ސަލްމާން ޚާނާއި ޝާހްރުކް ޚާންގެ ވަރުގަދަ އަރައިރުންގަނޑެއްގެ ވާހަކައަކީ ވަރަށް މަޝްހޫރުވީ ވާހަކަ އެކެވެ. ކެޓުރީނާ ކައިފްގެ އުފަން ދުވަހުގެ ޕާޓީއެއްގައި މި ދެ އެކްޓަރުންގެ މެދުގައި ހިނގި ވަރުގަދަ ޒުވާބަކަށް ފަހު ދެ މީހުން ރުޅިވެގެން އެތައް ދުވަހަކު ތިއްބެވެ.
އޭގެ ފަހުން ބައެއް އީދު ޕާޓީތަކުން ދެ މީހުން ބައްދަލުވެ ސަލާން ގަލާން ކޮށް ރުޅިވެރިކަން އެއްފަރާތް ކޮށްލާފައި ވެއެވެ. ނަމަވެސް މި ދެ ތަރިންގެ ގުޅުން އެންމެ ބަދަހިވާން މެދުވެރިވީ ސަލްމާންގެ ކޮއްކޮ އަރްޕިތާގެ ކައިވެނީގެ ރަސްމިއްޔާތުގައި ޝާހްރުކް ބައިވެރިވީ ދުވަހުން ފެށީގެންނެވެ. އެ ދުވަހުން ފެށިގެން ދެ މީހުން ވަނީ އެކަކު އަނެކަކާ އޮތް ހަސަދާއި ރުޅިވެރިކަން ނައްތާލައި އަލުން އެކުވެރިވާން ނިންމާފަ އެވެ.
އެ ދުވަހުން ފެށިގެން މިހާތަނާ ޖެހެން ދެން ވެސް ޝާހްރުކް އާއި ސަލްމާންގެ ގާތްކަން ވަނީ ވަރަށް ބޮޑުވެފަ އެވެ. އަދި އެކަކު އަނެކަކަށް އިހުތިރާމް ކުރުމުގެ ގޮތުން އެކަކު ކުޅޭ ފިލްމުތަކުގައި އަނެކަކު ޚާއްސަ މެހެމާނެއްގެ ގޮތުގައި ބައިވެރިވުން ވެސް ވަނީ އާންމު ކަމަކަށް ވެފަ އެވެ.
އެގޮތުން ސަލްމާންގެ "ޓިއުބުލައިޓް" ގައި ޝާހްރުކް ބައިވެރިވި އެވެ. އަދި ޝާހްރުކްގެ "ޒީރޯ' ގައި އޭނާއާއެކު ސަލްމާން ނަށާތަން ފެނިފައި ވެއެވެ.
ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި ޝާހްރުކް މިހާރު ކުޅެމުންދާ "ޕަތާން" ގައި ވެސް ސަލްމާން މެހެމާނެއްގެ ރޯލު ކުޅޭނެ އެވެ. ސަލްމާން ވަނީ މިކަން ކަށަވަރު ކޮށްދީފަ އެވެ.
ސަލްމާން ހޯސްޓްކުރާ ކަލާޒް ޓީވީގެ ރިއަލިޓީ ޝޯ "ބިގް ބޮސް 14 ގެ "ވީކްއެންޑް ކާ ވާރް" އެޕިސޯޑުގައި ވާހަކަ ދައްކަމުން ސަލްމާން ބުނީ މިއީ މި ޝޯ އޭނާ ހޯސްޓްކުރާ ފަހު ވީކްއެންޑް ކަމަށެވެ. އަދި "ބިގް ބޮސް 15"ގެ ޝޫޓިން ފެށުމުގެ ކުރިން އިތުރު ފިލްމުތަކެއް ނިންމާނެ ކަމަށް ވެސް ސަލްމާން ބުންޏެވެ.
"ޕަތާން ކުޅެންޖެހޭ. ޓައިގާ ކުޅެން ޖެހޭ. ކަބީ އީދު ކަޕީ ދިވާލީ ކުޅެންޖެހޭ،" ސަލްމާން ބުންޏެވެ.