމަށެވެ.

ރެޑް ޗިލީސް އެންޓަޓެއިންމަންޓްގެ އުފެއްދުމެއް ކަމައްވާ ޖަވާން އަކީ އެޓްލީ ޑައިރެކްޓް ކޮށްފައިވާ ފިލްމެކެވެ.

މި ފިލްމް ޕްރޮޑިއުސްކޮށްފައިވަނީ ގައުރީ ޚާން އަދި ކޯ ޕްރޮޑިއުސްކޮށްފައިވަނީ ގައުރަވް ވަރްމާ އެވެ.

ދުނިޔޭގެ އެކި ގައުމުތަކުގެ ސިނަމާތަކުގައި ޖަވާން ޕްރިމިއާ ކުރާނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހު ހިންދީ، ތަމަޅަ އަދި ޓެލަގޫ ބަހުންނެވެ.